ގެއަށް އައުން ލަސްވާތީ ޝަކުވާކުރާނީ ޙަޤީޤީ ލޯބިވާ އަނބިން! ރުޅިއަންނަން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ގެއަށް އައުން ލަސްވާތީ ޝަކުވާކުރާނީ ޙަޤީޤީ ލޯބިވާ އަނބިން! ރުޅިއަންނަން ހެޔޮނުވާނެ!

"އަހުރެން މިހައި ބުރަކޮށް މަސައްކަތްކޮށްފައި ގޮސްފައި ގޮސް ގެއަށް ވަންނައިރަށް އަނބިމީހާ ޝަކުވާކުރަނީއެވެ! އަދި މަސައްކަތުގެ ވަޤުތުގައިވެސް އުނދަގޫކުރަނީއެވެ." މިއީ ބުރަކޮށް މަސައްކަތްކުރާ ވަރަށް ގިނަ ފިރިންގެ ޝަކުވާއެކެވެ.  

ސުވާލަކީ އަނބިމީހާ އުނދަގޫކުރަން ކުރަނީ ކޮންކަމެއްތޯއެވެ؟ ގެއަށް ވަނީމާ ކުރަނީ ކޮން ޝަކުވާއެއްތޯއެވެ؟  

ޖަވާބަކީ އުނދަގޫކުރަން ކުރާ ކަމަކީ ގުޅާފައި ގެއަށް އަންނަ އިރަކާއިމެދު ސުވާލުކުރުން ކަމަށްވެފައި ގެއަށް ދިއުމުން ކުރާ ޝަކުވާއަކީ ގެއަށް ދިއުން މާބޮޑަށް ލަސްވެގެން ފައުޅުކުރާ ކަންބޮޑުވުން ކަމަށްވާނަމަ ފިރިން އެކުރާ ޝަކުވާގައި އެއްވެސް ބުރަދަނެއް ނެތެވެ.  

ސަބަބަކީ އަނބިމީހާ ލޯބިވަނީ ހަމައެކަނި ފިރިމީހާދެކެ ކަމަށްވާނަމަ އަދި އަނބިމިހާއަކީ ފިރިމީހާގެ ކިބައިން ލޯތްބާއި އަޅައިލުން ބޭނުންވާ އަންހެނަކު ކަމުގައިވާނަމަ އެކަން އެގޮތަށް ކުރިމަތިވާނެއެވެ. އަދި ކީއްހެއްޔެވެ؟ ފިރިމީހާ ދިގުމުއްތަށް ތަންތަނަށް ދާނަމަވެސް ކަންބޮޑުވާނެއެވެ. އެއީ އަނބިމީހާ ލޯބިވަނީ ހަމައެކަނި ފިރިމީހާ ދެކެ ކަމަށްވާތީއެވެ.  

އެހެނެއް ނޫނެވެ. އަނބިމީހާގެ ބައިވަރު ލޯބިވެރިން ނުވަތަ ލޯބިވެރިއަކު ހުންނަނީއެވެ. އަނބިމީހާ ފިރިމީހާ އާއިއެކު ދިރިއުޅެނީ ހަމައެކަނި ތަނަވަސްކަމުގެ ބޭނުމުގައެވެ. އެހެންކަމަށް ވެއްޖެނަމަ ފިރިމީހާ ކޮންމެ ގޮތަކަށް އުޅުނަސް އެއްވެސް ޝަކުވާއެއް ނުކުރާނެއެވެ. ރަނގަޅުވާނީވެސް ގިނައިރު ބޭރުގައި އުޅުނު ވަރެކެވެ. އެއީ ލޯބިވެރިޔާއާއިއެކު ގިނަ ވަޤުތު ހޭދަކުރަން މަގުފަހިވާނެތީއެވެ.  

ވީމާ ބުނެލަން ބޭނުންވަނީ އަނބިމިހާއަކީ ތިމާއަށް ވަފާތެރި، އަދި އަނބިމީހާ ލޯބިވާންޖެހޭނީ ހަމައެކަނި ތިމާދެކެ ކަމަށް ޤަބޫލުކުރާނަމަ ފަށަމުން ބުނި ފަދަ ޝަކުވާތައް ކުރާނެއެވެ. ޝަކުވާ ކުރަނީ ކީއްވެގެންކަން ބުނެދީފީމެވެ.  

ވީމާ އެކަމަށް ވިސްނައި އަނބިމީހާގެ އިޙްޞާޞްތަކަށް ކަމޭހިތާށެވެ. ވަޤުތުދޭށެވެ. ލޯބިދޭށެވެ. ތިއަދައްކާ ބޭކާރު ވާހަކަތައް ދެއްކުން އަވަހަށް ހުއްޓައިލާށެވެ. ލޯބިން އެކުގައި ދިރިއުޅެން މަސައްކަތްކުރާށެވެ! ނަމަނަމަ ލިބިފައި ތިއަހުރި އެންމެ އަގުބޮޑު ޖަވާހިރެއް ފަދަ އަނބިމީހާ ދޫކޮށްނުލާށެވެ!

 

- އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން