ތިބާގެ ބައިވެރިޔާ ތިބާގެ ޚިދުމަތުގަ ދެގޮތެއްނުވެ ހުއްޓާ އަނެކާއަށް ލިބުނު ރީތި ބައިވެރިޔާ ވަކިވެގެން ދާތަން ނުފެންނަނީތަ؟ އޭނާގެ ރީތިކަމުން އެލިބުނީ އަނިޔާއެއް ނޫންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ތިބާގެ ބައިވެރިޔާ ތިބާގެ ޚިދުމަތުގަ ދެގޮތެއްނުވެ ހުއްޓާ އަނެކާއަށް ލިބުނު ރީތި ބައިވެރިޔާ ވަކިވެގެން ދާތަން ނުފެންނަނީތަ؟ އޭނާގެ ރީތިކަމުން އެލިބުނީ އަނިޔާއެއް ނޫންތަ؟

ބައިވެރިޔާގެ ރީތިކަން އޮތީ އޭނާ ކޮށްދޭ ކަންކަމުގައި ކަމަށް ބުނެފިނަމަ ރުޅިއަންނާނެ މީހުންވެސް ތިބޭނެއެވެ. އެއީ އެމީހުންގެ ސިކުނޑިއަށް ޖެހިފައި ހުންނަ ބައްޔަކުން ކަމަށްވުން ގާތެވެ. އެބަލި ޖެހުނީމާ ތިމާއަށް އެންމެ ފައިދާހުރި ގޮތެއް ނުވިސްނޭނެއެވެ. އުޅެން ބޭނުންވާނީ އަވާމެންދުރެއްގައެވެ. 

މަގުމައްޗަށް ނުކުތަސް މީހުން އެއްވާ ތަނަކަށް ދިއަނަމަވެސް އަދި ކޮންމެ ތަނަކަށް ދިއަ ނަމަވެސް ރީތި މީހުން ފެންނާނެއެވެ. އެއިގެ ތެރޭގައި ތިމާއަށް ލިބިފައިވާ ބައިވެރިޔާއަށްވުރެ މާރީތި މީހުންވެސް ތިބޭނެއެވެ.  

އަދި އެކުވެރިން ނުވަތަ އެނޫން މީހުންނަށްވެސް ލިބިފައިވާ ރިތި ބައިވެރިން ފެންނާނެއެވެ. ދެމީހުން އެކުގައި އުޅޭތަންވެސް ފެންނާނެއެވެ. ސުވާލަކީ އޭނާއަށް ރީތި ބައިވެރިއަކު ލިބުމުން ކަންބޮޑުވަނީ ކީއްވެގެން ހެއްޔެވެ؟  

މިވާހަކަ ދައްކާ ކޮންމެ ދުވަހަކުވެސް ބުނަމެވެ. ފެންނަ ކޮންމެ ރީތިމީހަކު ބޭނުންވާ މީހާއަށް ހިތްފުރޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. އެންމެ ފަހުން ފެނުނު ރީތި މީހާ ހޯދާތަނުން ހަމައެދުވަހު އޭނާއަށްވުރެ މާރީތި މީހުންވެސް ފެންނާނެ ނޫންހެއްޔެވެ؟ ވީމާ އެއީ ޙައްލެއް އޮތް މައްސަލައެއް ނޫނެއް ނޫންހެއްޔެވެ؟  

މިކަމުގައި އަހުރެންނަށް ފެންނަ ޙައްލުވެސް ބުނެލާނަމެވެ. ނިކަން ބުނެބަލާށެވެ. ތިބާގެ ބައިވެރިޔާ ތިބާގެ ޚިދުމަތުގައި ދެގޮތެއްނުވެ ހުއްޓައި އަނެކާއަށް ލިބުނު ރީތި ބައިވެރިޔާ ވަކިވެގެން ދާތަން ނުފެންނަނީހެއްޔެވެ؟ ރީތިކަމުން ކުރީ ކޮން ފައިދާއެއް ހެއްޔްވެ؟  

އަހުރެން ޤަބޫލުކުރާ ގޮތުގައި ޙައްލަކީ އެންމެ ރީތީ ލިބިފައިވާ ބައިވެރިޔާކަމަށް ޤަބޫލުކޮށް އެހެން މީހުންނަށް ކަޅިއެޅުން ހުއްޓައިލުމެވެ! ވިދާހައި އެއްޗަކީ ރަން ނޫންކަން އެބައެނގޭ ނޫންހެއްޔެވެ؟ ވީމާ ވިދާހައި އެއްޗެއް ހޯދަން ފީނަން ގޮތް ނުއެނގޭ، ފުންމިން ނުއެނގޭ ކަނޑަކަށް ފުންމާލަން އުޅެންވީ ކީއްކުރަންހެއްޔެވެ؟ ލިބިފައިވާ ގޮތް އެނގޭ ޖަވާހިރަށް ހިތްހަމަޖައްސާލައިގެން ހުރުމުން ކުރާ ފައިދާ މާބޮޑުވާނެކަން ޔަޤީނެވެ.  

މިމަޢުޟޫއަށް އަބަދު ބަސްބުނަން މިޖެހެނީ ވިސްނައިނުލާ ކުރެވޭ މިބާވަތުގެ ކަންކަމުގެ ސަބަބުން ކައިވެނިތައް ރޫޅި މުޖުތަމައުގައި އުފެދެމުން އަންނަ މައްސަލަތައް ގިނަކަމުންނެވެ. ކައިވެނިތައް ރޫޅުމުން ޖެހޭ ހަމައެކަނި މައްސަލައަކީ ދެމަފިރިން ވަކިވުމެއް ނޫނެވެ. ވަކިވި 2 މީހުން އެެހން ދެމީހުންނާއި ކައިވެނިކުރުމުން އެމީހުންގެ މައްސަލަތައް ޙައްލުވީއެވެ.  

މައްސަލައަކީ ބިކަވެ ނިކަމެތިވެ ޙާލުގައި ޖެހެމުންދާ ދަރިންނެވެ. އެދަރިން ބެލެހެއްޓުމެވެ. އެދަރިން ތަރުބިއްޔަތުކުރުމެވެ. މުސްލިމުންގެ ގޮތުގައި ބޮޑެތިކުރުމެވެ. ރޫޅިގެންދާ ކޮންމެ ކައިވެންޏަކާއިއެކު އެތައް ދަރިން ނިކަމެތިވަމުން އަންނަ ކަމެވެ.  

ވީމާ ކައިވެނިތައް ރޫޅެން މެދުވެރިވާ ހުރިހާ ސަބަބުތަކެއް ނައްތާލަން މަސައްކަތްކުރަން އެބަޖެހެއެވެ. ރީތީގެ ފަހަތުން ދުވުމާއި ތަނަވަސްކަމުގެ ފަހަތުން ދުވުން ހުއްޓާލައި ކައިވެނިކުރުމަށްފަހު ޚާއްޞަކޮށް ދަރިން ލިބުމަށްފަހު ކިތަންމެ ބޮޑު ޤުރްބާނީއެއްވެގެން ނަމަވެސް އެކައިވެނި ދަމަހައްޓަން މަސައްކަތްކުރަން އެބަޖެހެއެވެ. ނޫންނަމަ ޒިންމާ އުފުލަންޖެހޭނެ ދުވަހެއް އަންނާނެއެވެ. އެކަން އަބަދުވެސް ހަނދާންކުރަންވާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން