ދަރުސް ފެށުމުގެ ކުރިން މިއަދު ހެނދުނު އަހުރެންނަށް މީހަކު ވީޑިއޯއެއްގައި ފެނުނު ކަންކަން ކިޔައިލަދޭނަމެވެ.
އެއީ ފަޤީރު އަންހެނެކެވެ. ދިރިއުޅެންކުރާ މަސައްކަތަކީ އޮފީހެއްގެ ކުނިކަހައި ސާފުކޮށް ބެލެހެއްޓުމެވެ. އޭނާގެ ކުރިމައްޗަށް ޒުވާން އަންހެންކުއްޖަކު ވެއްޓެނީއެވެ. ވެއްޓުމުން ނަގައި ތެދުކޮށް ބަލައިލުމުން އިޙްޞާޞްކުރެވުނީ އެކުއްޖާ ވެއްޓުނީ ހައިހޫނުކަމުގައި ހުރުމުގެ ސަބަބުން މޫނުމައްޗަށް އަނދިރިވެގެން ކަމެވެ.
އެވަޤުތު އޭނާގެ އަތުގައި އަތުގައި ހުރި ފައިސާކޮޅު އެކުއްޖާ ނުހިފަން އުޅެނިކޮށް ގަދަކަމުން މުށުތެރެއަށް ލައްވާފައި ބުންޏެވެ. "ކޮންމެވެސް އެއްޗެއް ގަނެގެން ކައިލާށެވެ! އަޅައިލާނެ މީހަކު ނެތްނަމަ ހަވީރު 4 ޖަހާއިރު މިތަނަށް އަންނާށެވެ. މަސައްކަތް ނިމިގެން އަހުރެން ގެއަށްދާއިރު އަހުރެންނާއިއެކުގައި ގޮސް އަހުރެން އުޅޭ ޙާލެއްގައި އަހުރެންގެ ގާތުގައި އުޅެވިދާނެއެވެ."
އެއިރު އޮފީހުގެ ވެރިމީހާ އެއަޑުތައްއަހަން ފަހަތުގައި ހުއްޓެވެ. ވެރިމީހާ އޭނާއަށް އެއްވެސް ކަމެއް ނުއެނގޭކަމަށް ހަދާފައި ގޮސް އޮފީހަށް ވަދެ އިސްމުވައްޒިފަކު ގެނެސް ފައިސާތަކެއް ދީފައި އެފައިސާ އެމަސައްކަތު އަންހެން މީހާއަށް ދޭން ބުންޏެވެ.
އެމީހާގެ ހިތަށް ދަހިވެތިކަން ވަދެ އޭނާއަށް ފައިސާދިނުމުގެ ބަދަލުގައި ގޮސްބުނީ މިއަދުން ފެށިގެން ވަޒިފާއިން ވަކިކުރީކަމަށާއި ހަމަ މިހާރު ފެއަށް ދިއުމަށެވެ. އޭނާ ހީކުރީ އެއިރުން ވެރިމީހާއަށް އޭނާއާއި ބައްދަލުނުވާނެ ކަމަށެވެ. ފައިސާތައް އޭނާ ބޭނުންކުރިކަން ނުއެނގޭނެ ކަމަށެވެ.
އެއްވެސް ކުށެއް ނެތި ވަޒިފާއިން ވަކިކުރީމާ ވީދެރައިން އަންހެން މީހާ ސިއްރުން އޮފީހަށް ވަދެގެން ގޮސް ވެރިމީހާގެ އޮފީހަށް ވަދެ އޭނާއަކީ ވަރަށް ދަތިޙާލުގައި ދެދަރިން ބަލާ އެކަނިވެރި މައެއްކަން ބަޔާންކޮށް އޭނާ ވަޒީފާއިން ވަކިކުރީ ކޮންކޮށެއް ކުރެވިގެންތޯ ސުވާލުކުރުމުން ކަންތައް ހިނގައިގެން އުޅޭގޮތް ވެރިމީހާއަށް ވިސްނި އެމީހާ ގެނުވިއެވެ.
ސުވާލުކުރުމުން އެމީހާ ފުރަތަމަ އުޅުނީ ދޮގުހަދާށެވެ. ބުނީ އަންހެންމީހާ އުޅެނީ ވެރިމީހާގެ ހަމްދަރުދީ ހޯދައިގެން ވެރިމީހާގެ އަތުން ފައިސާ ހޯދަން ކަމަށެވެ. ވެރިމީހާ ތެދުވެގެންގޮސް އޭނާގެ ޖީބުތައް ޗެކުކުރީމާ އޭނާއާއި ޙަވާލުކުރި ފައިސާތައް އޭނާގެ ޖީބުން ފެނުނެވެ.
ވެރިމީހާ ބުންޏެވެ. "ފައިސާ ހޯދަން އުޅެނީ ކާކުކަން މިހާރު އެނގިއްޖެ ނޫން ހެއްޔެވެ؟ މިވަޤުތުން ފެށިގެން ވަޒިފާއިން ވަކިކޮށްފީމެވެ. އަވަހަށް މިތަނުން ނުކުމެގެންދާށެވެ!" އެމީހާ ވަރަށް ދެރަވެ ދެފައިމައްޗަށް ތިރިވެ މާފަށް އެދި އާދޭސްކުރުމުންވެސް ވެރިމީހާގެ ނިންމުން ބަދަލެއް ނުކުރިއެވެ.
ވެރިމީހާ އެފައިސާތަކާއި އިތުރު ފައިސާ އަންހެން މީހާއަށް ދީފައި ބުންޏެވެ. "މަސައްކަތްކުރަންދާށެވެ. ކަމަކަށް ދަތިވެއްޖިއްޔާ ބުނާށެވެ! މިމަހުން ފެށިގެން މުސާރައިގެ އިތުރުންވެސް ފައިސާދޭނަމެވެ. ކަލޭ މިއަދު އެއަންހެންކުއްޖާއާއިމެދު ކަންތައްކުރިގޮތް ވަރަށް ގާތުން ދުށީމެވެ. އަހުރެންނަށްވުރެ ކަލޭގެ ދީލަތިކަން މާބޮޑެވެ. ކަލޭ އެއަންހެންކުއްޖާއަށް ފައިސާކޮޅު ދިނީ ދަތިޙާލުގައި ހުރެއެވެ. އޭނާ ބަލަން ޙަވާލުވީ ތިހައި ދަތިޙާލުގައި އުޅެމުންނެވެ. މާތް ﷲ ކަލެއަސް ހެޔޮ ރަޙްމަތް ލައްވަވާނެތެވެ! އިން ޝާ ﷲ
އަހުރެންގެ ނަޞީޙަތަކީ ފައިސާއަށް ކިތަންމެ ބޮޑަށް ބޭނުންވެގެން ހުރިނަމަވެސް އެއްވެސް މީހެއްގެ ޙައްޤަކަށް އަރައިނުގަންނާށެވެ! ޚާއްޞަކޮށް ދަތިޙާލުގައި އުޅޭ އެކަނިވެރި މައަކަށް ދެރަވާނެ އެއްވެސް ކަމެއް ނުކުރާށެވެ! އެމީހަކަށް ކުރިމަތިކުރައްވަވާ މުޞީބާތްތައް މާބޮޑުވާނެއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން