ގޭގަ އަނބިން ކައްކާ އެއްޗެތި ފިރިންނަށް ނުބައިވަނީ ހަމަ ރަހަކަމުނުދާތީތަ؟ ނޫނީ ބޭރުން ގިނައިން ކެވޭތީތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ގޭގަ އަނބިން ކައްކާ އެއްޗެތި ފިރިންނަށް ނުބައިވަނީ ހަމަ ރަހަކަމުނުދާތީތަ؟ ނޫނީ ބޭރުން ގިނައިން ކެވޭތީތަ؟

ގޭގައި އަނބިމީހާ ކައްކާއެއްޗެތި ފިރިމީހާއަށް ނުބައިވާ ސަބަބުތައް ހުރެއެވެ. އެއިގެ ތެރޭގައި އަނބިމީހާއަކީ ކުރިން ބަދިގެއާ ބީރައްޓެހި އަންހެނަކު ނަމަ ކައްކަން ނުއެނގުން ހިމެނެއެވެ. ނަމަވެސް މިހާރަކަށް އައިސް ގިނައިން ކުރިމަތިވަނީ އެމައްސަލައެއް ނޫނެވެ. 

ގިނަ އަނބިންގެ ބަހަށްބަލާއިރު އެމައްސަލަ ބޮޑުވެގެން މިއުޅެނީ އެމީހުންނަށް ކައްކަން ނުއެނގޭތީއެއް ނޫނެވެ. ފިރިމީހާއަށް ބޭރުން ކެވޭވަރު ގިނަވާތީއެވެ. 

"އަމިއްލަ ތަޖުރިބާގެ މައްޗަށް ބުނާނަމަ އަޅުގަނޑުގެ ފިރިމީހާ ބޭރުން ކެއުން ގިނަކުރާވަރަކަށް ގޭގައި ކައްކާ އެއްޗެތި ކަމުނުގޮސްގެން ކުރާ ޝަކުވާ ގިނަވެއެވެ. ޤަބޫލުކުރެވޭ ގޮތުން އެއީ ބޭރުން ބަނޑުފުރައިގެން ގެއަށް އަންނާތީއެވެ."

"ކުރީކޮޅު އަޅުގަނޑު ކައްކާ އެއްޗެތި ވަރަށް މީރުވެގެން އުޅޭ! ދުވަސްކޮޅެއް ފަހުން މީރެއް ނުވޭ! ކޮންމެވެސް އެއްޗެކޭ ކިޔާ! އެކަމަކު ކައްކަނީ އެއްގޮތަކަށް!" 

"އަޅުގަނޑަށް އުޅެންޖެހިފައިވަނީ ފިރިމިހާގެ ޢާއިލާއާއެކު! ރަހަކިޔަން އެނގޭވަރުގެ 13 މީހުން ގޭގައި އުޅޭ! އެކަމަކު އަޅުގަނޑު ކައްކާ އެއްޗެތި ކަމުނުދަނީ ހަމައެކަނި ފިރިމީހާއަށް! މިއީ މައްސަލައެއްނު؟"   

މިކަމުގަ ޚިޔާލު ހޯދަން ވާހަކަ ދައްކައިލެވުނު ގިނަފިރިހެނުން ޖަވާބެއް ނުދެއެވެ. ބައެއް މީހުން ބުނީ ތިއައީ ސުވާލުކުރާވަރުގެ ކަމެއް ނޫންކަމަށެވެ. 

ކޮންމެއަކަސް މިއީ ޙައްލުކުރަން ޖެހިފައިވާ ކަމެކެވެ. ދިރިއުޅުމުގެ ޚަރަދުތައް މިހައި ބޮޑުއިރު ބޭރުން ކެއުމާއި ގަނެގެން ކެއުން މަދުކުރަންޖެހިފައިވާކަން ފާހަގަކުރެވެއެވެ. ހަމައެއާއިއެކު ދެމަފިރިން އެކުގައި ކައިބޮއި ހެދުމަކީ ލޯބި އިތުރުވާ ކަމެކެވެ.

 

މިއަދު އޮންލައިން