ތިބާ ބީރުވެ މަންމަންވާން ޖެހޭ 2 ޙާލަތަށް ސަމާލުކަންދީފިނަމަ އެހެން މީހުން ކިޔާ އެއްޗަކަށް ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ތިބާ ބީރުވެ މަންމަންވާން ޖެހޭ 2 ޙާލަތަށް ސަމާލުކަންދީފިނަމަ އެހެން މީހުން ކިޔާ އެއްޗަކަށް ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެ! އިން ޝާ ﷲ

އަހުރެން މިވާހަކަކޮޅު މިބުނަނީ މީހުން ކިޔާ އެއްޗެއްސަށް ވިސްނަން ހަދައިގެން ނުނިދިގެން އުޅެންޖެހުމުގެ އިތުރުން ލޭމައްޗަށްދާ ބަލި ޖެހޭ ހިސާބަށްދާ މީހުން އެޙާލަތުން ސަލާމަތްކުރެވޭތޯއެވެ. ވީމާ މިބުނާ ވާހަކަކޮޅަށް ރަނގަޅަށް ވިސްނާށެވެ.  

އަމިއްލަ ގޭގައި އުޅޭ ބައެއް މީހުންނަކީވެސް، ބައެއް އެކުވެރިންނަކީވެސް އަދި އޮފީހުގައި މަސައްކަތްކޮށް އެކުގައި އުޅެންޖެހޭނެ ބައެއް މީހުންނަކީވެސް ތިބާ ރުޅިއައިސް ހިތުގައި ޖެހޭނެ ފަދަ ނުބައި ބަސްތައް ބުނާނެ މީހުންނެވެ. އެއީ ޝައްކުކުރަންޖެހޭ ކަމެއްވެސް ނޫނެވެ.  

މިބުނި ޒާތުގެ މީހުންނާއިމެދު ތަންކޮޅެއް ފުންކޮށް ވިސްނައިލަމާހިނގާށެވެ. މިކަމުގައި އަހުރެންނަށް ވިސްނުނު ގޮތް ވެސް ބުނެލާނަމެވެ.  

ފުރަތަމަ ކަމަކަށް އަހުރެން ކުރަން ފެށިކަމަކީ މީހަކު ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ކޮންމެ އެއްޗެއް ބުނި ނަމަވެސް އަޅައިނުލަނީއެވެ. ދެރަވެސް ނުވަނީއެވެ. އަހުރެންނަށް ވިސްނުނު ގޮތުގައި އެފަދަ މީހުންގެ މައްސަލަތައް އެއީ ބޮޑުކަމެއްކަމަށް އަހުރެމެންނަށް ވެގެންދަނީ އެކަންކަމަށް ވިސްނާތީއެވެ.  

މީހަކު ބަހެއް ބުނާއިރަށް ހިތުގައި ޖެހިގެން އުޅޭކަން އޭނާއަށް އެނގިއްޖެނަމަ އޭނާވާނީ އުފާ ނޫންހެއްޔެވެ؟ ވީމާ ކުރަން އޮތް އެންމެ މޮޅުކަމަކީ އެފަދަ މީހުން "ތިބާގެ ސިކުނޑިއަށްލައި ފޮރުވައިގެން ނުގެންގުޅެ ބޭރުކޮށްލުމެވެ." އެކަން ނުކުރިނަމަ އޭނާ ހަމަ އުފަލުގައި ތިބާގެ ސިކުނޑީގައި ހުރެގެން ލަވަކިޔައި ނަށަމުންގެންދާނީ ނޫންހެއްޔެވެ؟  

ދެން އޮތީ އަނެއްބައެވެ. އެންމެ ގެއްލުން ބޮޑު އެންމެ ނުރައްކައުތެރި ބައެވެ. އެއީ ރުޅިއައިސްގެން އެމީހުންނަށް އެއްޗެތި ގޮވުމެވެ. އެއިރުން މިވަނީ ކިހިނަކުންހެއްޔެވެ؟ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ ޢަމަލުތަކުގެ ތެރެއިން ޢަމަލެއް ކުރެވި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ގެއްލިގެންދަނީއެވެ. ސުވަރުގެ ގެއްލި ނަރަކައާއި ކައިރިއަށް ޖެހެވެމުންދަނީއެވެ. މިއީ ކޮންމެ މީހަކަށްވެސް އެންމެ ގެއްލުން ބޮޑު ގޮތެވެ. އަމިއްލައަށް ލިބިގަނެވޭނެ އެންމެ ބޮޑު އަނިޔާއެވެ.  

ވީމާ އަހުރެން މިހާރު ޢަމަލުކުރާގޮތަކީ މީހުން އެއްޗެތިކިޔާ އަޑު ނުއަހަނީއެވެ. އަދި އެފަދަ ވާހަކައެއް އެހެންމީހަކު ބުނަން އުޅުނަސް އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ އެބާވަތުގެ ވާހަކަ އަހުރެންގެ ގާތުގައި ބުނުންވެސް މަނާކުރަނީއެވެ. އެގޮތަށް ކަންތައް ކުރުމުން ވަރަށް ބޮޑަށް ބޮލަށްފަށޭހަވެގެން ހިނގައްޖެއެވެ.  

ތިއަބޭފުޅުންވެސް ނިކަން ތަޖުރިބާކޮށްލަބައްލަވާށެވެ!

 

- އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން