ބައެއް މީހުން ބައިވެރިޔާއަށް ބޭވަފާތެރިވަނީ ބައިވެރިޔާ ކަމުނުގޮސްގެން ވަކިވުމުގެ ބޭނުމަކު ނޫނެވެ. ކުރާ ކަންތައް ސިއްރުކުރެވޭނެ ކަމަށާއި އެއީ ކަމަކަށް ނުވާނެ ކަމަށް ބަލައިގެންނެވެ. ނަމަވެސް އެއީ މޮޔަ ވިސްނުމެކެވެ. އެކަން ފަޅާއަރުވައިލާނީވެސް އެކަންކުރަން ހިތްވަރުދިން ޝައިޠޯނާއެވެ. އޭތީގެ މަޤްޞަދު ޙާބިލުކުރެވޭނީ އެއިރުންކަމަށްވާތީއެވެ.
ﷲ ތަޢާލާގެ އަތްޕުޅުން އުފެއްދެވީ ފިރިހެނެކެވެ. އެއީ އާދަމްގެފާނެވެ. އަދި ހައްވާގެފާނު އުފެއްދެވީ އާދަމްގެފާނުގެ ކަށިގަނޑަކުންނެވެ. އެއީ ޙައްވާގެފާނު އުފެއްދެވީވެސް ﷲ ތަޢާލާ ނޫންކަމަށްވާނެ ސަބަބެއް ނޫނެވެ. އާދަމްގެފާނުވެސް ޙައްވާގެފާނުވެސް އަދި އެދެކަނބަލުންގެ ދަރިފަސްކޮޅުން އުފަންވާނެ ހުރިހާ އަންހެނުންނާއި ފިރިހެނުން އުފައްދަވަނީވެސް ހަމަ ﷲ ތަޢާލާއެވެ.
މިބަހުގެ މާނައަކީ ދުނިޔެއަށް އުފަންވާނެ އެންމެން ﷲ ތަޢާލާ ވަނީ ޢާދަމްގެފާނު އުފެއްދެވުމާއިއެކު އާދަމްގެފާނުގެ ބުރަކަށިފުޅުން ނެރުއްވަވައިފައެވެ. އެއަށްފަހު ކޮންމެ މީހަކުވެސް ދުނިޔެއަށް އުފަންވާނީ މައިންގެ ބަނޑުންނެވެ. ކޮންމެ ފިރިހެނަކު ނަމަވެސް އަދި ކޮންމެ އަނހެނަކު ނަމަވެސްމެއެވެ. ވީމާ ދުނިޔެއަށް އުފަންވުމުގައި އަނހެނަކަށްވީތީ ނިކަމެތިކަމެއް ލިބިގެނެއް ނުވެއެވެ.
އަންހެނުންނާއި ފިރިހެނުންނަކީ ފައިސާފޮތްޗެއްގެ ދެފުށް ފަދަ ބައެކެވެ. އެއް ފުށް ފުހެވިއްޖެނަމަ ފައިސާފޮތIގެ ބޭނުން ދިއައީއެވެ. ކައިވެންޏާއިމެދުގައިވެސް ވިސްނަންވީ ހަމަ މިފަދައިންނެވެ. ކައިވެނި އެއިގެ ރަނގހަޅު ގޮތުގައި ދެމެހެއްޓޭނީ ދެމީހުންވެގެންނެވެ. އެއީ ދެމީހުންގެ މަސްއޫލިއްޔަތެކެވެ. އެކަކު ފޭލްވެއްޖެނަމަ މުޅި ޒަވާޖީ ހަޔާތް ފޭލިވެގެންދިއައީއެވެ.
ވީމާ ބައިވެރިޔާއަށް ބޭވަފާތެރިނުވާށެވެ! އެހިސާބުން ކައިވެނީގެ އަހުދުނާމާ އާއި ޚިލާފްވެވޭތީއެވެ! ޚިލާފްވިކަން ބައިވެރިޔާއަށް ނުއެނގި ދުވަސްކޮޅަކަށް ސިއްރުކުރެވިދާނެއެވެ. އެކަމަކު އަބަދަކަށް ސިއްރެއް ނުކުރެވޭނެއެވެ. ސިއްރު ފައުޅުވާ ހިސާބުން މައްސަލަތައް އުފެދި އުތުރި އަރައިގަންނާނެއެވެ. އެކަން ޤަބޫލުކުރަން ޖެހޭނެއެވެ.
ޚުލާޞާއަކީ ކައިވެނި، ކައިވެނީގެ ގޮތުގައި ދަމަހައްތަން ބޭނުންވާނަމަ ހަމައެކަކުވެސް ޚިޔާނާތްތެރިނުވާށެވެ! ބޭވަފާތެރިނުވާށެވެ! އެކަކުވެސް ބޭވަފާތެރިވެ، ޚިޔާނާތްތެރިވާ ހިސާބުން ކައިވެންޏަށްވެސް ވެގެންދާނީ ހަމަ އެއްފުށް ފުހެވުމުން ފައިސާފޮތްޗަށްވެސް ވީގޮތްކަން ޤަބޫލުކުރަންވާނެއެވެ.
މިކަންކަމަށް ދެމީހުންވެސް ވިސްނައިފިނަމަ ޒަވާޖީ ޙަޔާތް ކާމިޔާބުކުރެވޭނެއެވެ. އެކަކުވެސް ނުވިސްނައިފިނަމަ ޒަވާޖީ ޙަޔާތް ފޭލްވުން އޮންނާނީ ދާދި ގާތުގައެވެ. މިއީ ތަޖުރިބާއިން އެނގި ޔަޤީންވާ ކަންކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން