އެއްބައަކު ކައިވެނި މާނަކުރަނީ ރަސްމިއްޔާތެއްގެ ގޮތުގައެވެ. ރަސްމިއްޔާތު ބޮޑުވި ވަރަކަށް އެމީހުން އުފާވާނެއެވެ. ނަމަވެސް ކައިވެނީގެ ޙަޤީޤީ މާނައަށް ބަލައިފިނަމަ އެއީ ﷲ ތަޢާލާ އަންގަވާފައިވާ މަގުން ދެމީހަކު ގުޅި ލޯބިން އުފަލުގައި ދިރިއުޅުމެވެ. އެމަޤްޞަދު ޙާޞިލުނުކުރެވޭނަމަ ކައިވެނި އެއޮތީ ބޮޑުތަނުން ފޭލްވެފައެވެ.
ކައިވެނިކުރަން ބޭނުން ނުވާ ނުވަތަ ކައިވެނިކުރުން ލަސްކުރަން ބޭނުންވާ މީހުން ގިނަވުމަކީ އެމީހުން ކުށްވެރިކުރަންޖެހޭ ސަބަބެއް ނޫނެވެ. އެއިގެ ތެރޭގައި މުހިންމު ސަބަބުތަކެއް ހުރުމުން އެގޮތަށް ކަންކަންކުރާ މީހުންވެސް ތިބޭނެއެވެ.
އެންމެންވެސް ޢީދުތަކަށް ކަންކަން ކުރެއެވެ. އައުހެދުންވެސް ފަހައެވެ. އެކަމަކު ޢީދުނަމާދަށް ނުގޮސް ނިދަންތިބޭ ބައަކުވެސް އުޅެއެވެ. އެކަމުން އަންގައިދެނީ ކޮންކަމެއް ހެއްޔެވެ؟ ޢީދަށް އައު ހެދުން ހޯދި މަޤްޞަދު އޭނާއަށް ނުއެނގޭކަމެވެ.
ހަމައެފަދައިން މިހައި ބޮޑަށް ވަރި ގިނަވަމުން މިދަނީ ކީއްވެގެން ހެއްޔެވެ؟ އަހުރެން ބުނާނީ މިހައި ބޮޑަށް ވަރިގިނަވަމުން އަންނަ އެންމެ ބޮޑު ސަބަބަކީ ކައިވެނިކުރަނީ ކީއްކުރަންކަން ނުވިސްނި ތިބެ ކައިވެނިކުރާތީކަމަށެވެ.
މިޘާލަކީ ޢީދަށް އައުހެދުން ހޯދިމީހާއަށް އެކަންކުރި ސަބަބު ނުވިސްނުން ފަދައެވެ. އެހެން މީހުން އައު ހެދުން ހޯދާތީ އޭނާވެސް އައު ހެދުމެއް ހޯދީއެވެ. ހެދުން ހޯދައިގެން އޭނާ އޮތީ ޢީދުނަމާދަށް ނުގޮސް ގޭގައި ނިދާށެވެ! ހަމައެފަދައިން އެހެން މީހުން ކައިވެނިކުރާތީ އޭނާވެސް ކައިވެނިކުރަނީއެވެ. ކައިވެނިކުރުމުގެ ބޭނުމާއި އެކަމުން ނެރެންޖެހޭ ނަތީޖާ އޭނާއަށް ނުއެނގޭތީ ވަރިކޮށްލުމަކީ ނުވަތަ ވަރިވުމަކީ ކިހައިވަރެއްގެ ބޮޑުކަމެއްކަން ނުއެނގޭތީ ކައިވެނި ރޫޅާލައި އަނެއްކާވެސް ކައިވެންޏެއް ކުރަނީއެވެ.
ދިރިއުޅުމާއިމެދު ހޭލުންތެރިވާން އެބަޖެހެއެވެ. ކައިވެނިކުރުމަކީ ދަނޑެއްގައި ގޮވާންކުރުން ފަދަ ކަމެކެވެ. ނުހަނު ބުރަ މަސައްކަތުން ދަނޑެއް ތައްޔާރުކޮށް، އޮށްތައް އިންދައި ގަސްތައް ފެޅުމުން ދަނޑާއި އަޅައިނުލައިފިނަމަ އެދަނޑުން ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟
ދިރިއުޅުމަކީ އެއަށްވުރެވެސް މާ ބޮޑު މައްސަލައެކެވެ. ދަނޑުގަ ގަސްތައް ފެޅުމުން އަޅާނުލައި ދޫކޮށްލުމަށްވުރެ މާބޮޑު މައްސަލައެކެވެ. އެހެނީ ކައިވެނީގައި ދަރިން ލިބުމުން ކައިވެނިރޫޅާލައިފިނަމަ އެކަންވެގެންދަނީ އެންމެ ބޮޑު މައްސަލައަކަށެވެ. ހަމައެކަނި ޢާއިލާއަކަށް ނޫނެވެ. މުޅި މުޖުތަމަޢުއަށްވެސް އެކަމުގެ ނޭދެވޭ އަސަރުކުރެއެވެ.
ވީމާ ކައިވެނިކުރާނަމަ އެކަންކުރާ މަޤްޞަދަކީ ދަރިން ލިބުމުން ދަރިން ގޮވައިގެން ދެމަފިރިން އެކުގައި ސުވަރުގެއަށް ދިއުންކަމަށް ހަދަންޖެހޭނެއެވެ. އެކަންކުރެވޭނީ ދެމަފިރިންވެސް އެކަމަށް ސަމާލުކަންދީގެންނެވެ. ޢުމުރަށް އެކުގައި ދިރިއުޅެން މަސައްކަތްކޮށްގެންނެވެ. މިބުނިފަދައިން ކައިވެންޏާއިމެދު ނުދެކޭ މީހަކު ކައިވެނިކުރުމުގެ ބޭނުމެއް ނެތެވެ. އަދި އެގޮތަށް ނުދެކޭ މީހަކާއި ކައިވެނިކުރުމެއްވެސް ނެތެވެ.