މުސްލިމުންނަށްވެސް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އަޅުކަންކުރާ ކަލާނގެތައް ގިނަވުމެވެ. އަހުރެން މިދައްކަނީ އެހެން ދީންތަކަށް އަޅުކަންކުރާ ވާހަކައެއް ނޫނެވެ. ފައިސާއާއި މަތީ ދަރަޖަތަކަށާއި މަތީ މަޤާމުތަކަށް އަޅުކަންކުރާ ވާހަކައެވެ. ﷲ ތަޢާލާ ފަރުޟް ކުރައްވަވާފައިވާ އަޅުކަންކުރުމަށްވުރެ އެކަންކަމަށް އިސްކަންދެވޭ ވާހަކައެވެ. ހުއްދަ ނޫން ގޮތުގައިވެސް އެކަންކަން ލިބިގަތުމަށް މަސައްކަތްކުރެވޭ ވާހަކައެވެ.
ދުނިޔޭގައި މިއަދު މިއޮތީ ފައިސާއާއި މަތީ ދަރަޖަތަކަށާއި މަތީ މަޤާމުތަކަށް އަޅުކަންކުރުން ޢާންމުވެފައެވެ. މުސްލިމުންގެ ތެރޭގައިވެސް މިއޮތީ އެކަން ޢާންމުވެފައެވެ. ގިނަބައެއްގެ އެންމެ ކަލާނގެއަކީ މިބުނި ކަންތައްތަކެވެ.
މިހެންބުނީމާ ހިތްހަމަނުޖެހޭނެ ބައަކު ތިބޭނެއެވެ. އެމީހުންގެ ގާތުގައި ބުނެލަން އޮތީ ފައިސާއާއި މަތީ މަޤާމާއި މަތީ ދަރަޖަ އަދި ބާރުވެރިކަމަކީ އެންމެ ބޮޑު ކަލާނގެކަމަށް ޤަބޫލުނުކުރެވޭނަމަ ﷲ ތަޢާލާއަށް ބިރުވެތިނުވެވެނީ ކީއްވެގެން ހެއްޔެވެ؟ ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ގޮތުގައި އެކަންކަން ލިބިގަންނަން މަސައްކަތްކުރަނީ ކީއްވެގެންހެއްޔެވެ؟
ކޮންމެ މީހަކުވެސް އެމީހަކު އެންމެ ލޯބިވާ ފަރާތަށް ޖެހިލުންވާނެއެވެ. އެފަރާތެއްގެ ލޯބިލިބުން ގެއްލިދާނެ ކަމެއް ކުރަން ބިރުގަންނާނެއެވެ. އެހެންކަމަށްވާއިރު ނިކަން ބުނެބަލާށެވެ! ފައިސާ އާއި މަތީ ދަރަޖަ އާއި މަތީމަޤާމާއި ބާރުވެރިކަން ހޯދަން މީހުން ކުރަން ޖެހިލުންވަނީ ﷲ ތަޢާލާ ޙަރާމްކުރެއްވެވި ކޮންކަމެއް ހެއްޔެވެ؟
މީސްތަކުންނޭވެ! މިފަދަ މުޖުތަމަޢުގައި ދިރިއުޅެންޖެހިފައިވާއިރު ކަންކަމަށް ވަރަށް ބޮޑަށް ވިސްނައި ސަމާލުކަންދޭންޖެހޭނެއެވެ. މިދައްކަނީ ވަކި ބައެއްގެ ވާހަކައެއް ނޫނެވެ. އެންމެ މަތިން ފެށިގެން ތިރިއަށް މިކަންކަން އޮތް ގޮތުގެ ވާހަކައެވެ. މިކަމަށް ދެކޮޅު ހެދޭނެ ގޮތެއް އަހުރެންނަކަށް ނުވިސްނެއެވެ.
އެންމެ އާދައިގެ ފެންވަރުގައި ޢާއިލީ ދިރިއުޅުމަށް ނިކަން ބަލައިލަބަލާށެވެ! ޒުވާން ޢުމުރުގައި ކައިވެނިކޮށް 5-6 ދަރިން ލިބިފައި ވަނިކޮށް ތަނަވަސް މީހަކު ކޮއްޓައިލާއިރަށް ވަރިވެގެން ދިއުމާއި ވަރިކޮށްލާފައި ދިއުން ޢާންމުނުވޭހެއްޔެވެ؟ މިވީ ކިހިނެއް ހެއްޔެވެ؟ އެދަރިން ބަލައި ﷲ ތަޢާލާގެ މަގުގައި ތަރުބިއްޔަތުކުރުމަށްވުރެ ބޮޑަށް އިސްކަން އެދެވެނީ ތަނަވަސްކަމަށް ނޫންހެއްޔެވެ؟ އަޅުވެތި އެވެވެނީ ތަނަވަސްކަމަށް ނޫން ހެއްޔެވެ؟
ތަންކޮޅެއް މައްޗަށް ބަލާލައިފިނަމަ ފައިސާގެ ދަހިވެތިކަމުގައި ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟ ކުރަން ޖެހިލުންވަނީ ކޮން ފާފައެއް ހެއްޔެވެ؟ އަރައިގަންނަން ޖެހިލުންވަނީ ކޮން ޙަރާމްކަމަކަސް ހެއްޔެވެ؟ މީހުން މަރާފައި ތަނަވަސްކަމާއި ދެންވެސް މިބުނި ކަންކަން ލިބިގަންނަން ޖެހިލުންވާ މީހަކު އެބަހުރިހެއްޔެވެ؟
ކޮންމެ މީހަކަށްވެސް އޮތީ އެމީހަކު ޙައްޤު މަގުގައި ހުންނަން މަސައްކަތްކުރުމެވެ. ޙައްޤުމަގުގައި އެމީހަކަށް ހުރެވިއްޖެނަމަ އެމީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގެންދާނެއެވެ. އިން ޝާ ﷲ
- އުސްތާޛާ ޔާސްމީން މުގާހިދުގެ ދަރުސަކުން