ސަމާލުވެލައްވާ!: ކުދިދަރިންގެ ހޭލުންތެރިކަން އެތައް ގުނައަކަށް ބޮޑުވެއްޖެ! ބޭރުން އައި ބޭބެ މަންމަގެ ގައިގަ ބައްދަފާނެތީ ދުރަށްދާން ބޭނުން ނުވި 8 އަހަރުގެ ކުއްޖެއްގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 20ސ
ސަމާލުވެލައްވާ!: ކުދިދަރިންގެ ހޭލުންތެރިކަން އެތައް ގުނައަކަށް ބޮޑުވެއްޖެ! ބޭރުން އައި ބޭބެ މަންމަގެ ގައިގަ ބައްދަފާނެތީ ދުރަށްދާން ބޭނުން ނުވި 8 އަހަރުގެ ކުއްޖެއްގެ ވާހަކަ!

އަޅުގަނޑަކީ އެކަނިވެރި މައަކީމެވެ. އެކަނި އިންނަތާ 2 އަހަރު ފަހުން ކައިވެނިކުރަން ބޭނުންވި މީހަކާ ބައްދަލުކުރަން ގެއަށް ގެނެސްފައި 8 އަހަރުގެ ދަރިފުޅުގާތު އިހަށް ކޮޓަރިއަށް ގޮސްބަލާށޭ ބުނީމާ އަޅުގަނޑު ގޮވައިގެން ދުރަށް ޖެހިލާފައި ބުންޏެވެ. "އަޅުގަނޑު ދުރުގައި އިނދެދާނަމެވެ. އެކަމަކު މަންމަ ނުފެންނަ ހިސާބަކަށް ނުދާނަމެވެ." ވަޤުތުން އެގޮތަށް ރުހުނީމެވެ. 

ފަހުން ދަރިފުޅުގާތު ވަރަށް ލޯބިން ސުވާލުކޮށްލުމުން ބުނީ "އެހެން އައި ބޭބެއަކު ކްލާސް ކުއްޖެއްގެ މަންމަގެ ގައިގައި ބައްދައި ހެދިވާހަކަ ކްލާސްކުއްޖަކު ބުނި" ކަމަށެވެ. 

އަޅުގަނޑަށް ދިއައީ ތަރިބުރައިގެންނެވެ. ބުނާނެ އެއްޗެއްވެސް ނުއެނގި ހުރެފައި ބުނީމެވެ. "މަންމަގެ ގައިގައި އަތްލެވޭނީ މަންމަ އާއި ކައިވެނި ކުރި މީހަކަށެވެ. ދަރިފުޅުގެ ބައްޕަވެސް މަންމަގެ ގައިގަ އަތްލީ ކައިވެނިކޮށްގެންނެވެ. ދަރިފުޅުވެސް ވާންވާނީ ހަމަ މަންމަ ފަދަ ކުއްޖަކަށެވެ." 

މިއީ އެޢުމުރުގައި ދަރިންގެ ގާތުގައި ދައްކަން އެހައި ރަނގަޅު ވާހަކައަކަށް ނުވިނަމަވެސް ދަރިފުޅުގެ ވިސްނުން އެހުރި ހިސާބުން ނުދައްކައި ނުވީމާ ދެއްކީއެވެ. 

މިއީ ކިޔުންތެރިއަކު ބުނި ވާހަކައެކެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމުން ފައިދާކުރާނެއެވެ. އިން ޝާ ﷲ 

ދަރިންނަށް ކަންކަން ވިސްނޭވަރުވުމުން، ކަންކަން ހަނދާން ހުންނަން ފަށާ އުމުރަށް އެޅުމުން އެކުދިންނަށް އަޑުއިވޭ ހިސާބުގައި ﷲ ތަޢާލާ ބާވައިލައްވަވާފައިވާ ހަމަ އެންމެ ޙުކުމްފުޅަކާއި އެއްވެސް މިންވަރަކަށް ތަޢާރަޒްވާ އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ އެވެ. އެފަދަ އެއްވެސް އަޑެއް އިއްވައިގެން ނުވާނެއެވެ. އަދި ހަމަ ފަދައިން ﷲ ތައާލާ ބަޔާންކުރައްވަވާފައިވާ އިންތަކުގެ ބޭރުން އެއްވެސް ކަމެއް ކުރާތަން ދަރިންނަށް ދައްކައިގެން ނުވާނެއެވެ. 

