ސުންނަތް އަޅުކަންކުރުމުގަ ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ސުންނަތް އަޅުކަންކުރުމުގަ ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް-

ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރަމުން އަންނައިރު އެއް އަޅުކަމެއްކުރަން ފެށުމުން ކުރިން ކުރަމުން އައި ބައެއް ކަންކަން ކުރަން އެބަ ހުރަސް އެޅެއެވެ.

މިޙާލަތުގައި ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟ ކުރެވޭ ސުވާލުގެ ޖަވާބުގައި ބުނަން ޖެހެނީ އިސްލާމް ދީނުގައި ކުރަންޖެހޭ އަޅުކަން ﷲ ތަޢާލާ ވަނީ ތަރުތީބްކުރައްވަވައިފައެވެ. ފުރަތަމަ ފަޜުޟެވެ. ދެން ސުންނަތެވެ. ފަރުޟުތައް އަދާކުރުމަކީ މަޖުބޫރު ކަމެކެވެ. ވީމާ ނުކޮށް ދޫކޮށެއް ނުލެވޭނެއެވެ. 

މިޘާލަކަށް ފަރުޟު 5 ނަމާދު ކުރުމަކީ މަޖުބޫރު ކަމެކެވެ. ސުންނަތް ނަމާދުތައް ކުރުމަކީ މަޖުބޫރުކަމެއް ނޫނެވެ. ވީމާ ފަރުޟް ނަމާދުތަކަށް އުނިކަންދީފައި ސުންނަތް ނަމާދުތައް ކުރުމެއް ނެތެވެ. ހަމައެފަދައިން ރަމަޟާން މަހު ރޯދަހިފުން ވަނީ ފަރުޟު ކުރައްވަވައިފައެވެ. ހޯމަ، ބުރާސްފަތި، ހަނދުމަހުގެ 3 ދުވަހު ހިފާ ރޯދަތަކަކީ ސުންނަތް ރޯދަތަކެވެ.  

ސުންނަތް އަޅުކަންކުރަން އޮތީ އެމީހަކަށް ކެރިކުޅަދާނަވީ މިންވަރަކުންނެވެ. ރޭއަޅުކަންކުރުމުގައިވެސް އޮތީ ހަމައެގޮތެވެ. ވިތުރިގެ އެންމެ ރަކްޢަތެއް ކުރިނަމަވެސް އެބަފުދެއެވެ. ދަމުނަމާދުގެ 2 ރަކްއަތް ކުރިނަމަވެސް އެބަފުދެއެވެ.  

ބުނެލަން ބޭނުންވަނީ ސުންނަތް އަޅުކަން ކުރުމުގައި ބުރައަކަށް ނުހަދާށެވެ! އެމީހެއްގެ ކިބައިގައި ކެރިކުޅަދާނަކަން ހުރި މިންވަރަކުން ކުރަމުން ގެންދާށެވެ! ކުރިކުޅަދާނަކަން ލިބޭ މިންވަރަކުން އިތުރުކުރަމުން ގެންދާށެވެ. އަދި ހިތްވަރާއިއެކު ކުރަން މަސައްކަތްކުރަނިކޮށް ޙާލަތު ދިމާވާ ގޮތަކުން ކަމެއް ނުކުރެވުނު ނަމަވެސް އެކަމާއި އެހައި ބޮޑަށް ދެރަވެ މާޔޫސްނުވާށެވެ. ކުރެވޭގޮތްވުމުން ކުރާނީއެވެ.  

އަބަދުވެސް ހަނދާނުގައި ބަހައްޓަންވީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންދަނީ ކިތަންމެ ކުޑަ ޢަމަލެއް ނަމަވެސް ޤަވާއިދުކޮށް އެކަމެއް ކުރުމުން ކަމެވެ. ވީމާ ޤަވާއިދުން ކުރަމުން އަންނަ ކަންކަން ޤަވާއިދުން ކުރަން ގަދައަލައި މަސައްކަތްކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން