ޒުވާން ޢުމުރުގައި ވިތުރިކުރަން ފަށައިފި މީހަކަށް ކުރާނެ ފައިދާތައް ވަރަށް ގިނަ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ޒުވާން ޢުމުރުގައި ވިތުރިކުރަން ފަށައިފި މީހަކަށް ކުރާނެ ފައިދާތައް ވަރަށް ގިނަ! އިން ޝާ ﷲ

ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޒުވާން އުމުރުން ފެށިގެން ވިތުރިކުރާ މީހާއަށް ރޭގަނޑުގެ ފަހުދަންފަޅީގައި ތެދުވެ ދަމުނަމާދުކުރަން ހިތްވަރު ލިބި އެކަމަށް މަގުފަހިވެގެންދެއެވެ. އެއީ އޭނާގެ ހިތުގައި ރޭއަޅުކަމަށް ލޯބިއުފެދިފައިވާތީއެވެ! އެލޯބީގެ ސަބަބުންނެވެ. އަދި އެކަން އެގޮތަށް ތަޖުރިބާކޮށްގެން ތިބި މީހުންވެސް މަދެއް ނޫނެވެ.

އަހުރެންގެ ނަޞީޙަތަކީ ޒުވާން ޢުމުރުގައިވެސް ރަވާތިބް ސުންނަތްތަކަށާއި ވިތުރީގެ 3 ރަކްޢަތަށް ފަރުވާތެރިވުމެވެ. އެއީ ޢުމުރުން ދުވަސްވުމުން ކުރަން ބާއްވާ ކަމަކަށް ނުހެދުމެވެ. ސުވަރުގެ ލިބިގަތުމަށް މަސައްކަތްފަށަންވީ ޢުމުރުން ދުވަސްވުމަކުން ނޫނެވެ. އެންމެ ޅަ ޢުމުރުގައެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަންނަން މަސައްކަތްކުރާ އަޅަކަށްވެވޭނީ އެއިރުންނެވެ.

ފަރުޟް ނަމާދަށްފަހު އެންމެ މަތިވެރިކަން ބޮޑު ނަމާދަކީ އެހެން މީހުންނަށް ސިއްރުން ގޭގައި އެކަނި ހުރެ ނަމާދުކަން ޞައްޙަ ޙަދީޘުން ސާބިތުވެއެވެ. ވީމާ ގޭގައި ނަމާދުކުރެވެން އޮތް މީހާ ޢިޝާ ނަމާދަށްފަހު ޛިކުރުތައް ކިޔައި ނިމިގެން ފަހުސުންނަތާއި ވިތުރި ގޭގައިކުރާށެވެ! ގޭގައި ކުރެވެން ނެތް މީހާ މިސްކިތުގައިވެސް ކުރާށެވެ!

ދަމުނަމާދުގެ މާނައަށް ބަލައިފިނަމަ އެއީ ރޭއަޅުކަމެވެ. ރޭއަޅުކަމުގެ ތެރޭގައި ވިތުރިވެސް ހިމެނެއެވެ. ވީމާ އެންމެ ޒުވާންއިރުންސުރެ ވިތުރިކުރުމުގެ އާދަ ހަރުލައްވަން ގަދައަޅައި މަސައްކަތްކުރާށެވެ. ވިތުރިގެ ހުރި މަތިވެރިކަން ނިކަން ދެކިބަލާށެވެ! ވިތުރި ނުކޮށް ނުނިދުމަށް ރަސޫލް ﷺ ވަނީ ވަޞިއްޔަތްކުރައްވަވައިފައެވެ.

ބައެއް މީހުން ބުނާގޮތުގައި ވިތުރިކުރުމުން އެމީހުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބެއެވެ. ދުވާލު ކުރިމަތިވި ކަންކަމުން، ކުރަންޖެހުނު މަސައްކަތުން ސިކުނޑިއަށް ލިބުނު ވަރުބަލިކަންވެސް ފިލައިގެންދެއެވެ. އަދި ނިދަންވެސް ފަސޭހަވެއެވެ. މިފަދަ ނިޢްމަތްތައް ލިބޭނީ ކެތްތެރިކަމާއި ޚުޝޫޢަތްތެރިކަމާއިއެކު ވިތުރި ކުރުމުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން