ދެމަފރިއަކު އުފަލުގަ އުޅެނިކޮށް ދުރުކުރުވަން އެއްވެސް ކަމެއް ކުރުމަކީ ސަލާމަތް ނުވެވިދާނެ ބޮޑު ފާފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ދެމަފރިއަކު އުފަލުގަ އުޅެނިކޮށް ދުރުކުރުވަން އެއްވެސް ކަމެއް ކުރުމަކީ ސަލާމަތް ނުވެވިދާނެ ބޮޑު ފާފައެއް!

މިހާރަކަށް އައިސް ތިމާއަށް އެހީތެރިވާ ނުވަތަ ގާތް މީހަކު ބުނެފިނަމަ ދެމަފރިން ވަރިކުރުވައިގެން އެމީހަކަށް އޭނާ ބޭނުންވި މީހާ ހޯދައިދޭން އެބަ މަސައްކަތްކުރެއެވެ. ބައެއް ފަހަރު އެކަން ކާމިޔާބުވެސް ކުރެވެއެވެ. އެހެންކަމުން މިއީ ހޭލުންތެރިވެ ބިރުވެތިވާންޖެހޭ ކަމެކެވެ.

ކިތަންމެ ގާތް އެކުވެރިއަކަށް ނުވަތަ ތިމާގެ މީހާއަށް ނުވަތަ އެނޫން މީހަކަށް ނަމަވެސް އެހީތެރިވުމުގެ ބޭނުމުގައިވެސް އެއްގޮތަކަށްވެސް ކޮށްގެން ނުވާނެ ކަންކަން އެބަހުއްޓެވެ. އެއިގެ ތެރެއިން އެއްކަމަކީ ލޯބިން ދިރިއުޅޭ ދެމަފިރިއަކު ދުރުވެދާނެ ފަދަ އެއްވެސް ކަމެކެވެ.

ވިސްނާށެވެ! މީހަކަށް ކުރެވޭނެ އެންމެ ނުބައިކަންބޮޑު އެއް ޢަމަލަކީ ލޯބިން އެކުގައި އުޅޭ ދެމަފިރިއަކު ދުރުކުރަން ކުރެވޭ ކަންކަމެވެ. ދެމަފިރިންގެ މެދުގައި ފިތުނަ އުފެއްދުމެވެ. ރީތި މީހުން ދައްކައި ހިލޭ މީހުންނާ ޖާމިނުކުރުވަން ކުރެވޭ ކަންކަމެވެ. ކޮފީއަކުން ސަޔަކުން އަދި ކެއުމަކުންވެސް މެއެވެ.

ދެމަފިރިއެއްގެ މެދަށް ހުރަސް އެޅި ގުޅުން ހީނަރުވެދާނެ ކިތަންމެ ކުޑަޢަމަލެއް ކުރުމަކީވެސް ބޮޑު ފާފައެކެވެ. މީގެ ތެރޭގައި ފިރިންނަށް އަދި އަނބިންނަށް ހިލޭ މީހުން ތަޢާރަފްކޮށްދިނުންވެސް ހިމެނެއެވެ.

ކިތަންމެ ލޯބިން އެކުގައި އުޅޭ ދެމަފިރިންގެ މެދުގައިވެސް މައްސަލައެއް ޖެހިދާނެއެވެ. އެފަދަ ވަގުތަކު އެކުވެރިންނަށް އެކަން އެނގުމުން ހިތްހަމަޖެހުން ހޯދައިދިނުމުގެ ނަމުގައި ގެއިން ބޭރަށް ގެންގޮސްގެން އަދި އެހެން ގޮތަކުން ވެސް ދެމަފިރިންގެ ގުޅުމަށް ހުރަސް އެޅިދާނެ ކިތަންމެ ކުޑަ ޢަމަލެއް ކުރުމަކީވެސް ހަމަ ބޮޑުފާފައެކެވެ.

ވީމާ މިކަންކަމަށް ބިރުވެތިވާށެވެ! ތިމާގެ ދިރިއުޅުން ނުބައި ޙާލަތެއްގައިވުމަކީ އެހެން މީހުންގެ ދިރިއުޅުން ހަލާކުކުރަން ކަތުރުފަންޏަކަށް ވާންޖެހޭ ސަބަބަކަށް ނުހަދާށެވެ! އެކަމުގެ ސަބަބުން ތިމާއަށް ކުރިމަތިވެދާނެ ހިތްދަތިކަމުގެ ބޮޑުކަމަށް ވިސްނައި ބިރުވެތިވުމަކީ ތިމާގެ ދިރިއުޅުން އުފާވެރިވެ ބާއްޖަވެރިވެދާނެ ސަބަބެކެވެ. އިން ޝާ ﷲ

ﷲ ތަޢާލާ އަންގަވާފައިވަނީ މީސްތަކުންނަށް އެހީތެރިވުމަށެވެ. ދިރިއުޅުމަށް އުފާވެރިކަް ހޯދައިދޭން މަސައްކަތް ކުރުމަށެވެ. ދެމަފިރިންގެ މެދުގައި ފިތުނަ އުފައްދައި ދުރުކުރަން ކުރާ މަސައްކަތަށް ﷲ ތަޢާލާ ލޯބިވެވޮޑިގެނެއް ނުވެއެވެ. އެފަދަ ކަންކަމުން ލިބިގެންދާނީ ރުހިވޮޑިނުގަތުންކަން ޤުރްއާނުންނާއި ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ! ބިރުވެތިވާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން