އަޅުގަނޑުގެ އެކުވެރިންގެ ތެރެއިން ހިމެނޭ އެކަކީ ފާޙިޝް ޢަމަލުތައް ކުރަން ދެވިހިފާއި ހުރި މީހެކެވެ. އެކަމުގެ ހުރި ނުބައިކަން ވިސްނި އިޞްލާޙްވާން މިހާރު މަސައްކަތްވެސް އެބަކުރެއެވެ. އެކަމަކުވެސް އުޅެނީ ކާމިޔާބު ނުކުރެވިގެންނެވެ. މިކަމަށް އެހީލިބޭނެ ކަމެއް ވިދާޅުވެދެއްވަފާނަންތޯ؟
ތިރީގައިވާ ލިޔުމަކީވެސް ކިޔުންތެރިޔާގެ މައްސަލައަށް އެހީތެރިވެދޭނެ ލިޔުމެކެވެ. އިން ޝާ ﷲ
ރޯދައެވެ ބުނެވިއްޖެނަމަ ގިނަ ބައަކަށް ޤަބޫލުކުރެވެނީ އެދައްކަނީ ރަމަޟާން މަހުގެ ރޯދައިގެ ވާހަކަ ކަމަށެވެ. އެއީވެސް މައްސަލައެއް ނޫނެވެ. ވިސްނާލަން އޮތް ކަމަކީ ރަމަޟާން މަހުގެ ރޯދައަކީ ފަރުޟު ކަމެއް ކަމެވެ. ހިފާހިތް ނުވިނަމަވެސް މުސްލިމަކު ނަމަ ރަމަޟާން މަހުގެ ރޯދަހިފަން މަޖުބޫރުވާނެއެވެ. އެއިގެ ބަދަލުގައި ސުންނަތް ރޯދަ ނުހިފައި ދޫކޮށްލެވިދާނެއެވެ.
ރޯދަ ހިފުމަކީ ކުރަން ލުއިކަމެއް ނޫނެވެ. ބުރަކަމެކެވެ. އެހެންކަމާއިއެކުވެސް ސުންނަތް ރޯދަ ހިފާނަމަ އަނގައިދެނީ އެމީހަކު ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމަށް އެދޭ މިންވަރު ބޮޑުކަމެވެ. ސުވަރުގެ ވަންނަން ބޭނުންވެގެން މިންވަރު ބޮޑު ކަމެވެ.
ރޯދަ ހިފަނީ ވަރަށް ބޮޑު ޤުރްބާނީއެއްވެގެންނެވެ. ނުކައި ހައިހޫނުކަމުގައި ތިބެގެންނެވެ. ކޮޓަރީގައި ސިއްރުން ކައިބޮއި ހެދެން އޮއްވައިވެސް އެކަން ނުކޮށް ތިބެގެންނެވެ. އެކަނިހުރެ ސިއްރުން ކައިބޮއިހެދެން އޮތް އިރުވެސް އެކަން ނުކުރަނީ ހަމައެކަނި ﷲ ތަޢާލާއަށް ބިރުވެތިވާތީއެވެ. ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާނެތީއެވެ.
ހިތާމައަކީ ރޯދައަށް ނުވަތަ ރޯދަ ގެއްލިދާނެތީ ބިރުވެތިވާ ފަދައިން އެހެން ފާފަތައް ކުރަން ބިރުވެތިނުވެވޭތީއެވެ! އެހެން ފާފަތައް ކުރާއިރުވެސް ހަމަ ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. އެކަމަށް ބިރުވެތިނުވާނަމަ ރޯދަ ގެއްލިދާނެތީ އެހައި ބޮޑަށް ބިރުވެތިވެވެނީ ކީއްވެގެން ހެއްޔެވެ؟
ރޯދައަކީ އިމެއް ނެތި ﷲ ތަޢާލާ ޘަވާބު ދެއްވަވާ އަޅުކަމެކެވެ. ރޯދަވެރިޔާއަށް ޘަވާބު ދެއްވަވާނެ މިންވަރު ކަނޑައަޅުއްވަވާނީ ﷲ ތަޢާލާއެވެ. މަލާއިކަތުން ފަތުގައި ލިޔުއްވަވާނީ ހަމައެކަނި އެމީހާ ހިފިކަމާއި ރޯދއަށްހުރެ ރޯދަ ފުރިހަމަކުރަން އޭނާކުރި ކަންކަމެވެ. ދެއްވަވާނެ ޘަވާބުގެ ޢަދަދު ނުލިޔުއްވަވާނެތެވެ. އެކަން ޚާއްޞަވެގެންވަނީ ހަަމއެކަނި ﷲ ތަޢާލާއަށެވެ.
އަދި ކީއްހެއްޔެވެ؟ ރޯދައަށް ހުރުމުން އެމީހެއްގެ ނަފްސް ކޮންޓްރޯލްކުރުމުގެ ކުޅަދާނަކަން އެމީހަކަށް ﷲ ތަޢާލާ ދެއްވަވާނެތެވެ. އިންޝާ ﷲ
ކުރީ ރެއެއްގެ ދަރުސްގައި ބެލުންތައް ތިރިކުރުމުގެ މުހިންމުކަމުގެ ވާހަކަދެއްކީމެވެ. އެވާހަކައަށް ވަރަށް މުހިންމު ބައެއް އިތުރުކޮށްލާނަމެވެ! އެއީ ބެލުންތައް ކޮންޓްރޯލްކޮށް ތިރިކުރުމުގެ ބާރު ލިބިގަތުމަކީ ޒިނޭކުރުމުން ސަލާމަތްވެހުރުމަށް އެންމެ ބޮޑަށް މަގުފަހިވާ ސަބަބުކަމެވެ.
އަދިވެސް ކީއްހެއްޔެވެ؟ ރަމަޟާން މަހުގެ އިތުރުން ސުންނަތް ރޯދަތައް، ހޯމަދުވަހާއި ބުރާސްފަތި ދުވަހު އަދި މަހުގެ 13، 14، 15 ދުވަހު ހިފުމަކީވެސް ފާހިޝް އަމަލުތައް ކުރުމުން މީސްތަކުން ދުރުހެލިކޮށްދޭ ސަބަބެކެވެ! ވީމާ ފާހިޝް ޢަމަލުތައް ކުރުމުން ދުރުހެލިވެ ހުރުމަށްޓަކައިވެސް ވީހައި ގިނައިން ސުންނަތް ރޯދަތައް ހިފަމުން ގެންދާށެވެ!
--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން