މީހުންގެ ވާހަކަ ދައްކާ އަޑުއެހުމަކީވެސް ބޮޑެތި ފާފަތަކެއް ބޮލުގަ އެޅި ފާފައިގެ ކޮޅަށް މީޒާން ބުރަވެގެން ހިނގައިދާނެ ބިރުހުރި ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
މީހުންގެ ވާހަކަ ދައްކާ އަޑުއެހުމަކީވެސް ބޮޑެތި ފާފަތަކެއް ބޮލުގަ އެޅި ފާފައިގެ ކޮޅަށް މީޒާން ބުރަވެގެން ހިނގައިދާނެ ބިރުހުރި ކަމެއް!

އަހުރެން އެއްވެސް ފާފައެއް ނުކުރާ ކަމަށް ބުނާ މީހުން ވަރަށް ގިނަވާނެއެވެ. އެއީ ފާފަކުރެވުމަކީ ކޮބައިކަން ނުއެނގޭތީއެވެ. އެހެންވެ ފާހަގަކޮށްލަން މިއުޅެނީވެސް ގިނަ ބައަކަށް ނުއެނގި ތިބެ ނަމަވެސް ހެދޭ ވަރަށް ބޮޑު ގޯހެކެވެ.

ޤިޔާމަތް ދުވަހު ޖަވާބުދާރީވާންޖެހޭނީ ހަމައެކަނި އެމީހާގެ އަތުން ކުރި ކަންކަމަކަށް ނޫނެވެ. ހަށިގަނޑުގެ ކޮންމެ ގުނަވަނަކުން ނަމަވެސް ކުރެވިފައިވާ ކޮންމެ ކަމަކަށްވެސް ޖަވާބުދާރީވާންޖެހޭނެއެވެ.

ވިސްނާށެވެ! ގިނަ ބައަކު ފާފަވެރިވަމުން އެދަނީ އެމީހުންގެ އަތުން މާބޮޑެތި ފާފަތަކެއް ކުރެވޭތީއެއް ނޫނެވެ. ޣީބަ ބުނެ އެހެން މީހުންގެ ވާހަކަތައް ދައްކާ އަދި ތިމާ ޢާއި ނުބެހޭ ވާހަކަތައް ދައްކާ މަޖިލިސްތަކުގައި ބައިވެރިވެވޭތީއެވެ. އެއަޑުތައް އެހޭތީއެވެ.

ފާފަކުރެވެނީ ހަމައެކަނި އަތަކުން ނޫނެވެ. އެންމެ ގިނަ ފާފަތައް ކުރެވެނީ ދުލުންނެވެ. ލޮލުންނާއި ކަންފަތުންވެސް ފާފަކުރެވެއެވެ. މިބުނި ފަދަ މަޖިލީހެއްގައި އިނދެގެން އެތަނުގައި ދައްކާ ވާހަކަތަކަސް ރުހޭބަސް ބުނާނަމަ ދުލުން އެކުރެވެނީ ފާފަތަކެވެ. ބަސްނުބުނެ އަޑުއަހަން އިންނަ ކަންފަތުން އެކުރެވެނީ ފާފަތަކެވެ. އެކަންކަމުގެ އަސަރު ތިމާގެ ހިތަށް ކުރެއެވެ. ހިތުގައި ދަބަރު ޖަހައެވެ. ދަމިލަޖަހައެވެ. ނަތީޖާއެއްގެ ގޮތުން މީހާގެ ޢަމަލުތަކަށް ނުބައި އަސަރުތައް ކުރެއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކަންކަން ހުންނަ ގޮތުން އެއްވެސް މީހަކީ އެކަށީގެންވާ މިންވަރާއި ގާތަކަށްވެސް އަޅުކަންކުރަން ވަގުތު ދެވޭ މީހެއް ނޫނެވެ. ގިނަ މީހުންނަށް އެއުޅެނީ ހަމައެކަނި ފަރުޟުވެސް އަދާކޮށް ނުލެވިގެންނެވެ.

މިޙާލަތުގައި ތިމާ އާއި އެއްވެސް ބެހުމެއް ނުވާ ކަންކަމުގެ ތެރެއަށް ވަދެ އިތުރަށް ފާފަވެރިވުމަކީ ކުރެވޭ ކިހައި ދެރަ ކަމެއް ހެއްޔެވެ؟ އެކަމުގެ ނަތީޖާ ޤިޔާމަތް ދުވަހު ފެނިގެންދާނެ ގޮތާއިމެދު ބިރުވެތިވާށެވެ! ފާފައަކަށް ވެދާނެ އެންމެހައި ކަންކަމުން ދުރުހެލިވާށެވެ! ސުވަރުގެ ލިބުމަށް ހުރަސްއެޅިދާނެ ކިތަންމެ ކުޑަ ކަމެއްވެސް ނުކުރާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން