ތިމާ އެންމެ ބޮޑަށް ލޯބިވަނީ އަނބިމީހާ ދެކެ ކަމަށް ބުނަން ނުކެރެނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ތިމާ އެންމެ ބޮޑަށް ލޯބިވަނީ އަނބިމީހާ ދެކެ ކަމަށް ބުނަން ނުކެރެނީ ކީއްވެ؟

ގިނަ ބައަކު އެއްވެ ތިބި ތަނެއްގައި ތިބާއަށް އެތަނުގެ ސްޓޭޖަށް ދަޢުވަތުދީގެން ސްޓޭޖަށް އަރުވާފައި ތިބާ އެންމެ ލޯބިވަނީ ކާކުދެކެތޯ ސުވާލުކޮށްފިނަމަ "އަހުރެން އެންމެ ލޯބިވަނީ އަހުރެންގެ ބައިވެރިޔާ ދެކެ" ކަމަށް ބުނަން ކެރޭނީ ކިތައް މީހުންނަށް ހެއްޔެވެ؟ އަދި އެންމެ ލޯބިވަނީ އަނބިމީހާ ދެކެ ކަމަށް ބުނަންކެރޭނީ ކިތައް ފިރިހެނުންނަށް ހެއްޔެވެ؟  

މިއަދުގެ ކަންކަން މިހުރި ގޮތަށްބަލާއިރު ގިނައީ ބައިވެރިޔާ ދެކެ ލޯބިވާކަމާއި އެއީ ރަނގަޅު މީހަކުކަން މީސްތަކުންގެ ކުރިމަތީގައި ބުނެވެން ނެތް މީހުންނެވެ. އެވާގޮތް ފަހުން ބުނާނަމެވެ.  

މިސުވާލު ހަމަ މިގޮތަށް އަހުރެމެންގެ ލޮބުވެތި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ކުރެއްވެވުނު ހިނދު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ "އެންމެ ލޯބިފުޅުވަނީ އަނބިކަނބަލުން ޢައިޝާ ދެކެ" ކަމަށް ޙަދީޘްފުޅު ކުރައްވަވައިފައެވެ.  

ސުވާލަކީ މިއަދު ފިރިހެނުންނަށް އެހައި ސާފުކޮށް ޖަވާބުދޭން ނުކެރެނީ ކީއްވެގެން ހެއްޔެވެ؟ ޖަވާބެއް ލިބޭތޯ ބަލަމާ ހިނގާށެވެ!  

ފުރަތަމަ ކަމަކީ އެތައް އަނަހެނުންނެއްގެ ގާތުގައި އެންމެ ބޮޑަށް ލޯބިވަނީ އޭނާ ދެކެކަމަށް ބުނެވިފައި އޮތްނަމަ އެންމެ ބޮޑަށް ލޯބިވަނީ އަނބިމީހާ ދެކެ ކަމަށް ފައުޅުގައި ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟  

ދެވަނަ ކަމަކީ އެތައް ބައެއްގެ ގާތުގައި އަނބިމީހާގެ ގޯސްވާހަކަ ދައްކައި އަނބިމީހާދެކެ ލޯބިނުވާކަމަށް ބުނެވިފައި އޮތްނަމަ އެންމެ ބޮޑަށް ލޯބިވަނީ އަނބިމީހާ ދެކެ ކަމަށް ފައުޅުގައި ބުނެވޭނީ ކިހިނަކުންހެއްޔެވެ؟  

ދެން ބަލައިލަންވީ އަނބިންނަށެވެ. ހަމަ މިކަންކަން މިގޮތަށް ކުރިމަތިވެފައިވާ އަނބިން ނެތްކަމަކަށް ނުބުނަމެވެ. ނަމަވެސް ބުނަންކެރޭނެ ބަހެއް އެބައޮތެވެ. ނިޞްބަތުން ފިރިހެނުންނަށްވުރެ ވަރަށް ބޮޑުތަން މަދުވާނެއެވެ. ގޯސްއަނބިންވެސް ތިބޭނެއެވެ. އެކަމަށް  ދެކޮޅުބ ހަދަނީއެއް ނޫނެވެ. ވީމާ މިއީ އެއްވެސް ޙާލެއްގައި ހުރިހާ އަންހެނުންނަކީ ރަނގަޅު ބައެއް ކަމަށް ހަދަން ބުނި ބަހެއް ނޫނެވެ.  

އަނބިން އެހެން މީހަކާ ހިތާވެގެން ފިރިމީހާ ގާތުން ވަރިވެދާނެއެވެ. އެހެންމީހަކާ ކައިވެނިވެސްކޮށްފާނެއެވެ. އެކަމަކު ވަރަށް ނުބައި އަންހެނަކު ނޫނީ އެއްފަހަރާ ބައިވަރު ފިރިހެނުންނާއި ލޯބީގެ ގޮތުން ގުޅިގެނެއް ނުއުޅޭނެއެވެ.  

ކޮންމެއަކަސް ޒަވާޖީ ޙަޔާތް ކާމިޔާބުކުރަން ބޭނުންނަމަ މިކަންކަމަކީ ވިސްނަން ޖެހޭނެ ކަންކަމެވެ. އެންމެ ލޯބިވަނީ ކާކު ދެކެކަން ފައުޅުގައި ބުނަން ކެރެން އެބަޖެހެއެވެ. ގިނަ ބައެއްގެ ގާތުގައި އެންމެ ބޮޑަށް ލޯބިވަނީ އޭނާ ދެކެ ކަމަށް ބުނެ އޮޅުވާލަމުން ހިނގުން ހުއްޓާލަން އެބަޖެހެއެވެ.

 

- އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން