އެކުވެރިން ތިމާއާއިމެދު ދެކޭ ގޮތް އެނގޭނެ ގޮތަކާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ އެކަން ކޮންމެވެސް ވަރަކަށް ބަލައިލެވިދާނެ ކަންކަމެވެ.
މިހާރަކަށް އައިސް ގަޑިޖެހިގެން ތަންތަނަށް ދިއުން މިވަނީ ޢާންމު ކަމަކަށްވެފައެވެ. ޚާއްޞަކޮށް އެކުވެރިން ދޭ ދަޢުވަތަށް ދިއުމުގައި ގަޑިއަށް ފަރުވާ ބަހައްޓަނީ ވަރަށް މަދު މީހެކެވެ. އެތައް އިރެއްފަހުން އައިސް މާފަށްވެސް އެދިފާނެއެވެ. ކޮންމެވެސް ބަހަނާއެއް ދައްކައިފާނެއެވެ.
އެކަމަކު ބުނަން ހެއްޔެވެ؟ އެކަމުން އަންގައިދެނީ އެކުވެރިޔާ ތިބާއަށް އިޙްތިރާމް ނުކުރާކަމެވެ. ސަމާލުކަންނުދޭކަމެވެ.
އަދިވެސް ބުނަން ހެއްޔެވެ؟ ތިބާއާއިއެކު ހޭދަކުރާ ވަޤުތުތަކުގައި އަންނަ ކޯލްތަކަށް ދިގުކޮށް ވާހަކަދައްކައި ވަޤުތު ބޭކާރުކުރާނަމަ އެކަމުންވެސް އަންގައިދެނީ ތިބާއަށް އިޙްތިރާމް ނުކުރާ ކަމެވެ. ތިބާގެ އެއްވެސް މުހިންމު ކަމެއް އެކުވެރިޔާއަށް ނެތްކަމެވެ.
ކޮންމެ ވަޤުތަކުވެސް މުހިންމު ކޯލެއް އަތުވެދާނެއެވެ. އަތުވެއްޖެނަމަ ޖަވާބުވެސްދޭންވާނެއެވެ. ނަމަވެސް އެފަދަ ކޯލްތައް ވީހައި ބޮޑަށް ކުރުކޮށްލައި އެކުވެރިޔާއަށްދޭ ވަޤުތު ގިނަކުރަންވާނެއެވެ.
އަދިވެސް ބުނަންހެއްޔެވެ؟ ތިބާ ދިން ދަޢުވަތަކަށް އެކުވެރިޔާއައިއިރު ފޭރާންލުމުގައި ފަރުވާކުޑަކޮށް ޒީނަތްތެރިނުވާނަމަ އެކަމުންވެސް އަންގައިދެނީ އެކުވެރިޔާ ޢާއިމެދު އެއްވެސް ފަރުވާލެއް ނެތްކަމެވެ.
އެހެންވީމާ އެކުވެރިއަކު ދިން ދަޢުވަތަކަސް ދިއަނަމަވެސް އެމީހެއްގެ ފެންވަރުން ރީތިވެ ޒީނަތްތެރިވާންޖެހޭނެއެވެ. އަތުގައި ހުރިނަމަ ހުވަނދުލާންވެސް ޖެހޭނެއެވެ. އެއިރުން ތިބާ ދިން ސަމާލުކަން ވިސްނި އެކުވެރިޔާގެ ހިތުގައި ތިބާއަށް ޤަދަރު އުފުލިގެންދާނެއެވެ. އިން ޝާ ﷲ
- އަލަފް / މިއަދުނޫހަށް