ލޮބުވެތި އުޚުތުންނޭވެ! ދުނިޔޭގަ "އުދުހެވުނަސް" މަރުވާ ވަޤުތުން ފެށިގެން ގައިން ނަރަކައިގެ ހޫނު ނުފިލައިފިނަމަ ވާނެ ގޮތަށް ބިރުވެތިވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
ލޮބުވެތި އުޚުތުންނޭވެ! ދުނިޔޭގަ "އުދުހެވުނަސް" މަރުވާ ވަޤުތުން ފެށިގެން ގައިން ނަރަކައިގެ ހޫނު ނުފިލައިފިނަމަ ވާނެ ގޮތަށް ބިރުވެތިވާށެވެ!

ސޯޝަލްވެ މަޝްހޫރުވާން ދީނުގެ އިންތަކުން ބޭރުވާ މީހުން ގިނަވާތީ ވަރަށް ހިތާމަކުރަމެވެ. މިވާހަކައަކީ ނުދައްކައި ތިބެވެން ނެތް ވާހަކައެކެވެ. ސަބަބަކީ ރިވެތި އަޚްލާޤީ ސިފަތައް ނެތްބައެއްގެ ގާތުގައި އެންމެ ފުރަތަމަ ދައްކަންޖެހޭނީ އެކަމުގެ ވާހަކަތަކެވެ. ފާފަތަކަށް އަރައިގަންނަމުންދާ ބައެއްގެ ޣާތުގައި ދައްކަންޖެހޭނީ ފާފަކުރުން ހުއްޓާލުމުގެ ވާހަކައެވެ. ދެވޭ ދީނީ ނަޞޭޙަތަކުން އެއްވެސް ފައިދާއެއް ކުރާނީ އެއިރުންކަމަށްވާތީއެވެ. 

އަޅުގަނޑުމެންގެ ލޮބުވެތި އުޚުތުންގެ ތެރެއިން "ސޯޝަލް" ވުމުގެ ނަމުގައި ފިޔަޖަހަމުން އުދުހޭ ކަނބަލުން އުދުހޭ ސަބަބު ހޯދަން އެކި ފެންވަރުގައި ތަފާތު ދިރާސާތައް ކުރެވިއްޖެއެވެ. ވަރަށް ގިނަ ފަޜާތްތަކުން އެކަމުގައި ދިރާސާތައްކޮށްފިއެވެ. 

ކުރެވުނު ދިރާސާތަކުގެ ތެރެއިން އެއްކުރެވިފައިވާ މަޢުލޫމާތަށްބަލާއިރު ގިނަ އަންހެނުން "އުދުހެން" ފަށަނީ ދިރިއުޅުމުގެ އަސާސީ ބޭނުންތައް ނުފުއްދިގެނެއް ނޫނެވެ. ކުރަންބޭނުންވާ ޚަރަދުތައް ބޮޑެތިވެ އިތުރު ފައިސާ ހޯދާށެވެ! އަދި ކީއްހެއްޔެވެ؟ ކުރެވިފައިވާ ބައެއް ދިރާސާތަކުން އެނގޭ ގޮތުގައި "އުދުހެން" ފަށާ އެއްސަބަބަކީ އެކުވެރިންނާއި އެއްފެންވަރަކަށް ނަލަހެދި ރީތިވެ މޭކަޕްކޮށް ސެންޓުޖެހުމެވެ. 

މިހުރީ ވަރަށް ހިތާމަހުރި ކަންކަމެވެ. ދިރިއުޅުމުގެ އަސާސީ ބޭނުންތައް ނުފުއްދިގެންވެސް ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ މަގަކުން ފައިސާހޯދުން ހުއްދަވެގެންނުވާއިރު މިބަޔާންކުރި ފަދަ ކަންކަމަށް ބޭނުންވާ ފައިސާ ހޯދަން ޙަރާމްކަންކަން ކުރަން ހެޔޮވާނީ ކިހިނަކުންހެއްޔެވެ؟ 

ލޮބުވެތިކަނބަލުންނޭވެ! ލާންގެންގުޅޭ ހެދުން ނުވީދޭނަމަ ކިތަންމެ ގިނަ އަހަރެއްވަންދެން ލާންޖެހުނަސް ކަންބޮޑުނުވާށެވެ! އެއީ ﷲ ތަޢާލާ ތިބާއަށް ލައްވަވާ ވަރަށް ބޮޑު ރަހްމަތެކެވެ. ދެއްވަވާ މިންވަރަށް ޝުކުރުވެރިވުންމަތީގައި ހުރިވަރަކަށް ތިބާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި ދާނީ އުފުލެމުންނެވެ. މޭކަޕްކުރުމާއި ސެންޓްޖެހުމާއި ޒީނަތްތެރިވުމުގައިވެސް އޮތީ ހަމަ މިގޮތެވެ! 

ވިސްނައިލާށެވެ! ތިބާއަށްވެސް ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުންނަން ޖެހޭނެއެވެ. ގައިގައިވާ ފޭރާމާއި ގަހަނާތަކާއި މޭކަޕްތަކާއި ސެންޓަކީ ދުނިޔޭގައި ޙަރާމް ގޮތުގައި ހޯދީތީ އަލިފާނުންވާ ތަކެތިކަމުގައިވެއްޖެނަމަ ތިބާގެ ޙާލަކީ ކޮބައިހެއްޔެވެ؟ މަރުވީންސުރެ ތިބާއަށް ނަރަކައިގެ ހޫނު ލިބެމުންދާނަމަ ތިބާގެ ޙާލާއިމެދު ވިސްލާށެވެ! 

އެއިގެ އިތުރުން އެތަކެތިހޯދަން ތިބާކުރި ޙަރާމްކަންކަމުގެ ސަބަބުން ނަރަކައަށް ވަންނަންޖެހިއްޖެނަމަ ޙާލަކީ ކޮބައިހެއްޔެވެ؟ އެޙާލަތުގައި ހިތްހަމަޖެހުން ލިބޭނެ ހެއްޔެވެ؟ ނަރަކައަށް ވަންނަންޖެހޭނީ ރޮއި ކަރުނައަޅަމުން ނޫންހެއްޔެވެ؟ 

ލޮބުވެތި ކަނބަލުންނޭވެ! އާދޭސްކޮށްފައި ބުނަމެވެ. އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! ތިއަ ކަނބަލުންނަށް ޝައިޠޯނާގެ ވަސްވާސްތައް ދީގެން ތިއަކަނބަލުން ނަރަކައަށް ވައްދުވަން މަސައްކަތްކުރާ ޝައިޠޯނުންގެ އަޑުނުއަހާށެވެ! އެމީހުންގެ ބަސް ޤަބޫލުނުކުރާށެވެ! ހަމައެއްވެސް ބޭނުމެއް ނުފުދި ކިތަންމެ ދަތިޙާލުގައި ދިރިއުޅެންޖެހުނަސް ޙަރާމް ގޮތުގައި އެންމެ ފައިސާ ފޮތްޗެއްވެސް ނުހޯދާށެވެ! ނަރަކައަށް ބިރުވެތިވުމަކީ އެއީއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން