ބޮޑު ކަމެއް ކުރިމަތިވުމުން ސަޖިދައިގައި އޮވެގެންވެސް ކުރަން ޚާއްޞަ ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ބޮޑު ކަމެއް ކުރިމަތިވުމުން ސަޖިދައިގައި އޮވެގެންވެސް ކުރަން ޚާއްޞަ ދުޢާއެއް!

އެއްވެސް މީހަކަށް އަބަދު ކުރިމަތިވާނީ އެއްވަރުގެ ކަންކަމެއް ނޫނެވެ. ބޮޑެތި ކަންކަންވެސް ކުރިމަތިވާނެއެވެ. އެންމެ ބޮޑެތި ކަންކަންވެސް ކުރިމަތިވާނެއެވެ. އެކަމަކީ މުޅި ކައުނުފުރޭވަރުގެ ބޮޑުކަމެއް ނަމަވެސް އެކަމުން ސަލާމަތްކޮށްދެއްވެވުމަށް ﷲ ތަޢާލާ ކުޅަދުންވަތައެވެ. މިންވަރު ކުރައްވަވާއިރަށް އެކަމަކުން ސަލާމަތްވެވޭނެއެވެ.

اللهُمَّ لا سَهْلَ إلا مَا جَعَلتَهُ سَهْلا وَ أنتَ تَجْعَلُ الحزْنَ إذا شِئْتَ سَهْلا

މި ދުޢާގެ މާނައީ "ހައްދަވައި ގެންގުޅުއްވަވާ އިލާހްއެވެ. އިނބަ ﷲ ފަސޭހަކޮށްދެއްވެވި ކަމެއް މެނުވީ ފަސޭހައެއް ނުވާނެއެވެ. އިނބަ ﷲ އިރާދަކުރައްވަވައިފި ނަމަ ދަތި އުނގަގޫ ކަންކަން ފަސޭހަކޮށްދެއްވަވައެވެ." 

މިދުޢާއަކީ ތިމާއަށް ބޮޑުކަމެއް ކުރިމަތިވެއްޖެނަމަ ސަޖިދައިގައި އޮވެގެންވެސް ކިޔަން ޚާއްޞަ ދުޢާއެކެވެ. 

އަޅުގަނޑުމެން އެއްވެސް މީހަކަށް ކަމެއް ދިމާވާނީ ކުރިން އެކަން އެނގިގެނެއްނޫނެވެ. އެހެންކަމުން އެކަމަށް ތައްޔާރަށް ހުންނަން އެބަޖެހެއެވެ. ތައްޔާރަށް ހުންނަން ކުރަންޖެހޭ ކަމަކީ އެކަމަކުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާ ކުރެވޭ ހާލަތުގައި ތިމާ ހުރުމެވެ. 

މާނައަކީ އަބަދުވެސް ތައުބާވެ ހެޔޮ އަމަލުތައް ކުރުންމަތީގައި ހުންނަ މީހަކު ކަމުގައިވުމެވެ. ޙަލާލު ތަކެތި ކައި ބޮއި ހަދަމުން ގެންދިއުމެވެ. ހަރާމް ތަކެތީގެ ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް ގޮހޮރުގައި ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ނުޖެއްސުމެވެ. ހަމަ އެއްގޮތަކަށްވެސް ބޭނުން ނުކުރުމެވެ. 

ހަމައެއާއިއެކު ނަމާދު ވަގުތުން ވަގުތަށް ކުރުމުގައި ދެމިހުރުމާއި ފަރުޟްތައް އަދާކުރުންމަތީގައި ސާބިތުވެހުރުމެވެ. ގިނަގިނައިން ތައުބާވާ މީހަކު ކަމުގައިވުމެވެ. ދުޢާ ކުރެވޭ ހާލަތުގައި މީހާގެ ހުރިހާ ކަންކަން އަބަދުވެސް ބަހައްޓަމުން ގެންދިއުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން