ގިނަ ބައަކަށް މިވަނީ ތިމާ ކޮންމެހެންވެސް ފާސްވާންޖެހޭނެ އިމްތިޙާނު އޮޅިފަ! އޮޅޭ މީހުންނަކަށް ސަލާމަތެއް ނުވެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ގިނަ ބައަކަށް މިވަނީ ތިމާ ކޮންމެހެންވެސް ފާސްވާންޖެހޭނެ އިމްތިޙާނު އޮޅިފަ! އޮޅޭ މީހުންނަކަށް ސަލާމަތެއް ނުވެވޭނެ!

ދަތިކަންތައްތަކާއި ހިތްދަތި ޙާލަތު މިންވަރު ކުރައްވަވައިފިނަމަ އެއީ އާދައިގެ ކަމެއްކަމަށް ނުދެކޭށެވެ! އެއީ ތިބާގެ ކިބައިގައި އީމާންތެރިކަން ހުރި މިންވަރު އިމްތިހާންކުރައްވަވަނީއެވެ. ތިބާ ދަރަޖަ ކުރައްވަވަނީއެވެ. ވީމާ ފޭލްވެއްޖެނަމަ ދެންވާނެ ގޮތާއިމެދު ވިސްނައިލާށެވެ! 

އަހުރެމެންގެ ތެރެއިން ގިނަ ބައަކު އަބަދުހެން ފާލްވަމުން މިދަނީ އެ އިމްތިޙާންގައެވެ. ޙާލަތެއް ކުރިމަތިވުމުން ﷲ ތަޢާލާ އާއި ދުރަށް ޖެހެވޭތީއެވެ. އުންމީދު ކަނޑައިލެވޭތީ ވަކީލް ކުރުމުގައި ފޭލްވެވޭތީއެވެ.

ދުނިޔޭގައި ކިތަންމެ ބޮޑު މުޞީބާތެއްވެސް ކުރިމަތިވެދާނެއެވެ. ކިތަންމެ ދަތިޙާލުގައިވެސް އުޅެންޖެހިދާނެއެވެ. ބައްޔަކުން ޝިފާ ނުލިބި ދުނިޔެ ދޫކުރަންވެސް ޖެހިދާނެއެވެ. މިއިން އެއްވެސް ކަމަޚީ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. ފުރިހަމަ އީމާންކަންމަތީގައި މަރުވެވިއްޖެނަމަ އެހިސާބުން ދެން ދެއްވަވާ އުފާވެރިކަންމާބޮޑުވާނެއެވެ. ހަމަ ޤައިމުވެސް މަރުވުމަށްފަހު އެއްވެސް ބައްޔެއްގައި އުޅޭކަށް ނުޖެހޭނެއެވެ. ﷲ ތަޢާލާ އެންގެވި ގޮތަށް ދުނިޔޭގައި އުޅުނު ނަމަ ﷲ ތަޢާލާގެ ތަނަވަސް ރަޙްމަތެވެ. ނޫންނަމަ ޢަޛާބެވެ. ކޮންމެމީހަކަށްވެސް އޮތީ އެމީހަކު ދުނިޔޭގައި ހުރެ އަމިއްލައަށް އިޚްތިޔާރުކުރި ގޮތެކެވެ. 

ޔަޤީންކުރާށެވެ! ހިތްދަތިޙާލަތު ކުރިމަތިކުރައްވަވަނީވެސް އެޙާލަތުން ސަލާމަތް ކުރައްވަވާނީވެސް ހަމަ ﷲ ތަޢާލާއެވެ. ވީމާ ހިތަށް ދަތިކަމެއް ލިބުމުން އީމާންކަން ކުޑަކޮށްލައި ﷲ ތަޢާލާ ނަހީކުރެއްވެވި މަގުން ދެވިއްޖެނަމަ އެކަންވާނީ އެމީހަކަށް ހެދޭނެ އެންމެ ބޮޑު ގޯސްކަމުގައެވެ. 

މިފަދަ ވާހަކަތައް އަބަދުހެން ދައްކަން މިޖެހެނީ އެބޮޑު ގޯސްހެދޭ މީހުން ގިނަވާތީއެވެ. ކިރިޔާ ަކމެއް ކުރިމަތިވާއިރަށް ޝައިޠޯނާގެ ބައިވެރިންގެ ބަސް ޤަބޫލުކުރެވި މަގުން ކައްސާލައިގެންދާ މީހުން ގިނަވާތީއެވެ. އެފަދަ މީހުންގެ ތެރޭގައި ނުވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! އެއިރުން އެމީހަކަށް މިންވަރުކުރައްވަވާނީ އެންމެ ބޮޑު ރަޙްމަތެވެ. ސުވަރުގެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން