އިސްލާމްދީނުގައި ބަޔާންވެ އެނގެން އޮތް އެއްވެސް ކަމަކާއިމެދު ޛައްރެއްގެ މިންވަރު ނަމަވެސް ޝައްކު ކުރާ މީހަކަށް ސުވަރުގެއިން އެއްވެސް ޖާގައެއް ނެތް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
އިސްލާމްދީނުގައި ބަޔާންވެ އެނގެން އޮތް އެއްވެސް ކަމަކާއިމެދު ޛައްރެއްގެ މިންވަރު ނަމަވެސް ޝައްކު ކުރާ މީހަކަށް ސުވަރުގެއިން އެއްވެސް ޖާގައެއް ނެތް!: މުފްތީ މެންކް

އިސްލާމް ދީނުގައި ބަޔާންވެގެންވާ ގޮތްތަކަށާއި ކަންކަމަށް ބަދަލު ގެންނަން ބިރު ނުގަންނަ މީހުން އަންނަނީ ގިނަވަމުންނެވެ. އިސްލާމް ދީނުގައިވާ ގޮތް ނޫން އެހެން ގޮތްގޮތަށް ކަންކަން ކުރަން ބޭނުންވުމުން ބަހަނާތައް ދައްކައެވެ. އެވެނި މިވެނި ޝައިޚަކު ވިދާޅުވި ކަމުގެ ބަހަނާ ދައްކައެވެ.

ރަނގަޅަށް ބަލާއިރު ޝައިޚް ވިދާޅުވި ބަސްފުޅުގެ މާނަވެސް އޮންނަނީ އޮޅުވާލައިފައެވެ. ޝައިޚް ވިދާޅުވި ވާހަކަ ލިޔަން އުޅުނު މީހާއަށް ކުށެއް ލިޔެވިގެންވެސް މާނަ ތަފާތުވެއެވެ. ޔަޤީންކުރަންޖެހޭނެ ކަމަކީ ﷲ ތަޢާލާގެ އެންގެވުމަކަށް ކިތަންމެ ކުޑަ ނަމަވެސް ބަދަލެއް ގެނައުމަކީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވެގެން ހުރި މީހަކު ކުރާނެ ކަމެއް ނޫންކަމެވެ.  

އިސްލާމީ ޝަރީޢަތަށް ބަލައިފިނަމަ ކިބުރުވެރިކަމުގެ މާނައިގައި ދެ ދަރަޖައެއް ވެއެވެ. ފުރަތަމަ ދަރަޖައަކީ ޙަޤީޤަތް ޤަބޫލު ނުކުރުމާއި އިންޞާފް ޤަބޫލު ނުކުރުމެވެ. ޖުމުލަ ގޮތެއްގައި ބަލާނަމަ ބޮޑާކަމުގެ މާނައަކީ ރަނގަޅު ހުރިހާ ކަމެއް ބަލައި ނުގަތުމެވެ.  

ކިބުރުވެރިކަމުގެ ދެވަނަ ދަރަޖައަކީ އެހެން މީހުންނަކީ އެއްވެސް އަގެއް ނެތް ބައެއް ކަމުގައި ޤަބޫލުކުރުމެވެ. ﷲ ތާޢާލާ ވަޙީ ކުރައްވަވާފައިވަނީ އިސްލާމްދީނުގައި ބަޔާންވެ އެނގެން އޮތް އެއްވެސް ކަމަކާއިމެދު ޛައްރެއްގެ މިންވަރު ނަމަވެސް ޝައްކު ކުރާ މީހަކަށް ސުވަރުގެއިން އެއްވެސް ޖާގައެއް ނެތް ކަމަށެވެ.  

އެނގިގެން މިދަނީ ﷲ ތަޢާލާގެ ޙުކުމްފުޅުތައް ބަހައްޓާފައި އަމިއްލައަށް ޙުކުމްތައް ނެރެ ޤާނޫނުތައް ހަދައިގެން އުޅޭ މީހުންނަށް ޤިޔާމަތް ދުވަހު ސުވަރުގެއާއި ވައިވެސް ނޭޅެވޭނެ ކަމެވެ. ސުވަރުގެ ވައްދަވާނީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިވެވިގެންނެވެ!  

ވިސްނާށެވެ. ޙަޤީޤަތަކީ އިސްލާމް ދީނުގައި ކަންކަން ބަޔާންވެގެންވާ ގޮތެވެ. އެކަން އެންމެންނަށްވެސް އެނގެއެވެ. އަދި އިސްލާމް ދީނުގައި ބަޔާންވެގްންވާ ކަންކަން ވެސް އެންމެންނަށް އެނގެއެވެ. އިސްލާމް ދީނުގެ އެއްވެސް ކަމަކީ ހޯދައި ބަލަން ބޭނުންވާ އެއްވެސް މީޙަކަށް ފޮރުވިގެންވާ ކަންކަމެއް ނޫނެވެ. އެންމެންނަށް އެނގެން އޮންނާނީ ވެސް އެއް ގޮތަކަށެވެ. އެއީ ކީރިތި ޤްރުއާނުގަ އާއި ރަސޫލް ()ގެ ސުންނަތުގައި އޮތް ގޮތެވެ. ދޮގުކުރާ މީހުން ދޮގުކުރަނީ ވެސް އަދި ބަލައި ނުގަންނަ މީހުން ބަލައި ނުގަންނަނީވެސް މިކަންކަން ރަނގަޅަށް އެނގިތިބެއެވެ.  

ރަނގަޅަށް ވިސްނާށެވެ. އެންމެ ފުރަތަމަ ކުށެއް ކުރީ ކާކު ހެއްޔެވެ؟ ކުރީ ކޮން ކުށެއް ހެއްޔެވެ؟ ޖަވާބަކީ އެންމެ ފުރަތަމަ ކުށެއް ކުރީ އިބިލީހެވެ. އޭނާ ކުރި ކުށަކީ ﷲ ތަޢާލާއަށް ނުކިޔަމަންތެރިވުމެވެ. އެ ކުށް ކުރީ ކީވެގެން ހެއްޔެވެ؟ އޭނާގެ ހިތުގައިވާ ކިބުރުވެރިކަމުންނެވެ. އެހެން މީހުންނަކީ މާދަށުދަރަޖައިގެ މީހުން ކަމަށް ޤަބޫލުކުރެވިގެންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން