ނަމާދުކުރަން ހިތުލައިގެން ހުއްޓައި ހަނދާންނެތުނީ ހެއްޔެވެ؟ ދެން ހަނދާންވީ އިރު އޮތީ ނަމާދު ވަގުތު ފާއިތުވެފައި ހެއްޔެވެ؟ ދެން އެ ނަމާދުކުރަން ބުރަ ހީވީ ހެއްޔެވެ؟ ދެން ތިމާއަށް މި ކުރެވުނީ ވަރަށް ބޮޑު ފާފައެކޭ، ތިމާއަކީ އެއްވެސް ހެވެއް ނެތް މީހެކޭ ހީވީ ހެއްޔެވެ؟ ދެން އެ ނަމާދު ކުރިޔަސް، މާތް ﷲ ޤަބޫލުނުކުރައްވާނޭ ހީވި ހެއްޔެވެ؟
ހާސް ނުވާށެވެ! ޝައިޠާނާ ބޭނުންވަނީ ތިބާ މާޔޫސްކޮށްލާށެވެ. އޭނާއަށް އެ ފުރުޞަތު ނުދޭށެވެ.
މާތް ﷲގެ ރަޙްމަތް ވަނީ ތަނަވަސްވެގެންނެވެ. އެ އިލާހު އެދިވޮޑިގަންނަވަނީ އަދި ލޯބިވެވޮޑިގަންނަވަނީ ތިބާ އެ އިލާހާ ކުއްތަންވުމަށެވެ.
ނަމާދުކުރަން ހިތުލައިގެން ހުއްޓައި، ވަގުތު ފާއިތު ވިޔަސް، ދެން ހަމަ ހަނދާންވުމާ އެކު އެ ނަމާދެއް ކުރަން އަވަސްވެގަންނާށެވެ. ދެން ލަސްނުކުރާށެވެ.
ޝައިޠާނާއަށް ކުރި ލިބުނަ ނުދޭށެވެ.
ޢަޒުމް ވަރުގަދަ ކުރާށެވެ. ނަމާދު ގަޑިންގަޑިއަށް ބަރާބަރަށް އަދާ ކުރެވޭތޯ މަސައްކަތް ކުރާށެވެ. ތައުފީޤަށް އެދި ގިނަގަނައިން ﷲއަށް ދުޢާކުރާށެވެ!
- ޝައިޚް ޝަފީޢު ޢަބްދުﷲ