ދުނިޔެއަށް އުފަންވި ކޮންމެ މީހަކުވެސް މަރުވާނެއެވެ. މަރުވުމުން ޤިޔާމަތާއި ހަމައަށް އެވަނީ ބަރުޒަޚުގެ ޢާލަމަށް ދެވިފައެވެ. ޤިޔާމަތާއި ހަމައަށް އަހުރެމެންގެ ފުރާނަތައް ވާނީ އެޢާލަމުގައެވެ.
މަރުވާނެކަން ޔަޤިންވާފަދައިން ކައްވަޅުގައި އޮންނަން ޖެހޭނެކަންވެސް ޔަޤީންކުރަންޖެހޭނެއެވެ. އަދި ދިމާވާ ގޮތަކުން ހަށިގަނޑު ފަސްގަނޑު ވަޅުނުލެވި ކަނޑުއަޑީގައިވިޔަސް އަދި ކޮންމެ ތަނެއްގައިވިޔަސް މަރުވުމަށްފަހު އެމީހަކަށް އެވަނީ ކައްވަޅުގެ ޙަޔާތްފެށިފައެވެ.
ހަށިގަނޑު ވަޅުލެވުނަސް އަދި ވަޅުނުލެވުނަސް އޭނާގެ ފުރާނަވާނީ ހަށިގަނޑު ވަޅުލެވުނު މީހެއް ފަދައިން ބަރުޒަޚުގެ ޢާލަމުގައެވެ. ﷲ ތަޢާލާގެ ރަހްމަތުގައެވެ. ނުވަތަ ޢަޛާބްގައެވެ. ހަށިގަނޑާއިމެދު ކަންކަން ވެގެންދާ ގޮތަކުން އެކަންކަމަކަށް އެއްވެސް ބަދަލެއް ނުއަންނާނެއެވެ.
ވިސްނައިލަންވީ ކައްވަޅުގައި އޮންނަން ޖެހޭނެ މުއްދަތަށެވެ. ބައެއް ޢިލްމުވެރިންގެ ބަސްފުޅުތަކުން އެނގޭގޮތުގައި ދުނިޔެއިން އެންމެ ފުރަތަމަ މަރުވި މީހާއާއި އެންމެ ފަހުން މަރުވާ މީހާވެސް ކައްވަޅުގައި ހޭދަކުރަންޖެހޭނެ މުއްދަތު އެއްވަރެވެ. ވަޤުތަކީވެސް ﷲ ތަޢާލާގެ މަޚްލޫޤަކަށްވުމުން އެކަންކަން މިންވަރުކުރައްވަވާ ގޮތް ހަމައެކަކަށްވެސް ނުއެނގޭނެއެވެ.
ވީމާ ބަރުޒަޚުގެ ޢާލަމުގައި ހޭދަކުރަންޖެހޭ ދުވަސްތަކަކީ އަރާމުގައި ހޭދަކޮށްލެވޭ ޗުއްޓީ ދުވަސްތަކަކަށް ވެދާނެ ކަމަށް ބަލައިގެން ޒުވާން ޢުމުރު ބޭކާރުކޮށްނުލާށެވެ! ކައްވަޅުގައި ގަދަފަދަ ޢަޛާބު ލިބިލިބި އޮންނަން ނުޖެހޭނީ އެކަމަށް ވިސްނައިގެން ދުނިޔޭގެ ޙަޔާތް ވޭތިކުރިނަމައެވެ.
ވިސްނާށެވެ! ކައްވަޅަށް ދާންޖެހެނީ ވަކިއުމުރެއްގައެއް ނޫނެވެ! ކޮންމެ ޢުމުރެއްގަވެސް މަރު ބައްދަލުކޮށްފާނެއެވެ! ވީމާ އެންމެ ޒުވާން ޢުމުރުވެސް ތަޤްވާވެރިކަންމަތީގައި ހޭދަކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. ވަރަށް މަދު މީހަކަށް ނޫނީ އޭނާގެ ޢުމުރު އެކުގައިވެސް ހޭދަކުރެވެނީ ޒުވާން ޢުމުރުގައި ދުވަސްތައް ހޭދަކުރި ގޮތަކަށެވެ. ތައުބާވެ އިޞްލާޙްވެވެނީ ވަރަށް މަދުމީހަކަށެވެ. ވީމާ އެންމެ މުހިންމީ ޒުވާން ޢުމުރުގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ.
ދުޢާއަކީ އަޅަމެން އެންމެންނަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ބަރުޒަޚުގެ ޢާލަމުގައި ހޭދަކުރަންޖެހޭ ދުވަސްތަކަކީ ސުވަރުގޭގެ ބަގީޗާއެއްގައި ހޭދަކުރަން ލިބޭ ދުވަސްތަކެއް ކަމުގައި މިންވަރުކުރެއްވެވުމެވެ. އާމީން
- އިސްލާމީ ތިލަފަތުގެ ދަރުސަކުން