މުސްލިމް މުޖުތަމައުތަކުގެ މިއަދުގެ ޙާލަތަށް ބަލާލައިފި ނަމަ އެންމެ ގިނަ ބައަކު ކަންބޮޑުވާ އެއް ކަމަކީ އިސްލާމް ދީނާއިމެދު އެމީހުންގެ ދަރިންގެ ސަމާލުކަން ކުޑަވަމުން ދިއުމެވެ. އިސްލާމް ދީނަށް ޢަމަލުކުރުމުގައި ފަރުވާ ކުޑަކުރުމެވެ. ވީމާ އަހަރެމެން ވިސްނައިލަން ޖެހޭ ބައެއް ކަންކަން އެބަހުއްޓެވެ. 

އެއިގެ ތެރެއިން އެއްކަމަކީ މައިންބަފައިންގެ ވިސްނުމެވެ. އަހަރެމެންނަކީ މުސްލިމުންނެވެ. ﷲ ތަޢާލާއަށް ފުރިހަމައަށް އީމާންވެގެން ތިބި މީހުންނެވެ. މިކަން މައިންބަފައިންނަށް ޤަބޫލުކުރެވެނީ ކިހައި ވަރަކަށް ހެއްޔެވެ؟ އެކަމަށް އަމަލުކުރެވެނީ ކިހައިވަރަކަށް ހެއްޔެވެ؟ 

ބައެއް ގޭގޭގައި ޢާއިލާގެ އެތައް ބައަކު ދިރިއުޅެއެވެ. އެއިގެ ތެރޭގައި އިސްލާމް ދީނުގެ ކަންކަމަށް އެކި މިންވަރަށް އަމަލުކުރާ މީހުން ތިބޭނެއެވެ. ވީމާ ކުރިން މި ބުނި ފަދަ ކަމެއް ކުދިންނަށް ފެނުން ވަރަށް ކައިރިވާނެއެވެ. އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެއެވެ. އެހެނީ ކުޑަ ކުއްޖަކަށް އެފަދަ މަންޒަރުތައް ފެންނަ ނަމަ އެފަދަ ކަމެއް ކުރަނީ މައިން ބަފައިން ނޫން ނަމަވެސް އެކަމެއް ނުވިސްނޭނެއެވެ. ފެންނާނީ އެފަދަ ކަންކަން ކުރާތަނެވެ. ކުދިންގެ ސިކުނޑިއަށް އެކަމެއް ވަރަށް އަވަހަށް ނަގައިގަންނާނެއެވެ. 

ހަމަ އެފަދައިން ﷲ އެންގެވި ގޮތާއި ޚިލާފަށް އެއްވެސް ކަމެއް ކުދިންނަށް އަންގައި ދިނުން ހުއްދައެއް ނޫނެވެ. ކުއްޖާ ކުޑަވީމާ އެވެނިކަމެއް ހުއްދަކޮށްފައި މިވެނިކަމެއް މަނާ ނުކުރާނަމަ ކުދިންނަށް ދަސްކޮށް އެދެވެނީ ވަރަށް ނުބައި ގޮތްތަކެވެ. ކުއްޖާ ބާލިޣް ނުވާނަމަ ކުރި ކުށަށް އަދަބެއް ނުލިބޭނެއެވެ. ނަމަވެސް ބާލިޣް ނުވުމަކީ ކުށްކުރަން ލައިސަންސް ލިބޭ ކަމެއް ނޫނެވެ. މާނައަކީ ބާލިޣް ނުވާއިރުވެސް ކުށްކުރަން ދޫކޮށްލައިގެން ނުވާނެއެވެ. އެންމެ ކުޑަމިނުން ދޮގު ބުނުމަކީވެސް ގޯސްކަމެއްކަން އެންމެ ކުޑައިރުވެސް އަންގައިދޭންވާނެއެވެ. ޙަރާމް ކަންކަމުގެ މާނަ އެނގޭވަރުވުމުން އެއީ ޙަރާމްކަމެއްކަން އަނގައިދޭން ވާނެއެވެ. ޢަޛާބުގެ މާނަ އެނގޭވަރުވުމުން ﷲ ތަޢާލާ ޢަޛާބް ދެއްވަވާނެކަން އަނގައިދޭންވާނެއެވެ. 

ކުއްޖާ އެންމެ ކުޑައިރުން ފެށިގެން ﷲ ތަޢާލާ އާއިމެދު ތައްރީފްގެ ބަސްތައް ކުއްޖާއަށް އިއްވަން ވާނެއެވެ. ޗޮކްލެޓާއި ރީތި ހެދުން ހޯދާނެ މަގު ތަނަވަސްކޮށްދެއްވަވަނީ ﷲ ތަޢާލާކަން ބުނެދެމުން ގެންދާނަމަ ﷲ ތަޢާލާ އާއިމެދު ކުދިންގެ ހިތްތަކުގައި ދާނީ ޝައުޤުވެރިކަން އިތުރުވަމުންނެވެ. ލޯބިވެސް އިތުރުވަމުންނެވެ. "ޝުކުރު އަލްޙަމްދުލިﷲ" ފަދަ ﷲ ތަޢާލާއަށް ޝުކުރުވެރިވުމުގެ ބަސްތަކުގެ އަޑު ގިނަގިނައިން ކުދިންނަށް އިއްވުމަކީ ހަމަ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. 

ޗުއްޓީ ދުވަސްތަކުގައި ނިކަން ގޮނޑުދޮށްތައް ބަލައިލަބަލާށެވެ! ސްވިމިންގޕޫލްތައް ބަލައިލަބަލާށެވެ!  ބާލިޣްވެފައި ތިބި އަންހެން ކުދިން ސްވިމް ސޫޓު ލައްވައިގެން މޫދަށް ނުވަތަ ޕޫލަށް އެރުވާތަން ފެންނާނެއެވެ! ﷲ ތަޢާލާ ގަންދީ ބުނަމެވެ. ދަރިންނަށް އެފަދަ ތަރުބިއްޔަތު ދޭ މައިން ބަފައިން ފާފަވެރިވާނެއެވެ. އެކަމުގެ ޒިންމާ އުފުލަން ޖެހޭނެއެވެ. 

މިފަދަ ކަންކަމަށް ވިސްނައިލުމުން ކުދިންގެ އަޚްލާޤަށް ބަދަލުތައް އަންނަމުންދާ ސަބަބުތައް ވިސްނޭނެއެވެ. އަހަރެމެން ވާންވީ ކުދިންނާއިމެދު ޝަކުވާކުރާ ބައަކަށް ނޫނެވެ. ކުދިންނަށް ރަނގަޅު ގޮތް ދަސްކޮށްދީ ތަރުބިއްޔަތުކުރާ ބައަކަށެވެ. މައްސަލަތައް ޙައްލުކުރެވޭނީ އެއިރުންނެވެ. 

ވިސްނާށެވެ! ދަރިން އިސްލާމް ދީނުގެ ކަންކަމަށް ޝައުޤްވެރިކުރުވައި އިސްލާމީ ތަރުބިއްޔަތު ދިނުމުގެ މަސައްކަތަކީ ހަމަ އެންމެ ތުއްތުއިރުންސުރެ ކުރަންޖެހޭނެ މަސައްކަތެކެވެ. ކުދިންގެ ވިސްނުމުގައި އެންމެ ބޮޑަށް ހަރުލާނީ އެންމެ ޅަފަތުގައި ދެވޭ ތަރުބިއްޔަތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން