ފްލެޓާ ރިޒުޤަށާ ފާފުއްސަވައިދެއްވެވުން އެދިގެން ކުރަން އޮތް ދުޢާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ފްލެޓާ ރިޒުޤަށާ ފާފުއްސަވައިދެއްވެވުން އެދިގެން ކުރަން އޮތް ދުޢާ-

މިލިޔުމުގައި އެވަނީ އެންމެ ފައިދާކުރާނެ 3 ކަންތަކަށް އެދިގެން ކުރަން އޮތް ދުޢާއެކެވެ. އެއީ ބޯހިޔާވަހިކަމާއި ރިޒުޤާއި ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމެވެ.  

ހަނދުމަކޮށްދިނުމުގެ ގޮތުން މިދުޢާ މިގެނެސްދެނީ އެންމެ ގިނަ ބައެއްގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަމެއް ނުލިބުން ކަމަށްވާތީ އެކަމަށް އެދިގެން މަސައްކަތްކުރާއިރު މިފަދަ ދުޢާވެސް ކުރަންވާނެކަން ހަނދުމަކޮށްދިނުމަށެވެ.  

ދުޢާ:  

اللَّهُمَّ اغْفِرْ لِي ذَنْبِي، وَوَسِّعْ لِي فِي دَارِي، وَبَارِكْ لِي فِي رِزْقِي 

މިދުޢާގައި އެކުލެވިގެންވާ މާނައީ، "މިއަޅާގެ ފާފަތައް ފުއްސަވައި ދެއްވަވާނދޭވެ! މިއަޅާއަށް ގެދޮރުގެ ތަނަވަސްކަން ދެއްވަވާނދޭވެ! މިއަޅާއަށް ދެއްވަވާ ރިޒުޤްގައި ބަރަކާތް ލައްވަވާނދޭވެ!" 

މިދުޢާގައި "މިއަޅާއަށް ގެދޮރުގެ ތަނަވަސްކަން ދެއްވަވާނދޭވެ!" އޮތް ބަސްފުޅުގެ މާނައަކީ ހަމައެކަނި ދިރިއުޅޭނެ ގެއެއް    ނޫނެވެ. ތިމާއަށް ހުރިހާ ގޮތަކުން ހިތްހަމަޖެހުން ލިބިގެންދާނެގެއެކެވެ. ގެއިން އުފާވެރިކަން ލިބޭނެ ގެއެކެވެ. ގެއިން ހިތްހަމަޖެހުން ލިބޭނެ ގެއެކެވެ.  

މާނައަކީ ގޭގައި ދިރިއުޅޭ މީހުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ދެއްވެވުމެވެ. ގެއިން ޙާޞިލުނުކުރެވޭނެ އުފާވެރިކަމެއް ނެތުމެވެ.  

ދެން "މިއަޅާއަށް ދެއްވަވާ ރިޒުޤްގައި ބަރަކާތް ލައްވަވާނދޭވެ!" މިބަސްފުޅުގެ މާނައަކީ ކޮންމެހެން ގިނަ ފައިސާތަކެއް ދެއްވެވުމެއް ނޫނެވެ. ދެއްވަވާ މަދު ފައިސާކޮޅުގައި ބަރަކާތް ލައްވަވައިދެއްވެވުމެވެ.  

ހަމައެއާއިއެކު ފުރަތަމަ އެދި މިދަންނަވަނީ ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުމަށެވެ. ވީމާ ފާފަ ފުއްފުއްސަވައި ދެއްވެވުމަށް އެދި ދެންނެވުމަށްފަހު ދެންހުރި ކަންކަމަކީ ކޮންމެ މީހަކަށްވެސް ކޮންމެ ގެއަކަށްވެސް ކޮންމެ ޢާއިލާއަކަށްވެސް އެންމެ ބޭނުންތެރި ކަންކަމެވެ.  

މިފަދަ ދުޢާތައް މިހައި ފުރިހަމަ ޢިބާރާތުން ޙަދީޘްފުޅު ކުރައްވަވާފައި މިވަނީ ހަމަ އަހަރެމެންގެ ފައިދާއަށެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅުންނެވެ. ވީމާ މިފަދަ ދުޢާތައް ކޮންމެ ދުވަހަކުވެސް ކުރަމުް ގެންދާށެވެ! ގިނަގިނައިންނެވެ.

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން