އަޅުކަންކުރަން އޮތީ އެކަމުން ޘަވާބު އިތުރުވާނެ ގޮތަށެވެ. ކުރާ އަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތަށް ކުރުމުންނެވެ.
ވުޟޫކުރުމަކީވެސް ވަރަށް ގިނަ ޘަވާބު ދެއްވަވާ އަޅުކަމެކެވެ. ވުޟޫކޮށް ވުޟޫ ދުޢާކިޔުމުން އެމީހަކަށްޓަކައި އުޑުގެ ދޮރުކޮޅުތައް ހުޅުވިގެންދެއެވެ. އެމަތިވެރި ނަޞީބުލިބި ރަހްމަތް ލައްވަވާނީ ﷲ ތަޢާލާ އަންގަވާފައި ފޮތަށް ކަންކަން ކުރުމުންނެވެ.
ކުރީ ޒަމާނުގައި ގިނަމީހުން ވުޟޫކުރަނީ މިސްކިތް ކައިރީގައި އޮންނަ ފެންގަނޑަކުންނެވެ. އެއިގެ ފަހުން މިސްކިތް ކައިރީ ބޮޑު ބިލިގާ ހަދައި އެއަށް ފެންއަޅައި އެއިގެ ވަށައިގެން ތިބެއެވެ. އެއިރު ފެންއިސްރާފުކުރުމުގެ މައްސަލައެއް ނުއޮވެއެވެ.
ފެންއިސްރާފުކުރުމުގެ މައްސަލަ ނުކުންނަން ފެށީ ފެންއިސްކުރުން ވުޟޫކުރަން ފެށުމުންނެވެ. ބައެއް މީހުން އިސްކުރު ދޫކޮށްލާގޮތަށް ބަންދުކުރަނީ ވުޟޫކޮށް ނިމުމުންނެވެ. އެއިރުން ވާގޮތަކީ ވުޟޫކުރަން ބޭނުންވާ ފެނުގެ 4 ގުނަ އިތުރަށް ފައިބައިގެންދެއެވެ. އެއީ ކުރެވޭ ބޮޑު އިސްރާފެކެވެ.
ފެންއިސްރާފުނުކުރަންވީ ހަމައެކަނި މިސްކިތުން ވުޟޫކުރާއިރަކު ނޫނެވެ. ތިމާގެ އަމިއްލަ ގެއިން ވުޟޫކުރިނަމަވެސް ފެންއިސްރާފުކޮށްގެން ނުވާނެއެވެ. އަމިއްލަގެއިން ކަމަށްވީނަމަވެސް އިސްރާފުކުރުމަކީ ކުރެވޭ ބޮޑު ފާފައެކެވެ.
އެކަން ނުއެނޭތީ ނަމަވެސް ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ގެއިން ވުޟޫކުރާއިރު ފެން އިސްރާފްކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެއީ ބިލްދައްކަނީ ތިމާކަމަށްވީތީއެވެ. ނަމަވެސް މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ތިމާގެ އަމިއްލަ ތަކެތި ހައިބޮއި ހެދުމުގައިވެސް ޢަމަލުކުރަންޖެހޭ މިންގަނޑު ދީނުގައި އޮތް ފަދައިން ކޮންމެ ކަމެއްގައިވެސް އިންތަކެއްވެއެވެ.
ވުޟޫކުރަނީ އަޅުކަންކުރާށެވެ. އަމިއްލަ ގޭގެ ފެނުން ވުޟޫކުރިނަމަވެސް ފެން އިސްރާފްކުރުން ހުއްދަވެގެން ނުވެއެވެ! އަދި އެއީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ޢަމަލެކެވެ. އިސްރާފްކުރުމަކީ ޙަރާމް ކަމެކެވެ.
"—އަދި އިސްރާފް ނުކުރާށެވެ! އިސްރާފްކުރާ މީހުން ދެކެ ﷲ ލޯބިވެވޮޑިގެންނުވެތެވެ." (އަލްއަޢްރާފް: 31)
އަޅުކަންކުރަނީ ﷲ ތަޢާލާގެ ރުހިވޮޑުގަތުމާއި ލޯބިވެވޮޑިގަތުން ލިބިގަތުމުގެ އުންމީދުގައެވެ. އެހެންކަމަށްވާއިރު ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ، އެކަލާނގެ ރުހިވޮޑި ނުގަންނަވާ ގޮތަކަށް އަޅުކަމަސް ތައްޔާރުވެގެން ކުރާ އަޅުކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ލިބޭނީ ގެއްލުމާއި ހަލާކު ނޫންހެއްޔެވެ؟
އަމިއްލަ ގެއިން ވުޟޫކުރި ނަމަވެސް އިސްކުރު ދޫކޮށްލައިގެން ނުހުންނާށެވެ. އެއިގެ ބަދަލުގައި ކޮންމެވެސް އެއްޗަކަށް ފެން އަޅައިގެން އެއިން ފެން ނަގައިގެން ވުޟޫކުރާށެވެ. މިސްކިތަކުން ވުޟޫކުރާނަމަ ފެން އިސްރާފްނުވާނެ ގޮތަށް އިސްކުރުގެ ބޭނުން ހިފާށެވެ! ފާފަވެރިނުވާނީ އެއިރުންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން