ދަތިޙާލުގަ އުޅެންޖެހޭ އެކަނިވެރިމައިން މިކަންކަމަށް ވިސްނައި ޘާބިތުވެއްޖެނަމަ ލައްވަވާ ރަޙްމަތް އިންތިހާއަށް ބޮޑުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ދަތިޙާލުގަ އުޅެންޖެހޭ އެކަނިވެރިމައިން މިކަންކަމަށް ވިސްނައި ޘާބިތުވެއްޖެނަމަ ލައްވަވާ ރަޙްމަތް އިންތިހާއަށް ބޮޑުވާނެ! އިން ޝާ ﷲ

އެއްވެސް ޝައްކެއް ނެތެވެ. އަންހެނަކަށް ދެވޭނެ އެންމެ ބޮޑު ދެރައަކީ ވަރިކޮށް ދަރިންކޮޅު ބޮލަސްޖަހާފައި ދަރިންނަށް ޚަރަދުނުކުރުމެވެ. އެފަދަ ދެރައެއް ދީފިނަމަ އެމީހަކު އެކުރީ ނުބައި ކަމެކެވެ. އެއްވެސް މީހަކަށް ދެރައެއް ދިނުމަކަށް ﷲ ތަޢާލާ ރުހިވޮޑިގެނެއް ނުވެއެވެ. އަދި އެފަދަ ކަމެއް ކުރަން ހުއްދަ ކުރައްވަވާފައެއްވެސް ނުވެއެވެ. މީހަކަށް ދެރައެއްދީ ތަކްލީފް އުފުލަން ޖައްސުވައިފިނަމަ އެމީހަކަށް އެކަމަށް ޙައްޤު ޖަޒާ ދެއްވަވާނެތެވެ.  

ފުރަތަމަ މިބުނީ ފުރަތަމަ ބައެވެ. ދެން މިބުނަނީ ދެވަނަބައެވެ. އެއީ އިންސާނުންގެ ޙަޔާތުގައި ކުރިމަތިވާ ކޮންމެ ކަމަކީވެސް ﷲ ތަޢާލާގެ ޙަޟްރަތުން ކުރިމަތިކުރައްވަވާ ކަންކަމެވެ. އެއީ އިއްތިފާޤަކުންވެސް ނޫނެވެ. އަދި އޮޅުމެއްވެސް ނޫނެވެ. ހަމަ އެމީހަކަށް ކުރިމަތިކުރައްވަވާ ކަންކަމެވެ. 

ކޮންމެ މީހެއްގެ ކިބައިގައިވާ ޤާބިލްކަމާއި އެހެންވެސް ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ އެނިޢްމަތް ދެއްވެވި ﷲ ތަޢާލާއެވެ. "އެއްވެސް ނަފްސަކަށް ނުއުފެއްލޭނެ ވަރުގެ ތަކްލީފެއް އެއްވެސް މީހަކަށް ނުޖައްސަވާކަމަށް" ވަޙީކުރައްވަވާފައި އެވަނީ އެހެންވެގެންނެވެ.  

ވަރަށް ޢާންމުކަމެއްގެ ވާހަކަ ބުނެލާނަމެވެ. އިންސާނުންގެ ތެރޭގައި ނުބައި މީހުން ގިނަވެ ކައިވެނި ރޫޅައިލުމަށްފަހު ދަރިންނަށް އަޅައިވެސް ނުލާ ބައްޕައިން މިދަނީ ގިނަވަމުންނެވެ. ދަރިންކޮޅު މަގުމައްޗަށް ނެރެލަން ނުވަތަ އުކާލަން ކެރެނީ މައިންގެ ތެރެއިން ވަރަށް މަދު ބައަކަށެވެ.   

ލޮބުވެތި މައިންނޭވެ! އެއީވެސް ކުރިމަތިކުރައްވަވާ ވަރަށް ވަރުގަދަ އިމްތިޙާނެކެވެ. ތިބާގެ އަތުގައި އެއްވެސް ތަނަވަސްކަމެއް ނެތްކަން ނުވަތަ ތަނަވަސްކަން ހުރި މިންވަރު އެކަލާނގެ ދެނެވޮޑިގެންވެއެވެ. އެޙާލަތުގައި ކުދިންކޮޅު ގޮވައިގެން ދިރިއުޅެންޖެހޭނެ ޙާލަތުވެސް ދެނެވޮޑިގެންވެއެވެ. އެފަދަ ކަންކަން އެކުރިމަތިކުރައްވަވަނީ އަހުރެމެންނަށްވުރެ މާބޮޑަށް އަހުރެމެންގެ ޙާލަތު ދެނެވޮޑިގެންވާޙާލުގައެވެ.   

ވީމާ ކިތަންމެ ދަތިޙާލެއްގައި ދިރިއުޅެންޖެހުނަސް ﷲ ތަޢާލާގެ މަގާއި ދުރުނުވާށެވެ! ވީހާބޮޑަށް ކިޔަމަންތެރިކަން އަދާކުރަން މަސައްކަތްކުރާށެވެ! ދަތިޙާލުގައި ﷲ ތަޢާލާގެ މަގުގައި ޘާބިތުވެއްޖެނަމަ ދެއްވަވާނެ ނިޢްމަތްތައް މާބޮޑެތިވެފައި މާގިނަވާނެއެވެ.  

ޔަޤީންކުރާށެވެ! "އަތުގައި އެއްވެސް ތަނަވަސްކަމެއް ނެތި ސަލާންޖަހަން ޖެހޭ ޙާލުގައިވެސް މިވަރުގެ ކަމެއް ކުރިމަތިކުރެއްވެވީ ﷲ ތަޢާލާއެވެ! އަހުރެންގެ ކެތްތެރިކަން އިމްތިޙާނު ކުރެއްވެވުމަށެވެ. ފާސްވުމުން ލައްވަވާ ރަޙްމަތް ހާދަބޮޑުވާނެއެވެ!" އެކަންކަން ޔަޤީންކުރާ އަޅަކަށް ތައުފީޤް ދެއްވަވާނެތެވެ! އެޙާލަތުން އަރައިގަނެވޭނެ މަގު ދައްކަވާނެތެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން