ދުޢާކުރަންވީ ރީތި އަންތބަކު ދެއްވެވުން އެދިގެނެއް ނޫން! ހިތަށް ހަމަޖެހުމާ އުފާވެރިކަން ގެނެސްދޭނެ އަންތބަކު ދެއްވެވުން އެދި މިދުޢާ ކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ދުޢާކުރަންވީ ރީތި އަންތބަކު ދެއްވެވުން އެދިގެނެއް ނޫން! ހިތަށް ހަމަޖެހުމާ އުފާވެރިކަން ގެނެސްދޭނެ އަންތބަކު ދެއްވެވުން އެދި މިދުޢާ ކުރައްވާ!

އެންމެންވެސް ރީތި ބޭނުންވާނެއެވެ. ރީތި ބޭނުންވުމާ ރީތީގެ ފަހަތުން ދުވުމަކީ ތަފާތު ދެކަމެކެވެ. ރީތީގެ ފަހަތުން ދުވެވޭނަމަ އެދުވެވެނީ ޝައިޠޯނާ ދައްކާ މަގުންނެވެ. ޝައިޠޯނާ ޒީނަތްތެރިކޮށްދޭ މަގުންނެވެ. ރީތީގެ ފަހަތުން ދުވާ މީހުންނަށް ހިތްހަމަޖެހުމާ އުފާވެރިކަން ނުލިބޭ ސަބަބަކީ އެއީއެވެ. 

ދުނިޔޭގެ ކަންކޮޅުތަކުގައި ކުރެވޭ ބޮޑެތި ހަނގުރާމަތަކަށްވުރެ ނުރައްކައުތެރިކަން ބޮޑީ އަމިއްލަ ގޭތެރޭގައި ކުރެވެމުންދާ ހަނގުރާމަތަކެވެ. ކުރިއަށްދާ ދެބަސްވުންތަކެވެ. ގޭތެރޭގައި ހަމަޖެހުން ނެތުމުންނެވެ. ކޮންމެ ދެބަސްވުމަކީ އަމިއްލައަތުން ގޮއްވައިލެވޭ ބޮމެއް ފަދަ ކަމެކެވެ.  

އެހެނަސް މިއަދުގެ ޙާލަތަށް ބަލައިފިނަމަ ގިނަ ދެމަފރިންގެ މެދުގައިވަނީ ދެބަސްވުމާއި އަރައިރުންވުމެވެ. ދަރިންގެ ޢަމަލުތައްވެސް ހުންނަނީ ހަމައެފަދައިންނެވެ. މިޙާލަތުން ސަލާމަތްކަން ލިބިފައިވަނީ ވަރަށް މަދު މީހަކަށެވެ. ވަރަށް މަދު ޢާއިލާއަކަށެވެ.  

ވީމާ ތިމާއަށް ލޯތްބާއި އަޅައިލުން ލިބޭނެފަދަ ބައިވެރިއަކު ދެއްވެވުން އެދި ދުޢާކުރުން ގިނަކުރަން މިވަނީ ޖެހިފައެވެ. އަދި ލިބިފައިވާ ބައިވެރިޔާގެ ކިބައިން އުފަލާއި ލޯތްބާއި ހިތްހަމަޖެހުން ލިބުން އެދިގެންނާއި ދަރިންގެ ކިބައިން ވެސް ލޯތްބާއި ހިތްހަމަޖެހުން ލިބުން އެދިގެންވެސް ދުޢާކުރުން ގިނަކުރަން މިވަނީ ޖެހިފައެވެ.  

ކީރިތި ޤުރްޢާނުގައި ބަޔާންވެގެންވާ މިދުޢާއަކީ މި ބަޔާންކުރި ކަންކަން ޙާޞިލުކުރަން ދެމަފިރިންވެސް ގިނަގިނައިން ކުރަން އޮތް ދުޢާއެކެވެ.  

رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامً 

"އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވަވާނދޭވެ! އަދި ތަޤްވާވެރިންނަށް އިމާމުން ކަމުގައި އަޅަމެން ލައްވަވާނދޭވެ!" (އަލްފުރްޤާން: 74)

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން