ކައިވެނި ރޫލައިލުމަކީ ހިތަށް އަރާއިރަށް ކުރަން ހެޔޮވާނެ ކަމެއް ނޫނެވެ. ނޫނީ ތިމާއަށް މޮޅު ގޮތެއް ފެނުމުން ކުރަން އޮތް ކަމެއް ނޫނެވެ. އެއީ ދެމަފިރިންނަށް އިތުރަށް އެކުގައި އުޅެވޭނެ އެއްވެސް ގޮތެއް ނެތުމުން ކުރަން އޮތް ކަމެކެވެ. ނަމަވެސް އެކަމަށް ވިސްނައިލަނީ ވަރަށް މަދު މީހެކެވެ.
ގިނަ މީހުންނަކީ އެމީހަކަށް މޮޅެއް، ފައިދާއެއް ލިބިދާނެކަމަށް ވިސްނިއްޖެނަމަ އަނެކާގެ ޙައްޤުތަކަށާއި އަނެކާއަށް ލިބިދާނެ ދެރައަކަށް ބެލުމެއްނެތި ތިމާއަށް ބޮޑު ފައިދާ ލިބޭނެ ކަމަށް ވިސްނޭ ގޮތަށް ޢަމަލުކުރާ ބައެކެވެ. އެމީހުންނަށް ނުވިސްނެނީ އެއްވެސް މީހަކަށް ދެރައެއް ނުވަތަ އަނިޔާއެއް ދިނުމުން އެކަން ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާ ކަމެވެ. ދެމަފިރިންގެ މެދުގައިވެސް ކަންކަން ހިނގަނީ މިބުނި ފަދަ ގޮތަކަށެވެ.
ޢާންމު ގޮތެއްގައި ކައިވެނި ކުރެވެނީ އެކަމަށް ދެމީހަކު ރުހި ޤަބޫލުވެގެންނެވެ. އަދި މިހާރަކަށް އައިސް ލޯބިވެ އެކަމުގައި މޮޔަވާވަރުވެސްވެގެންނެވެ. އެހެނަސް ކައިވެނިކޮށް ޒަވާޖީ ޙަޔާތަށް ފަށައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނުވަތަ އެއިގެ ފަހުން ނަމަވެސް ލޯބީގައި އެވީ މޮޔަ ފިލައި ކައިވެނި ރޫޅައިލަން އެބަ ބޭނުންވެއެވެ.
ބައެއް ފަހަރު ތިމާއަށް މާރަނގަޅު ގޮތެއް ފެނުމުންނެވެ. އަނެއްބައި ފަހަރު ތިމާ ޙާޞލުކުރަން ބޭނުންވި ކަންކަން ޙާޞިލުކުރެވުމުންނެވެ. ނުވަތަ އެނޫންވެސް ކޮންމެވެސް އަމިއްލަ އެދުމެއް އެކެއްގެ ހިތުގައި ބޮޑުވެގެންނެވެ.
ބަހަނާއަކަށް އަނެކާގެ ނުބައި ވާހަކަ ދެއްކި ނަމަވެސް ގިނަ ފަހަރަށް ކައިވެނި ރޫޅައިލަން ޖެހިފައި އޮންނަނީ އަނެކާ ނުބައިވެގެނެއް ނޫނެވެ. ދެމީހުންކުރެ އެކަކަށް ރަންދުނިޔެއެއްގެ ހުވަފެން ފެނިގެންނެވެ. އެހުވަފެން ފެނުމުންވާގޮތަކީ ކުރިން ލޯބީގައިވީ މޮޔަ ފިލައިދަނީއެވެ. އަދި ރުޅިވެރިކަމާއި ނަފްރަތަށްވެސް ބަދަލުވަނީއެވެ.
ކޮންމެއަކަސް އަނެކާ ތިމާ އާއިއެކު ރަނގަޅު ގޮތުގައި ދިރިއުޅެމުން ދަނިކޮށް ބަހަނާ ދައްކައި ކައިވެނި ރޫޅައިލާ މީހުންނަށް ބުނަމެވެ. ބާކީ ތިއަކޮށްލަނީ ހަމަ ތިބާ އުފެއްދެވި ﷲ ތަޢާލާ އުފެއްދެވި އިންސާނެކެވެ. ތިބާއަށް ވެސް ހިތް ދެއްވެވި ﷲ ތަޢާލާ ހިތެއް ދެއްވަވާފައިވާ އިންސާނެކެވެ. ތިބާގެ އަޑު އައްސަވައިވޮޑިގެންވާފަދައިން އޭނާގެ އަޑުވެސް އައްސަވައިވޮޑިގެންވެއެވެ. އަދި ހަމަ އެއާއިއެކު މަންޒަރު ރީތިކުރަން ތިބާ ކިތަންމެ ރީތި ކުލަތަކެއް މަންޒަރުގައި ޖެއްސި ނަމަވެސް މަންޒަރުގެ އަޞްލުކުލަ ﷲ ތަޢާލާ ދެކެދެވޮޑިގެންވެއެވެ.
ވީމާ ފިރިމީހާ އިސްނަގައިގެންވެސް އަދި އަނބިމީހާ އިސްނަގައިގެންވެސް އަނެކާއަށް ދެރައެއް ދިނުމުގެ ނިޔަތުގަ ކައިވެނި ރޫޅާނުލާށެވެ! އެފަދަ އަނިޔާއެއް ދީފިނަމަ ގާތީ އެކަން އޭނާއަށް ރަޙްމަތަކަށްވުމާއިއެވެ!
ކައިވެނި ރޫޅައިލަން އިސްނެގީ އަޅުވެރިއަކު ކަމުގައިވެސް ވެދާނެއެވެ ޔަޤީންކުރަންޖެހޭނެ ކަމަކީ ތިބާ ކިތަންމެ އަޅުވެރިނަމަވެސް ތިއަ އަނިޔާ ދޭ މީހާއަށް ﷲ ތަޢާލާ ރުހިވޮޑިގަންނަވާ މިންވަރު ތިބާއަށް ނުވަތަ އެހެން މީހަކަށްވެސް ނުއެނގޭނެކަމެވެ. އޭނާއަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި މާމަތިވެރިކަން ލިބިގެންވާ މީހަކު ކަމުގައި ވެދާނެ ކަމެވެ.
އަނެކާއަށް ދެރައެއް ދިނުމުގެ ނިޔަތުގަ ކައިވެނި ރޫޅައި ނުލުމަށާއި ރޫޅާލައިފިނަމަ ގާތީ އެކަން އޭނާއަށް ރަޙްމަތަކަށްވުން ކަމަށް މިބުނަނީ މި ސަބަބުތަކަށްޓަކައެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން