ސަމާލުކަންދޭންޖެހިފައިވާ ކަމެއް!: ދެމަފިރިން ނިދަންތިއްބާ ގޮސް ބެލްޖެހީމާ ހުޅުވަންޖެހޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ސަމާލުކަންދޭންޖެހިފައިވާ ކަމެއް!: ދެމަފިރިން ނިދަންތިއްބާ ގޮސް ބެލްޖެހީމާ ހުޅުވަންޖެހޭނެތަ؟

އަޅުގަނޑުމެން ދެމަފިރިންނަކީ ވަރަށް އަވަހަށް ނިދަން އޮށޯންނަ ބައެކެވެ. ނިދަން އޮށޯންނަނީ ފޯނު ސައިލަންޓަށްވެސް ލައިގެންނެވެ. އެއީ މީހުން ގުޅީމާ ނިދިހަލާކުވާތީއެވެ. އެކަން އެގޮތަށް ކުރާކަން ޢާއިލާގެ މީހުންނަށާއި އެކުވެރިންނަށްވެސް އެނގޭނެއެވެ.

އެއްރޭ ނިދަން ތިއްބައި މީހަކު ބެލްޖެހުމުން ނުހުޅުވަމެވެ. ފޯނު ދުރުގައި އޮތުމުން އެވަޤުތު ގުޅިކަމެއް ނުއެނގެއެވެ. ހަމަޤައިމުވެސް ނިދަން އޮށޯތުމާއި ހަމައަށް ޖަވބު ނުދެވޭ ކޯލެއް ނުއޮންނާނެއެވެ.

ކޮންމެއަކަސް ކަންތައްވީގޮތަކީ ބެލްޖެހިކަމަށްވީ އެކުވެރިއެކެވެ. ނުހުޅުވީތީ މިހާރު ވާހަކައެއް ނުދައްކައެވެ. މިކަމުގައި އަޅުގަނޑުމެން ދެމަފިރިންގެ ކުށަކީ ކޮބައިތޯ؟

ޖަވާބަކީ ތިއަކަމުގައި ތިއަ ދެމަފިރިންގެ އެއްވެސް މައްސަލައެއް ނެތެވެ. ފަހަރެއްގައި ދުވާލުގެ ވަޤުތެއްގައި ކުރިން ނުބުނެ ގެއަކަށް ޒިޔާރަތްކުރިނަމަވެސް ރޭގަނޑުގެ ވަޤުތެއްގައި ޒިޔާރަތްކުރާނަމަ ކުރިއާލައި އަންގާލައި ހުއްދަހޯދަންވާނެއެވެ. ހުއްދަ ހޯދުމެވެ މިބުނަނީ އެއީ އަނެކާއަށް ފަސޭހަ ކަމެއްތޯ ބަލައިލުމަށެވެ. ޒިޔާރަތްކުރަންވާނީ އަނެކާއަށް ބުރައަކަށް ނުވާނެ ގޮތަކަށެވެ.

ތިރީގައިވާ ލިޔުމުން އިތުރު ތަފްޞީލް ލިބިލައްވާނެއެވެ. އިން ޝާ ﷲ

ކުރީގެ ޒަމާންތަކަށް ބަލައިފިނަމަ ގެއަކަށް ވަންނަން ހުއްދަހޯދަން އެގެއެއްގެ މީހުންނާއި ވާހަކަ ދެއްކެނީ ގެއަކަށް ދިއުމުންނެވެ. ނަމަވެސް މިއަދު އެކަން މިވަނީ ވަރަށް ބޮޑަށް ބަދަލުވެ ވަރަށް ލުއިފަސޭހަ ކަމަކަށް ވެފައެވެ. ބޭނުން ވަޤުތަކު ފޯނުން ގުޅާލައި ވާހަކަ ދައްކައި އަނެކާއަށް ފަސޭހަވާނެ ވަޤުތު އޮޅުންފިލުވެން އޮތުމުންނެވެ.

މީހުންގެ ދިރިއުޅުމަށާއި ދިރިއުޅޭ ޙާލަތަށް އައިސްފައިވާ ބޮޑެތި ބަދަލުތަކުގެ ސަބަބުން ކޮންމެ ކޮންމެ ވަގުތަކީ މެހްމާނުންނަށް މަރުޙަބާ ކިޔަން ފަސޭހަވަގުތަކަށް ނުވެދާނެއެވެ. ވީމާ ގެއަކަށް ޒިޔާރަތްކުރާނަމަ ފޯނުން ގުޅާލައި ފަސޭހަ ވަގުތެއް އޮޅުންފލުވައި ކުރިއަށް ހުއްދަ ހޯދަންވާނެއެވެ.

ދެވަނަ ކަމަކަށް އެގެއަކަށް ދިއުމަށްފަހު އެގެއެއްގެ މީހުންނަށް އުނދަގޫވާހައި ގިނައިރުވަންދެން މަޑުނުކުރާށެވެ! އެގެއްގެ މީހުން ފޫހިނުކުރާށެވެ! ތިބާ ގާތު އެނބުރި ދިއުމަށް ބުނަން ފަސޭހަނުވެދާނެއެވެ. އެކަމަށް ވިސްނުމަކީ ޒިޔާރަތްކުރާ މީހާގެ ކަމެކެވެ.

އަދި ގެއަކަށް ގޮސް ބެލް ޖެހުމުން ދޮރުހުޅުވި ނަމަވެސް ސަލާމްގޮވަންވާނެއެވެ. ގެއަށް ވަންނަން ހުއްދަލިބުމަކީ ސަލާމް ބަލައިގަނެ ގެއަށް ވަންނަން ބުނުން ކަމުގައިހަދަންވާނެއެވެ! ހަމައެއާއިއެކު ގެއަކަށް ވަންނަނަމަ ތިމާ އާއިއެކު ޝައިޠޯނުން އެގެއަށް ވަނަނުދިނުމަށްޓަކައި ކިޔަންޖެހޭ ޛިކުރުތައް ކިޔަންވާނެއެވެ.

އަދި އެގެއަކުން ނުކުންނަ ނަމަ އެމީހުންނަށްޓަކައި ހެޔޮދުޢާކުރަންވާނެއެވެ. އަދާކުރި މެހްމާންދާރީއަށް ޝުކުރުއަދާކުރަންވާނެއެވެ.

ގެއެއްގައި އިންނައިރު ބެލުންތައް ތިރިކުރަންވާނެއެވެ. ބަލަން ނުޖެހޭ ތަންތަނަށް ނުބަލާށެވެ. ތިބާ ބެލުމުން އުނދަގޫވާނެ ބައަކުވެސް އެގެއެއްގައި އުޅެފާނެއެވެ. އަދި ގޭތެރެއިން ފެންނަ ތިބާ އާއި ނުބެހޭ ކަންކަމުގައި ސުވާލުކޮށް ނުހަދާށެވެ. ހުރިހާކަންކަމަށް "އުނދުޅި ބޭނުމުން" އުނދަގޫވާނެއެވެ. ފޫހިވެސްވާނެއެވެ.

މިއީ ރިވެތި އަޚްލާޤްގެ ތެރެއިން ހިމެނިގެންވާ ކަންކަމެވެ. އަދި އިސްލާމް ދީނުގެ ރިވެތި އަދަބުތަކުގެ ތެރެއިން ހިމެނިގެންވާ ކަންކަމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން