އެއްވެސް މީހަކީ އެންމެން ރުހޭނެ މީހެއް ނޫނެވެ. އެއިގެ ތެރޭގައި ތިމާ އެބައަކު ދެކެ އެންމެ ލޯބިވާ މީހުންނާއި ތިމާ އެބައަކަށް އެހީތެރިވާ މީހުންވެސް ހިމެނޭނެއެވެ. މިއީ އަބަދުވެސް އެކަން ހިނގަމުން އަންނަ ގޮތެވެ.
ފުރަތަމަ ކަމަކަށް މުސްލިމުންނަށް ކޮންމެ ދުވަހެއްވެސް ފަށަން އޮތީ ފަތިސްނަމާދުންނެވެ. ފަތިސްނަމާދުކޮށް ޛިކުރުތައް ކިޔައި ނިންމައިލާއިރު މިފަދަ ދުޢާއެއްވެސް ކުރަން މަސައްކަތްކުރާށެވެ!
ވަކިކަމަކުން ނޫނެވެ. ކޮންމެ ކަމަކުންވެސް އަހުރެމެންނަށް ގެއްލުންދޭން މަސައްކަތްކުރާ އެތައް ބައަކު އެބައުޅެއެވެ. ޢާންމު ދިރިއުޅުމުގެ ކަންކަމުގައިވެސް އަދި ދީނާއި ގުޅުންހުރި ކަންކަމުގައިވެސްމެއެވެ. އެކަން އެނގޭއިރު އެންމެ މުހިންމު ކަމަކީ ރައްކައުތެރިކަމަށް އެދިގެން ދުޢާކުރުމެވެ.
ޔާ ﷲ! ޢަދާވާތްތެރިންގެ އަނިޔާތަކުން އަޅަމެންނަށް ސަލާމަތްކަމާއި ރައްކައުތެރިކަން މިންވަރުކުރައްވަވާނދޭވެ. އަދި އަޅަމެންނާއިމެދު ކުށް ހީތައްކޮށް އަޅަމެންނަށް ގެއްލުންދޭން މަސައްކަތްކުރާ އެންމެންގެ ކިބައިންވެސްމެއެވެ.
ޔާ ﷲ! އަޅަމެންގެ ހިތްތައް ޠޯހިރުކޮށްދެއްވަވައި އެންމެހައި ރަނގަޅު ކަންތައްތަކުން އެހިތް ފުރާލައިދެއްވަވާނދޭވެ! އަދި އަޅަމެންގެ ވަށައިގެންވާ މީހުންނަކީ ހެޔޮ ޢަމަލުތައްކުރުމަށާއި ސާފުސީދާ މަގުގައި ޘާބިތުވެ ތިބުމަށް ހިތްވަރުދޭ ބައަކު ކަމުގައި ލައްވަވާނދޭވެ!
ޔާ ﷲ! އަޅަމެންނަށް ހެޔޮމަގަށް ތައުފީޤް ދެއްވަވާނދޭވެ! އަދި އަޅަމެންނަށް ނުބައި ޢަމަލެއް ކުރެވެން އުޅޭނަމަ އެކަމެއް ނުކުރުމުގެ ވިސްނުން އަޅަމެންނަށް ދެއްވަވާނދޭވެ! އާމީން
- މުފްތީ މެންކްގެ ދަރުސަކުން