ރަޙިމުގެ ގުޅުން ކަނޑައިފި މީހަކު ސުވަރުގެ ނުވައްދަވާނެކަމަށް އޮންނާތީ ބައެއް މީހުން އެކަމެއް ނުކުރެއެވެ. އެކަމަކު ޢާއިލާގެ ތެރޭގައި ފިތުނަ އުފެދޭނެ ކަންކަންކޮށް ޢާއިލާ ބައިބައިކުރަން މަސައްކަތްކުރެއެވެ. އެއިރުން އެކުރެވެނީ ކޮންކަމެއް ހެއްޔެވެ؟ އެކަމުގެ ސަބަބުން އެތައް ބައެއްގެ ގުޅުންކެނޑިގެން ދިއުމުގެ ފާފައިގައި މިންއަޅާނީ ކޮންފީތާއަކުން ހެއްޔެވެ؟
މިއަދު ގިނަ ޢާއިލާތައް މިވަނީ އެތައް ބައަކަށް ބައިބައިވެނިމިފައެވެ. އެއްބައަކު މިތިބެނީ އަނެއް ބައަކު މަރަން ފަސްނުޖެހޭ ޙާލަތުގައެވެ. ނުވަތަ ޤަތުލުކުރާނެ ފުރުޞަތަކަށް ބަލަބަލައެވެ. ކޮންމެ މުޖުތަމައެއްގައި އެތައް ބައިވަރު ގޮފިތަކެއް މިވަނީ އުފެދިފައެވެ. އެއް ބައަކު މިތިބެނީ އަނެއް ބައަކު މަރަން ތައްޔާރަށެވެ. ކޮންމެ މިސްކިތެއްގައި މިސްކިތުގައި ނަމާދުކުރާ ޖަމާއަތަކާއި ފެންޑާގައި ނަމާދުކުރާ ޖަމާޢަތެއް އޮވެއެވެ.
މުނާފިޤުންކަން ޔަޤީންކުރެވޭ މީހުން ޤަތުލުކުރުމުގެ ހުއްދައަށް ޞަޙާބީން އެދިވަޑައިގަތުމުން އެހުއްދަ ވަނީ ނުދެއްވަވައިފައެވެ. އެއީ އެމީހުންގެ ތެރެއިން ބައަކު ތައުބާވެދާނެކަމަށްޓަކައެވެ. ހިތްޕުޅުގައި މީސްތަކުންގެ މައްޗަށް އޮތް ރަޙުމުގެ ބޮޑުކަމުންނެވެ.
މިއަދު ކުރިމަތިވެފައިމިވާ ޙާލަތު ކުރިމަތިކުރުވާފައި މިވަނީ ޝައިޠޯނާއެވެ. ޝައިޠޯނާ މިއަދު މިވަނީ މީސްތަކުން ބައިބައިކުރުވައިފައެވެ. ފިތުނަ އުފައްދުވައި ޙަސަދަވެރިކުރުވައިފައެވެ. ހެޔޮ ހިތަކާއިގެން މަޝްވަޜާ ކުރެވިއްޖެ ނަމަ ޙައްލު ނުކުރެވޭނެ އެއްވެސް މައްސަލައެއް ނެތެވެ.
ވަކން ޚާއްޞަކޮށް ޢާއިލާތަކުގެ މައްސަލަތަކަށް ބަލައިފިނަމަ ލޯބިން ވާހަކަދައްކައިގެން ޙައްލުނުކުރެވޭނެ އެއްވެސް މައްސަލައެއް ނެތެވެ. އިޙްތިރާމްކުރުމާއިއެކު ރިވެތި އަޚްލާޤުގެ ތެރެއިން ޙައްލުނުކުރެވޭނެ އެއްވެސް މައްސަލައެއް ނެތެވެ.
މީސްތަކުންނޭވެ! ޢާއިލާގެ ތެރޭގައި ބައިބައިވުން އުފައްދައި ރަޙިމުގެ ގުޅުން ކަނޑައިގެން ސުވަރުގެ ވަދެވޭނެ ކަމަށް އުންމީދުވެސް ކުރެވެންއޮތީ ކިހިނަކުން ހެއްޔެވެ؟
This is clear from the hadith of The Prophet (pbuh), which is reported by Imam Bukhari and Muslim,
"One will not enter paradise if he/she cuts off relations with relatives."
The Prophet (pbuh) has commanded his Ummah
"Do not cut off (mutual relations)." ~ Sahih Muslim 45/28
ވީމާ ސުވަރުގެ ވަންނަން އެދޭ މީހާ ޢާއިލާގައި ބައިބައިވުން ނުއުފުއްދާށެވެ. ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ. ޢާއިލާގެ އެހެން މީހުންނަށްވުރެ ތިމާއަށް މޮޅުކަމެއް ލިބިފައިވުމުން ބޮޑާވެ ކިބުރުވެރިނުވާށެވެ! ބޮޑާކަމާ ކިބުރުވެރިކަމުގެ ޛައްރެއްގެ މިންވަރު ހިތުގައި އޮތް މީހަކުވެސް ސުވަރުގެ ނުވައްދަވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ!
- މުފްތީ މެންކުގެ ދަރުސަކުން