މީހަކު ތިމާއަށް ނުބައިބަސްބުނާނަމަ ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
މީހަކު ތިމާއަށް ނުބައިބަސްބުނާނަމަ ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް-

އަޅުގަނޑުގެ އެކުވެރިންގެ ތެރެއިން މީހަކު އެއްވެސް ޙައްޤަކާއި ނުލައި އަޅުގަނޑަށް ނުބައިބަސްބުނާނަމަ ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތަކީ ކޮބައިތޯ؟ 

ކިޔުންތެރިޔާގެ ތިއަ ސުވާލަކީ ވަރަށް ގިނައިން ކުރެވޭ ސުވާލެކެވެ. އެހެންވެ ޖަވާބެއްގެ ގޮތުން މިފަހަރު މިގެނެސްދެނީ މުފްތީ މެންކަށް ނުބައިބަސްތައް ބުނާ މީހުންނާއިމެދު މުފްތީ މެންކް ވިދާޅުވެފައިވާ ބަސްފުޅެކެވެ.   

އަހުރެންނާއިމެދު ނުބައި ބަސްތަކެއް ޢިލްމުވެރިއަކު ވިދާޅުވުމުން އެކަމާއިމެދު ހިތްހަމަނުޖެހިގެން މީހަކު އެވާހަކަ އަހުރެންގެ ގާތުގައި ބުންޏެވެ. އަދި އެ ޢިލްމުވެރިޔާއަކީ މިވެނި އެވެނި ކަހަލަ ޢިލްމްވެރިއަކު ކަމަށްވެސް ބުންޏެވެ.  

ޖަވާބުގައި އަހުރެން ބުނީމެވެ. އެބޭކަލަކު އަހުރެންނާއިމެދު ކޮންމެ ފަދަ ވާހަކައެއް ވިދާޅުވިޔަސް އަޅައިނުލާށެވެ! އެއީ މަޝްހޫރު ޢިލްމްވެރިއެކެވެ. އެބޭކަލަކު އަހުރެންނާއިމެދު ވިދާޅުވި ބަސްފުޅުތަކުން އަހުރެންގެ ހިތުގައި ޖެހުނު ވަރަށްވުރެ މާބޮޑަށް އެޢިލްމުވެރިޔާއާއިމެދު ތިބާ ތިއަބުނި ބަސްތަކުން އަހުރެންގެ ހިތަށް ދަތިކަންލިބިއްޖެއެވެ.  

އަހުރެން އެހެން ބުނީ ސަބަުތަކެއް ހުރުމުންނެވެ. ފުރަތަމަ ސަބަބަކީ އަހުރެން އުންމީދުކުރަމުން މިއަންނަނީ އަހުރެންނާއި ﷲ ތަޢާލާ އާއި ބައްދަލުވާނެ ދުވަހަށެވެ. ވީއިރު އެހެން މީހެއްގެ މައްޗަށް އަހުރެންގެ ހިތުގައި ކިތަންމެ ކުޑަނަމަވެސް ބުރަކަމެއް ބާއްވަންވީ ކީއްކުރަން ހެއްޔެވެ؟  

ދެވަނަ ކަމަކީ ތިމާއަށް ނުބައިކޮށް ހިތާ މީހުންނަށް ހެޔޮކޮށް ހިތުމަކީ ރަސޫލްބޭކަލުން ޢަމަލުފުޅު ކުރެއްވެވި ގޮތެވެ! އަހުރެމެންނަށް އޮތީ އެބޭކަލުން ޢަމަލުފުޅު ކުރެއްވެވި މަގުން ޢަމަލުކުރުމަށެވެ. ﷲ ތަޢާލާ އަހުރެމެންނަށް އަންގަވާފައިވަނީ އެގޮތަށް ޢަމަލުކުރުމަށެވެ.  

ތިބާއާއިމެދު މީހަކު ކިތަންމެ ނުބައިބަސްތަކެއް ބުނި ނަމަވެސް މިފަދައިން ޢަމަލުކުރާށެވެ! ނުބައިބަސްތައް އެބުނަނީ ޝައިޠޯނާގެ މަގުގައި ހުރެގެންނެވެ. އެއިރުން އެދެވެނީ ނަރަކައާއި ދިމާއަށެވެ. އަހުރެމެން މަސައްކަތްކުރަންވީ ސުވަރުގެއާއި ދިމާއަށް ދިއުމަށެވެ. އެކަން ޙާޞިލްކުރެވޭނީ ރަސޫލްބޭކަލުން ޢަމަލުފުޅު ކުރެއްވެވި ގޮތަށް ޢަމަލުކޮށްގެންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން