ފާފަފުއްސަވައި ދެއްވެވުން އެދި ދެންނެވުމުގައި ބައެއް މީހުންނަށް އަރާ އޮޅުމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ފާފަފުއްސަވައި ދެއްވެވުން އެދި ދެންނެވުމުގައި ބައެއް މީހުންނަށް އަރާ އޮޅުމެއް!

ތައުބާވުންމަތީގައި ހުންނަ މީހާވެސް އަސްތަޣްފާރުކުރަންޖެހޭނެ ހެއްޔެވެ؟ މިސުވާލު އެކުރެވެނީ އަރާފައި އޮންނަ އޮޅުމެއްގެ ސަބަބުންނެވެ. އެހެންކަމުން މިގެނެސްދެނީ އެއޮޅުން ސާފުވެލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ  

ކޮންމެ އަޅުކަމެއް ކުރުމުގައިވެސް ހިތާއި ދޫ ވަނީ ގުޅި ލާމެހިފައެވެ. ގުނަވަންތައްވެސް ވަނީ ލާމެހިފައެވެ. އެހެނީ ކޮންމެ ގިނަވަނަކުން ކުރިނަމަވެސް ހިތަށް އެކަމެއް ނުގެންނަމަ އެއީ ހެޔޮ ޢަމަލަކަށްނުވާނެއެވެ. ކުރާ ކޮންމެ ޢަމަލެއްވެސް ހެޔޮ ޢަމަލަކަށްވުން އޮތީ މީހާގެ ނިޔަތުގެ މައްޗަށް ކަމުގައިވާތީއެވެ.  

އަސްތްޣްފާރުކުރުމާއި ތައުބާވުމަކީ ދެކަމެކެވެ. ނަމަވެސް ގުޅިލާމެހިފައިވާ ދެކަމެކެވެ. އެހެނީ ތައުބާވުމަކީ ހިތުންކުރާ ކަމެކެވެ. އިސްތިޣްފާރުކުރުމަކީ ފާފަ ފުއްސަވައިދެއްވެވުމަށް އެދޭހިނދު ހިތުންނާއި ދުލުން އެކަން ހާމަކޮށް ﷲ ތަޢާލާއަށް ދަންނަވާ ދެންނެވުމެވެ.  

ފާފަފުއްސަވައިދެއްވެވުން އެދި އަސްތަޣްފިރުﷲ ކޔުމަކީ އެންމެ ފަސޭހަ ގޮތެވެ. ނަމަވެސް އެނޫން ޢިބާރާތަކުން ދެންނެވިނަމަވެސް ފާފަފުއްސަވައި ދެއްވެވުން އެދި ދަންނަވާ ދެންނެވުމަކީ އަސްތަޣްފާރުކުރުމެވެ.  

ތައުބާވުމަކީ ކޮބައިކަން ބަޔާންކުރައްވަވައި ދެއްވަވަން ރަސޫލް ޙަދީޘްފުޅު ކުރެއްވެވީ އެންމެ ދެކަލިއެކެވެ. އެއީ ތައުބާވުމަކީ ކުށް ޤަބޫލުކުރުން ކަމަށެވެ. ކުށް ޤަބޫލުކުރުމަކީ ހިތުން ކުރާ ކަމެކެވެ. ފާފަ ފުއްސަވައި ދެއްވެވުން އެދި ދެންނެވުމަކީ ހިތާއި ދުލުންކުރަންޖެހޭ ކަމެކެވެ.  

ޙަދީޘްފުޅުގައި ތިމަން ރަސޫލާ ކޮންމެ ދުވަހަކު ތައުބާވެވަޑައިގަންނަވަމެވެ. އިސްތިޣްފާރު ކުރައްވަވަމެވެ. އޮތީ މި ސަބަބަށްޓަކައެވެ.   

ވީމާ ތައުބާވުން ގިނަކުރާށެވެ! އަސްތަޣްފާރުކުރުންވެސް ގިނކުރާށެވެ! ކޮންމެ ދުވަހަކުވެސް އަދި ކޮންމެ ރެއަކުވެސް ތައުބާވާށެވެ!  

މީސްތަކުންނޭވެ! ފާފަކުރެވޭ މީހަކު އެތައް ފަހަރަކު ފާފަކުރެވުމުންވެސް ތައުބާވުމުން ކޮންމެ ފަހަރަކުވެސް ފާފަ ފުއްސަވައިދެއްވަވާކަން ޙަދީޘްފުޅުން އެނގެން އޮތްއިރު ކިތަންމެ ގިނަފަހަރު ފާފަ ކުރެވުނު ނަމަވެސް ތައުބާވާން ފަސްޖެހެންވީ އެއްވެސް ސަބަބެއް ނެތެވެ. ފާފަކުރުމަށް ﷲ ތަޢާލާ ރުހިވޮޑިގެނެއް ނުވެއެވެ. ނަމަވެސް ތައުބާވުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ.  

މީހަކަށް ފާފަކުރެވޭ ކޮންމެ ފަހަރަކު ތައުބާވަމުން ގޮސް 10 ވަނަ ފަހަރު ތައުބާވުމުން މަލާއިކަތުން ހެކިކުރައްވަވައި އޭނާގެ ފާފަ ފުއްސަވައިދެއްވެވިކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އެއީ އޭނާއަށް ފާފަކުރެވުނު ނަމަވެސް ﷲ ތަޢާލާއަށް ބިރުވެތިވީތީއެވެ. އޭނާގެ ފާފަތައް ފުއްސަވައި ދެއްވެވުމުން ނޫނީ އޭނާއަށް ސަލާމްތެއް ނެތްކަން އޭނާއަށް ޤަބޫލުކުރެވުނީތީއެވެ.

 

- ޑރ. ޔާސިރު ޤާދީގެ ދަރުސަކުން

 

މިއަދު އޮންލައިން