ދުނިޔޭގަ ނިޢުމަތްތައް ދެއްވަވާވަރަކަށް ސުވަރުގެ ހޯދަން ކުރާ މަސައްކަތް އިތުރުނުކުރެވޭނަމަ އެމީހަކު އެހުރީ އެހިސާބުންވެސް ފޭލްވެފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ދުނިޔޭގަ ނިޢުމަތްތައް ދެއްވަވާވަރަކަށް ސުވަރުގެ ހޯދަން ކުރާ މަސައްކަތް އިތުރުނުކުރެވޭނަމަ އެމީހަކު އެހުރީ އެހިސާބުންވެސް ފޭލްވެފަ!

ދުނިޔަވީ މިޘާލަކުން ފަށާނަމެވެ. ވަޒީފާގައި މައްޗަށްދެވި ބޮޑުމުސާރަލިބޭވަރަކަށް ޒިންމާދާރުކަން ބޮޑުނުވޭހެއްޔެވެ؟ ވަޒީފާއަށް ފަރުވާކުޑަކޮށްފިނަމަ އެމީހަކު ފޭލްވެ ވަޒީފާއިން ވަކިނުކުރާނެ ހެއްޔެވެ؟ ދުނިޔޭގައި ނިޢުމަތްތައް ދެއްވެވުމުން އާޚިރަތް ލިބިގަންނަން މިކުރާ މަސައްކަތުގައިވެސް އޮތީ ހަމައެގޮތެވެ. 

އަހުރެމެންނަށް މިއަދު މިވާގޮތަކީ ދުނިޔޭގައި އުފާވެރިކަން ދެއްވަވައިފިނަމަ އާޚިރަތް މަތިން ހަނދުމަނެތިގެންދަނީއެވެ. ނުވަތަ ފަރުވާ ކުޑަކުރެވެނީއެވެ. އުފާވެރި ދިރިއުޅުމެއް ދެއްވެވިނަމަވެސް ތަނަވަސްކަން ފަދަ ނިޢުމަތެއް ދެއްވެވިނަމަވެސް މެއެވެ. 

މީސްތަކުންނޭވެ! އެއީ އެއްގޮތަކަށްވެސް އެކަން ކުރަން އޮތް ގޮތެއް ނޫނެވެ. ދުނިޔޭގައި ދެއްވަވާ ކޮންމެ ނިޢުމަތަކީވެސް ކުރިމަތި ކުރައްވަވާ އިމްތިޙާނެކެވެ. ދުނިޔެއިން ނުކުމެގެންދާން ޖެހޭނީ އެނިޢުމަތްތައް ދޫކޮށްލައިފައެވެ. އެއީ ކިތަންމެ އުފާވެރި ދިރިއުޅުމެއް ނަމަވެސް އަދި ކިތަންމެ ބޮޑު ތަނަވަސްކަމެއް ނަމަވެސް މެއެވެ. 

ﷲ ތަޢާލާ އަހުރެމެންނަށް އަންގަވާފައިވަނީ ދުނިޔެއާއި އާޚިރަތް ހޯދަން ގަދައަޅައި މަސައްކަތްކުރުމަށެވެ. އަދި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ގިނައިން ކުރެއްވެވި ދުޢާއަކީވެސް އެކަމަށް އެދިގެން ކުރަން ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާ ދުޢާއެވެ. 

رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ 

"ދުނިޔޭގައި ހެޔޮކަން އަދި އާޚިރަތުގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާނދޭވެއެވެ. އަދި ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާނދޭވެ" 

މިއީ އަހުރެމެންވެސް އެންމެ ގިނައިން ކުރަން އޮތް ދުޢާއެވެ. މިދުޢާއަށް ބަލައިފިނަމަ ކުރިން މިދެއްކި ވާހަކަތަކުގެ ތެދުކަން އެނގިގެންދާނެއެވެ. 

އަހުރެންގެ ވަޞިއްޔަތަކީ ދުނިޔޭގައި ގިނައިން ނިޢްމަތްތައް ލިބުނު ވަރަކަށް އެކަމުން އުފާލިބިގަންނަމުން މިދުޢާ ގިނަގިނައިން ކޮށް މިދުޢާއަށް ޢަމަލުކުރުންމަތީގައި ތިބުމެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާ ދުނިޔެއާއި އާޚިރަތްވެސް ދެއްވަވާނެތެވެ. 

މިވާހަކަ ގިނަގިނައިން ހަނދާންކޮށްދޭން މިޖެހެނީ ކުރިން މިބުނި ފަދައިން ދުނިޔޭގައި އުފާވެރިކަން ދެއްވެވުމުން އާޚިރަތް މަތިން ހަނދުމަނެތިކޮށްލާ މީހުން ގިނަކަމުންނެވެ. މުހިންމީ ދުނިޔޭގައި އުފަލުގައި އުޅެވުމެއް ނޫނެވެ. އާޚިރަތް ދުވަހު އުފާވެރިކަން ލިބޭ މީހަކު ކަމުގައިވެވުމެވެ. އެކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން 

 

މިއަދު އޮންލައިން