ސުވަރުގެ ވަނުމުގެ ފުރުޞަތު ގިނަބައަކަށް ގެއްލޭ ސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ސުވަރުގެ ވަނުމުގެ ފުރުޞަތު ގިނަބައަކަށް ގެއްލޭ ސަބަބު!

ތިމާއަށް ރަނގަޅު ގޮތްތައް މެދުވެރިވެ ކުރިއެރުން ލިބުމުން އެކަމަށް މެދުވެރިވި ސަބަބު ނުަވަތަ އެހީތެރިވެދިން މީހުންގެ މަތިން ހަނދާންކުރަނީ މަދުމީހެކެވެ. ގިނަބައަކު ތިމާ ތުއްތުކުއްޖެއްގެ ގޮތުގައި އުފަންވީންސުރެ އެހީތެރިވެދިން މައިން ބަފައިންގެ މަތިން ހަނދާނެއް ނުކުރެއެވެ. ކައިވެންޏަށްފަހު އެހީތެރިވެދިން ބައިވެރިޔާގެ މަތިން ހަނދާނެއް ނުކުރެއެވެ. އަދި ތިމާއަށް އެހީތެރިވެދިން އެކުވެރިންގެ މަތިންވެސް ހަނދާނެއް ނުކުރެއެވެ. ތިމާއަށް ހުރިހާ ކަމެއް ހިންމަވައި ދެއްވެވި ﷲ ތަޢާލާގެ މަތިންވެސް ހަނދާނެއް ނުކުރެއެވެ.

އަހަރެމެން ކޮންމެ މީހަކުވެސް ބޮޑުވެފައި މިތިބީ އެންމެ ތުއްތު އިރުގެ ހަޔާތް ވޭތިކުރުމަށްފަހުގައެވެ. އެދުވަސްތަކުގައި އަހަރެމެން ކައި ބޮއި އަދި އަންނައުނު ހޯދީ އަމިއްލައަށް ހެއްޔެވެ؟ ނޫން ނަމަ މައިން ބަފައިން ނުވަތަ އެނޫންވެސް މީހަކު ދިނުމުން ހެއްޔެވެ؟ އެއްވެސް ޝައްކެއް ނެތެވެ. ކޮންމެވެސް ގޮތަކުން ﷲ ތަޢާލާ ދެއްވެވުމުންނެވެ.

އިންސާނުންނަކީ ކިތަންމެ ބޮޑުވެފައި ވަރުގަދަ ނަމަވެސް ވަރަށް ބަލިކަށި ބައެކެވެ. އެންމެ އާދައިގެ އަރިދަފުސް ރޯގާއެއް ޖެހުނު ނަމަވެސް މިއުޅެނީ ކެތްކޮށް ނުލެވިގެންނެވެ. ކިތަންމެ ކުޑަ ތަންކޮޅެއްގައި ރިއްސައިލި ނަމަވެސް މިއުޅެނީ އަޅާ ވޭނަށް ކެތް ނުކުރެވިގެނެނެވެ. އެ ހާލަތު މެދުވެރި ކުރައްވަވަނީ އިންސާނުންނަކީ އެއްވެސް އާރެއް ބާރެއް ނެތް ބަލިކަށި ބައެއްކަން މީސްތަކުންނަށް ހަނދާންކޮށް ދެއްވެވުމަށެވެ.

ނަމަވެސް ކަންކަން މިވަނީ ކިހިނަކުން ހެއްޔެވެ؟ ކިރިޔާ ގައިގަ ބާރެއް ޖެހިލާއިރަށް ކުޑައިރު ކާން ބޯންދީ އުނު އަންނައުނުދީ އަދި ފެންވަރުވައިދީ އަދި އެހެން ކަންކަން ކޮށްދިން މައިން ބަފައިން ކޮށްދިން ޚިދުމަތްތަކުގެ އަގު ވަޒަނެއް ނުކުރެވެއެވެ. އެ ނިޢްމަތްތައް މިންވަރުކޮށްދެއްވެވެވި ﷲ ތަޢާލާއަށް ޝުކުރުވެރިއެއް ނުވެވެއެވެ. ޤަބޫލުކުރެވިފައި އޮންނަނީ ބޮޑުވެ ހުރިހާ ބާރެއް މިހޯދީ އަމިއްލަ ކުޅަދާނަކަމުން ކަމަށެވެ.

މީސްތަކުންނޭވެ! ވިސްނުން ބަދަލުކުރާށެވެ! ﷲ ތައާލާއަށް ޝުކުރުވެރިވުން ދޫކޮށްނުލާށެވެ! މައިންބަފައިންގެ ޙައްޤުތައް ފުރިހަމައަށް އަދާކުރާށެވެ! ހަމަ އެއާއިއެކު ތިމާއަށްވުރެ ނިކަމެތިންނަށް އަޅާލައި އެހީތެރިވުން ހުއްޓައިނުލާށެވެ! ﷲ ތަޢާލާގެ ޙައްޤުތައް ފުރިހަމައަށް އަދާކުރާށެވެ! ވެވެން އޮތް ވަރަކުން ޞަދަޤާތްކުރުން ވެސް ގިނަކުރާށެވެ! ﷲ ތަޢާލާއަށް ޝުކުރުވެރިވުމަކީ އެއީއެވެ.

އަހުރެމެން އެންމެ ބޮޑަށް އެދޭނެ ކަމަކީ ސުވަރުގެ ވެއްދެވުމެވެ. ސުވާލަކީ ތިމާއަށް ބޭނުންވާ ކަންކަން ފުދުމުން ފުދެން މެދުވެރި ސަބަބު ހަނދާން ނައްތައިލާ މީހުން ސުވަރުގެ ވަންނަން އެދޭނީވެސް ކިހިނަކުންހެއްޔެވެ؟ މިހުރީ ހަމަ ކޮންމެ މުސްލިމަކުވެސް ކޮންމެ ދުވަހަކުހެން ވިސްނަން ޖެހޭނެ ކަންކަމެވެ. ސުވަރުގެ ވަދެވޭނީ ވިސްނައިގެންނެވެ. ވިސްނައި ޢަމަލުކޮށްފި މީހާ ސުވަރުގެ ވައްދަވާނެތެވެ. އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން