ދެމަފިރިން ލޯބިން އެކުގަ އުޅޭނަމަ ދެއްވަވާނެ ޘަވާބު އެނގޭ ދެމަފިރިއަކު އެންމެ ކުޑަމިނުން އެކަކު އަނެކަމަށް ކުނިމޫނުވެސް ނުދައްކާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ދެމަފިރިން ލޯބިން އެކުގަ އުޅޭނަމަ ދެއްވަވާނެ ޘަވާބު އެނގޭ ދެމަފިރިއަކު އެންމެ ކުޑަމިނުން އެކަކު އަނެކަމަށް ކުނިމޫނުވެސް ނުދައްކާނެ!

ފުރަތަމަވެސް ވިސްނާލަންވީ ﷲ ތަޢާލާގެ ދީލަތިވަންތަކަމުގެ ބޮޑުކަމަށެވެ. އެގޮތުން ކައިވެނިކުރުމަށްބަލައިފިނަމަ އެކަންކުރަނީ ދެމީހުންގެ އުފަލަކަށް ކަމަށްވެސް ބުނެވިދާނެއެވެ. މުސްލިމުން ނޫން މީހުން މާނަކުރާނީ އެގޮތަށެވެ. މުސްލިމުންނަށް ކައިވެނިކުރުންވެސް ލައްވަވާފައިވަނީ ޘަވާބު ދެއްވަވާ އަޅުކަމެއްގެ ގޮތުގައެވެ. ހަމައެކަނި ކައިވެނި ކުރުމެއްވެސް ނޫނެވެ. ކައިވެނިކޮށްގެން ﷲ ތަޢާލާގެ މަގުގައި ދިރިއުޅޭނަމަ އެކަމަށްވެސް ޘަވާބު ދެއްވަވަތެވެ. ދެމަފިރިން ރޭކުރުމުން އެކަމަށްވެސް ޘަވާބު ދެއްވަވަތެވެ.

ކައިވެނިކުރުމުން ލިބިގެންދާ ދަރަޖައަށް ބަލާއިރު ކައިވެނިކުރުމުން އެއީ ދީނުގެ ދެބައިކުޅަ އެއްބައި ފުރިހަމަވީކަމަށް އޮތުމަކީ ކައިވެނިކުރަން ދެއްވަވާފައިވާ ކިހައި މަތިވެރި ދަރަޖައެއް ހެއްޔެވެ؟ ދެން ބަލައިލަންވީ ކައިވެނިކުރުމަށްފަހު ދެމަފިރިންވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކޮށް ދީނުގައި އޮތްމަގުން ދިރިއުޅޭނަމަ ލިބެން އޮތް ބޮޑު ފައިދާއަށެވެ.

ފުރަތަމަ ކަމަކަށް ކުރިން މިބުނި ފަދައިން ކައިވެނި ކުރުމަކީ އަޅުކަމަކަށްވުމުގެ އިތުރުން ކައިވެންޏަށްފަހު އެކަކު އަނެކަކު ދެކެ ލޯބިވުމަކީ އަޅުކަމެކެވެ. ހެޔޮކޮށް ހިތުމަކީ އަޅުކަމެކެވެ. ސުންނަތުގައިވާފަދައިން އެކުގައި ރޭކުރުމަކީ ވެސް އަޅުކަމެކެވެ.

އެކަކު އަނެކަކަށް ތެދުވެރިވުމަކީވެސް އަޅުކަމެކެވެ! އެކަކު އަނެކަށް އެހީތެރިވުމަކީވެސް އަޅުކަމެކެވެ. ލޯބިން ފިރުމައިލުމަކީވެސް އަޅުކަމެކެވެ. ހިނިތުންވެލުމަކީވެސް އަޅުކަމެކެވެ. އެކަކަށް ލިބޭ ހިތާމަތަކާ ތަކްލީފްތަކުގެ އެއްކޮޅުގައި އަނެކަކު ހިފުމަކީވެސް އަޅުކަމެވެ.

އަދި ކީއްހެއްޔެވެ؟ އެކުގައި ވަގުތު ހޭދަކުރުމަކީވެސް އަޅުކަމެކެވެ.

ޖުމުލަކޮށްލާފައި ބުނާނަމަ ﷲ ތަޢާލާ ހުއްދަކުރެއްވެވި އިމުގެ ތެރެއިން ދެމަފިރިން އިޚްލާޞްތެރިކަމާއިއެކުކުރާ ކޮންމެ ކަމަކީ އަޅުކަމެކެވެ.

ވީމާ ޝައިޠޯނާގެ ވަސްވާސްތަކަށް ހެއްލި، ލިބެންހުރި ޘަވާބުތައް ދޫކޮށްނުލާށެވެ! ދިރިއުޅުން އުފާވެރިވެ ބާއްޖަވެރިވާނީ ދެމަފިރިން އެކުގައި ލޯބިން ދިރިއުޅެން މަސައްކަތްކުރިވަރަކަށެވެ. އެކަމުގައި އިމެއް ނެތެވެ! އޮތީ ހިތްވަރުކުރަންކެރުނު ވަރެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން