ނިކަމެތިންގެ ކުރިމަތީގަ ހުންނައިރު ތިމާގެ މޮޅުކަން އިޙްޞާޞްކުރެވޭ މީހުން އެތިބެނީ ﷲ ތަޢާލާގެ ކޯފާއަށް ހުށަހޮޅިގެން! އެއީ ބިރުވެރިކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ނިކަމެތިންގެ ކުރިމަތީގަ ހުންނައިރު ތިމާގެ މޮޅުކަން އިޙްޞާޞްކުރެވޭ މީހުން އެތިބެނީ ﷲ ތަޢާލާގެ ކޯފާއަށް ހުށަހޮޅިގެން! އެއީ ބިރުވެރިކަމެއް!

ތަނަވަސްކަން ލިބުމުން ނުވަތަ މަތީ މަޤާމެއް ލިބުމުން އަގުބޮޑު ގަނޑުވަރުތަކުގައި އުޅުމާއި ބޮޑެތި ތަޚުތުތަކަށް ވެޑުވިގެން ތިބުމަކީ މާފަހުން ޢާންމުވި އާދަތަކެވެ. ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޒަމާނުގައާއި ޞަޙާބީންނާއި ތާބިޢީންގެ ޒަމާނުގައި އެއީ ޢަމަލުކުރި ގޮތެއް ނޫނެވެ. މީސްތަކުންނާއި ބައްދަލުކުރައްވަވައި އުޅުއްވެވީ މިސްކިތްތަކުގައެވެ. އިށީނދެވަޑައިގެން ތިއްބެވީ ތަޅުމުގައެވެ. 

އަމީރުލް މުއްމިނީންކަން ކުރެއްވެވި ބޭކަލުންވެސް އެބޭކަލުންނަކީ އެންމެ ނިކަމެތި މީހުންނަށްވުރެ މަތީގައި ތިއްބެވި ބޭކަލުން ކަމަށް ބައްލައިވައިގެން އެއްވެސް ކަމެއް ކުރައްވަވާފައެއް ނުވެއެވެ. އެމޭރުމުން ބަސްފުޅެއްވެސް ވިދާޅުވެފައެއް ނުވެއެވެ. އިސްލާމް ދީން ކުރިއަރައި ދިއައީ އެކަންކަމުގެ ސަބަބުންނެވެ. 

ވީމާ އަހުރެމެންވެސް ވިސްނައިލަމާ ހިނގާށެވެ! އެއްވެސް މުސްލިމަކަށް ކުރުން ހުއްދަވެގެން ނުވާ ކަންތައްތަކެއް އެބަހުއްޓެވެ. އެއިގެ ތެރެއިން އެއްކަމަކީ ތިމާގެ މުސްލިމް އަޚާއަކީ ތިމާއަށްވުރެ ދަށުދަރަޖައިގެ މީހަކު ކަމުގައި ހީކުރުމެވެ. 

އޭނާއަކީ އަންހެނަކަށްވެސްވެދާނެއެވެ. އަދި ފިރިހެނަކަށްވެސް ވެދާނެއެވެ. ކޮންމެ ސިފައެއްގައި ހުރި މީހަކަށްވެސް ވެދާނެއެވެ. ކިތަންމެ ބޮޑު ނިކަމެއްޗަކުކަމުގައިވެސް ވެދާނެއެވެ. އަދި ތިބާއަކީ ހުރިހާ ކަމަކުން މާމަތީގައި ހުރި މީހަކަށްވެސް ވެދާނެއެވެ. މާގިނައިން އަޅުކަންކުރާ މީހަކު ކަމުގައިވެސް ވެދާނެއެވެ. އޭނާއަށްވުރެ މާގިނަ ނިޢުމަތްތައް ދެއްވަވާފައިވާ މީހަކަށްވެސް ވެދާނެއެވެ. 

ދެމީހުންގެ ކިބައިގައި ދުނިޔަވީ ގޮތުން ކިތަންމެ ބޮޑު ތަފާތުތަކެއް ހުރިނަމަވެސް އަނެކާއަކީ ތިމާއަށްވުރެ ނިކަމެތިމީހަކު ކަމުގައި ދުށުން ﷲ ތަޢާލާ ވަނީ ވަރަށް ބޮޑަށް މަނާކުރައްވަވާފައެވެ. އަދި އެއީ ﷲ ތަޢާލާ ރުހިވޮޑިނުގެން ކޯފާ ލައްވަވާ ކަމެއްކަން އަލްޤަމަރު ސޫރަތުން އެނގިގެންދާނެއެވެ. 

އަހުރެމެންނަށް ދުނިޔޭގައި ކިތަންމެ ގިނަ ނިޢުމަތްތަކެއް ދެއްވަޥާފައިވީނަމަވެސް އަހުރެމެންނަށް ﷲ ތަޢާލާގެ ޙަޟްރަތުގައި އޮތީ ކޮންދަރަޖައެއްކަމެއް، އަދި އަނެކާއަށް ﷲ ތަޢާލާގެ ޙަޟްރަތުގައި އޮތީ ކޮން ދަރަޖައެއް ކަމެއް ނުއެނގޭނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން