ނަމާދުގައި ފުރިހަމައަށް ޚުޝޫޢަތްތެރިވާން ޢަމަލުކުރާނެ ގޮތާ އަދި ކުރާ އަޅުކަން އެންމެ ރަނގަޅު ފެންވަރުގައި ކުރާނެ ގޮތާއިބެހޭގޮތުން ސުވާލުކުރައްވާ ކިޔުންތެރިންނަށް މިގެނެސްދެނީ އެކަންކަން އެނގިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ
މީސްތަކުން އަޅުކަން ކުރުމުގައި ތަފާތު ގޮތްތަކަށް ޢަމަލުކުރެއެވެ.
1 އެއްގޮތަކަށްވެސް އަޅުކަން ނުކުރުން
2 އެމީހަކަށް ފަސޭހަ ވަގުތަކު، ކުރާ ހިތްވުމުން އަޅުކަން ކުރުން
3 ހުރިހާ އަޅުކަމެއް ކުރުން
4 ހުރިހާ އަޅުކަމެއް ކުރިނަމަވެސް އެއީ ބުރައެއް ކަމަށް ދެކެގެން މަޖުބޫރުން ކުރާ ފަދައިން އަޅުކަންކުރުން (ގިނައީ މިބާވަތަކަށް އަޅުކަންކުރާ މީހުންނެވެ.)
5 އަޅުކަން ކުރުމަކީ އުފަލެއްކަމަށް ދެކި ލޯބިން، ހިތްހަމަޖެހުން ހޯދަން އަޅުކަންކުރުން
ވިސްނައިލަންޖެހޭ ކަމަކީ ކަމެއް ކުރަން ޖެހޭތީ ކުރުމާއި ކުރާހިތުން ލޯބިން ޝައުޤުވެރިކަމާއިއެކު ކުރުމަކީ މުޅިން ތަފާތު ދެކަމެއްކަމެވެ. ވީމާ ކޮންމެ ކަމެއް ކުރުމުގައިވެސް އެންމެ މަތީފެންވަރަކީ އެކަމަކީ ތިމާ ކުރާހިތުން ލޯބިން ޝައުޤުވެރިކަމާއިއެކު ކުރުމެވެ. އަޅުކަންކުރުމުގައިވެސް އޮތީ ހަމަ މިމަގުން ޢަމަލުކުރުމެވެ. އަޅުކަންކުރުމުގެ އެންމެ މަތީ ފެންވަރަކީ ވެސް ހަމައެއީއެވެ.
އެއީ އަޅުކަން ކުރުމަކީ އުފަލެއްކަމަށް ދެކި ލޯބިން، ހިތްހަމަޖެހުން ހޯދަން އަޅުކަންކުރުމެވެ! އަޅުކަންކުރަން ލޯބިކުރަންވީ އެކަން ކުރަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަންކަމުގައިވާތީއެވެ! ފަރުޟު އަޅުކަން ކުރަނީ އެކަންކަން ކުރުން ވާޖިބު ކުރައްވަވާފައިވާތީއެވެ. ސުންނަތް ކަންކަން ކުރަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިތުރަށް ހޯދުމަށެވެ.
މިބުނި މަގުން ލޯބިން އަޅުކަން ކުރާނަމަ އެމީހަކަށް އެކަމުގެ ހިތްހަމަޖެހުން ލިބޭނެއެވެ.
އަހަރެމެންނަށް ޚުޝޫޢަތްތެރިކަމާއިއެކު ނަމާދު ނުކުރެވޭ އެންމެ ބޮޑު އެއް ސަބަބަކީވެސް ލޯބިން އެކަން ނުކުރެވުމެވެ. ކޮންމެ ކަމެއް ކުރިނަމަވެސް ކުރާހިތުން ޝައުޤުވެރިަމާއިއެކު ކުރާނަމަ އެކަމެއް ކުރަން ފަރުވާތެރިވެވޭނެވެ. އެކަމެއް ކުރާނީ ކުރެވުނު އެންމެ ފުރިހަމައަކަށެވެ.
ވީމާ ނަމާދުގައި ޚުޝޫޢަތްތެރިވުމަށްވެސް އޮތް އެންމެ ފަސޭހަކަ މަގަކީ ލޯބިން އެކަން ކުރުމެވެ. ކުރާހިތުން އެކަން ކުރުމެވެ. އެއީ ހަމަ އެކަނި ވާޖިބެއްކަމަށް ދެކެގެން ވާޖިބު އަދާކުރަން ނަމާދުކުރާ މީހަކަށް ޚުޝޫޢަތްތެރިކަމާއިއެކު އޮންނާނީ ނަމާދު ނުކުރެވިފައެވެ. ވީމާ ޚުޝޫޢަތެރިކަމާއެކު ނަމާދުކުރަން އެދޭމީހާވެސް ފުރަތަމަ ކަމަކަށް ނަމާދުކުރުމަށް ޝައުޤުވެރިވެ ލޯބިން ކުރާ ކަމަކަށް އެކަން ހަދާށެވެ!
--މުފްތީ މެންކްގެ ދަރުސަކުން