ތިބާގެ ޙަޤީޤީ ސިފަ އޮޅުވާނުލަން ބުނީމާ ބަލަ މަމިހުރީ މަގޭ ސިފައިގައި ނޫންހޭ ބުނުމަކުން މައްސަލަ ޙައްލެއް ނުވާނެއެވެ. މީހާގެ ޙަޤީޤީ ސިފައަކީ ބޭރުފުށުގެ ސިފައެއް ނޫނެވެ. ބަލައިލަން މިއުޅެނީ އެކަމުގެ މައްޗަށެވެ. އިން ޝާ ﷲ
ދުނިޔޭގައި އުޅޭއިރު އެންމެ މުހިންމު ކަމަށް ބެލެވޭ ދެކަމެއް ވެއެވެ. އެއްކަމަކީ ޙަޔާތުގެ ބައިވެރިޔާއާއި ވީހާބޮޑަ ގުޅިގެން އުޅުމެވެ. ދެމީހުންގެ ގުޅުން ކެނޑި ދުރުވެދާނެ އެއްވެސް ޙާލަތެއް ކުރިމަތިނުކުރުވުމެވެ. މާނައަކީ އެފަދަ ޙާލަތެއް ކުރިމަތިވިޔަސް އަވަހަށް އެކަމެއް ޙައްލުކުރުމެވެ. ދެވަނަ ކަމަކީ މީހާގެ ޙަޤީޤީ ސިފައެވެ.
ބައެއް މީހުން ޙަޔާތުގެ ބައިވެރިޔާއާއި ގުޅުން ބަދަހިކުރަން ބޭނުންވާވަރުން އޭނާގެ ޙަޤީޤަތް އޮޅުވާލައެވެ. އެއީ ކުރެވޭ ވަރަށް ނުބައި ކަމެކެވެ. ސަބަބަކީ ޙަޤީޤަތް އޮޅުވައިލެވޭނީ ދާދި މަދު ދުވަސްކޮޅަކަށެވެ. ޙަޤީޤަތް ހާމަވާނެއެވެ. ފޮރުވައިގެން އުޅުނު ސިފަތައް ހާމަވެ ފެންނަން ފަށާނެއެވެ. އެއިރުން މުޅި ދިރިއުޅުންވެގެންދާނީ ބިލާހަކަށެވެ.
ވީމާ ކޮންމެ ދެމީހަކުނަމަވެސް ކައިވެނިކުރުމުގެ ކުރިން މިބުނި ކަންކަމަށް ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. ދެމީހުންވެސް ދެމީހުންގެ ޙަޤީޤަތް ހާމަކުރަންވާނެއެވެ. ކައިވެނިކުރަންވާނީ އެކަންކަމަށް ރުހިގެންނެވެ. ނޫންނަމަ ކައިވެނި ރޫޅުން އޮންނާނީ ދާދި ގާތުގައެވެ.
މީހާގެ ޙަޤީޤަތް ކަމަށް ބެލެވެނީ އެމީހަކު ބޭނުންވާ ކަންކަމެވެ. އެމީހާގެ ކިބައިގައި ހުންނަ ސިފަތަކެވެ. އެކި ޙާލަތްތަކުގައި އެމީހަކަށް ޢަމަލުކުރެވޭ ގޮތެވެ.
މިކަންކަމުގެ ތެރޭގައި އަނެކާއަށްޓަކައި ބަދަލުކުރަންޖެހޭ ކަންތައްތަކެއް ހުރިނަމަ ބަދަލުކުރަން އެއްބަސްވާންވާނީ ވަރަށް ރަނގަޅަށް ވިސްނުމަށްފަހުގައެވެ. އެކަންކަން ބަދަލުކުރެވޭނެ ކަމުގެ ޔަޤީންކަން އޮތްނަމައެވެ. އެއީ ހަމައެކަނި ވާވަޢުދަކަށް ހަދާލައި އެހިސާބުން އެކަން ނިންމާލައިގެން ނުވާނެއެވެ.
އެއްވެސް މީހެއްގެ ޚަޞީލަތް ބަދަލު ނުކުރެވޭނެ ކަމަށް ގިނަ ބައަކު ބުނެއެވެ. އެއީވެސް ރަނގަޅުވާހަކައެއް ނޫނެވެ. އެއްވެސް މީހެއްގެ ކިބައިގައި ހުންނަ އެއްވެސް ސިފައަކީ ބަދަލުނުކުރެވޭނެ ސިފައެއް ނޫނެވެ. އޮތީ ރަނގަޅު ނިޔަތުގައި މަސައްކަތްކުރުމެވެ.
ވީމާ ކައިވެނީގެ ކުރިންވެސް ކައިވެންޏަށްފަހުގައިވެސް މިކަންކަމަށް ވިސްނާށެވެ! އިކްލާޞްތެރިކަމާއިއެކު ކުރިއަށްދާން މަސައްކަތްކުރާނަމަ އެބައަކަށް، އެމީހަކަށް ﷲ ތަޢާލާ މަގުފަހިކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ
- އަލަފް / މިއަދުނޫހަށް