ދަރިފުޅަށް ޝހާދަތް ދަސްކޮށްދީ ޤުރްޢާން ކްލާސްތަކަށް ގެންދިއުމަކުން އަދި ނުފުދެއެވެ. އެންމެ މުހިންމު ބައި އޮތީއެވެ. އެއީ ދަރިންގެ ވިސްނުމަށް ﷲ ތަޢާލާމެ މަތިވެރިވަންތަކަމާއި ދީލަތިވަންތަކަމާއި އަހުރެމެންނަށް ކޮންމެ ކަމެއް ޙާޞިލުވަނީވެސް ﷲ ތަޢާލާގެ ރަޙްމަތުންކަން ދަރިންނަށް ވިސްނައިދިނުމެވެ. ފޭލްވަމުން މިދަނީ އެކަމުގައެވެ.
ތިރީގައިވާ ލިޔުމަކީ ބެލެނިވެރިން ހިތުދަސްކުރަންޖެހޭ ފިލާވަޅެއް ފަދަ ލިޔުމެއްކަން ފާހަގަކުރެވެއެވެ.
އަހުރެމެންގެ ދަރިން ދީނާއި ދުރަށްޖެހި އަޅުކަންނުކުރާތީ ވަރަށް ގިނަ ބެލެނިވެރިން ކަންބޮޑުވެއެވެ. އެހެނަސް އެކަންކަން އެގޮތަށް މެދުވެރިވާ ސަބަބާއިމެދު ވިސްނައިލެވެނީ ކިތައް މައިންބަފައިންނަށް ނުވަތަ ކިތައް ބެލެނިވެރިންނަށްބާވައެވެ!
އެއްދުވަހަކު އެކުވެރިއަކު ވީޑިއޯއެއް ދައްކައިލިއެވެ. ޒުވާނުންތަކެއް ކޮފީ ބޯން ތިބެގެން ކޮށްފައިވާ ސުވާލެކެވެ. އެތަނުން ޒުވާނަކު އެކުވެރިންގެ ގާތުގައި ކުރާ ސުވާލަކީ "ޢުމުރުން މިހައިތަނަށް އައިއިރު ﷲ ކަލެއަށް ކޮށްދެއްވެވީ ކޮންކަމެއްތޯ؟" އެވެ.
ޖަވާބު އަޑުއިވިފައި ހަމަ ޙައިރާންވިއެވެ. 6 ކުދިންނާ ސުވާލުކުރުމުންވެސް ޖަވާބުގައި ބުނެފައިވަނީ ﷲ ތަޢާލާ އެމީހުންނަށް ކޮށްދެއްވެވީ ކޮންކެމެއްކަން ޔަޤީންނުވާކަމަށެވެ. އެއިގެ މާނައަކީ ﷲ އެކުދިންނަށް އެއްވެސް ކަމެއް ކޮށްދެއްވެވިކަން އެކުދިންނަށް ނުވިސްނޭކަމެވެ. ނުވަތަ ޤަބޫލުނުކުރެވޭ ކަމެވެ. އެކަމަށް އެކުދިންނަށް ވިސްނާލެވިފައިވެސް ނެތްކަމެވެ.
އެކަން އެގޮތަށް އެވީ ކީއްވެގެންކަމާއިމެދު ވިސްނައިލަމާ ހިނގާށެވެ!
އެކުދިންނަށް ވިސްނިފައިވާ ގޮތުގައި، ކުޑައިރު އެހީތެރިވެދީ ބަލަހައްޓައި ކާންބޯންދީ ހެދީ މަންމައާއި ބައްޕައެވެ. ކިޔަވައިދިނީވެސް މައިންބަފައިންނެވެ. ބޮޑުވުމުން ވަޒީފާ ލިބުނީ މޮޅަށް ކިޔެވުނީތީއެވެ. މިހާރު ދިރިއުޅެނީ ވަޒީފާއިން ލިބޭ މުސާރައިންނެވެ. މިއިން އެއްވެސް ކަމެއްގައި ﷲ ތަޢާލާގެ ޙަޟްރަތުން ލިބުނު އެއްވެސް ރަހްމަތެއް އޮތްކަން ނުވެސް އެނގެނީއެވެ. ޤަބޫލުވެސް ނުކުރެވެނީއެވެ.
ދެން ބަލައިލަންވީ މިކަންކަން މިހެންމިވީ ކީއްވެގެންތޯއެވެ؟
މިކަންކަން މިހެންވެފައި އެވަނީ ސައްތައިން ސައްތަ މައިންބަފައިންގެ އިހްމާލުންނެވެ. ކޮންމެ ނިޢުމަތެއްވެސް ލިބިގެންދަނީ ﷲ ތަޢާލާ ދެއްވެވުމުންކަން ދަރިންނަށް ވިސްނައިނުދެވި އޮތުމުންނެވެ. ރިޒުޤް ދެއްވަވަނީ ﷲ ތަޢާލާ ކަމާއި ޢިލްމު އުނގެނެވެނީ ﷲ ތަޢާލާގެ ރަހްމަތުންކަމާއި ވަޒީފާ ލިބި މުސާރަ ލިބެނީވެސް ﷲ ތަޢާލާ ދެއްވެވުމުންކަން ދަރިންނަށް ވިސްނައިނުދެވި އޮތުމުންނެވެ.
މިލިސްޓް ކިތަންމެ ވަރަކަށްވެސް ދިގުކުރެވިދާނެއެވެ. މިކަންކަމަކީ އެނެމެ ކުޑައިރުންސުރެ ދަރިންނަށް ވިސްނައިދޭންޖެހޭނެ ކަންކަމެވެ. އެންމެ ކުޑަމިނުން ކާން ފަށަމުން ބިސްމިﷲ ކިޔަންޖެހެނީ ކީއްވެގެންކަންވެސް އެއޮތީ ބުނެނުދެވިފައެވެ.
ޙައްލަކީ ކޮބައިހެއްޔެވެ؟
ކޮންމެ މަންމައަކާއި ބައްޕައަކީ ދީނީ ދަރުސްތައް ދެވޭނެ ފެންވަރުގެ ބައަކަށް ނުވެދާނެއެވެ. ނަމަވެސް މިޒަމާނުގައި ކުދިންގެ ޢުމުރާއި ގުޅޭ ދަރުސްތައް ޔޫޓިޔުބްގައި ބައިވަރެވެ. މިލިއަނުން އެބަހުއްޓެވެ. އަދި މިކަންކަން ދަރިންނަށް އަންގައިދެވޭނެ ކާޓޫނުތައްވެސް އެބަހުއްޓެވެ. ދަރިންނަށް ނިޢުމަތެއް ދެއްވެވުމުން ﷲ ތަޢާލާއަށް ޝުކުރުވެރިވާން ބުނުމަކީ ނުކުރެވޭނެ ކަމެއް ނޫނެވެ. އަދި މިކަންކަމަކީ ކުދިންގެ ޢުމުރާއި ގުޅޭ ގޮތުން އަބަދުވެސް މައިންބަފައިން ކުރަންޖެހޭނެ ކަންކަމެވެ. ﷲ ތަޢާލާ މިންވަރުކުރައްވަވާ ނިޢުމަތްތައް ދަރިންނަށް އަންގައިދިނުމަކީ މައިންބަފައިން ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ. އެކަންކަން ކުރާނަމަ ދަރިންގެ ހިތްތަކުގައި ﷲ ތަޢާލާއަށާއި އިސްލާމްދީނަށް އޮންނަ ލޯބި ދާނީ އިތުރުވަމުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން