ދިރިއުޅެމުންދާއިރު ދަތިތައް ކުރިމަތިވީމާ ސަލާމާތްވާން ޢާއިލާ ދޫކޮށް ފިލަންދާ މީހުންނަށް ޢާއިލާއަށް ފިލުނަސް ﷲ ތަޢާލާގެ ކޯފާއަށް ފިލޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ދިރިއުޅެމުންދާއިރު ދަތިތައް ކުރިމަތިވީމާ ސަލާމާތްވާން ޢާއިލާ ދޫކޮށް ފިލަންދާ މީހުންނަށް ޢާއިލާއަށް ފިލުނަސް ﷲ ތަޢާލާގެ ކޯފާއަށް ފިލޭނެތަ؟

ދުނިޔޭގައި އެކަކު އަނެކަކަށް ފިލިދާނެއެވެ. މަންމައަށް ނުވަތަ ބައްޕައަށް ނުވަތަ މަްނމައާށައި ބައްޕައަށް ދަރިންނަށް ފިލިދާނެއެވެ. ދަރިންނަށް މައިންބަފައިންނަށް ފިލިދާނެއެވެ. ފިލައިގެން ގޮސް ދުވަހަކު ލޮލަށް ނުފެނިވެސް އުޅެވިދާނެއެވެ. އެކަމަކު ﷲ ތަޢާލާ އެމީހަކަށް ލައްވަވާ ކޯފާއަށް ފިލައިގެން އުޅެވިދާނެ ހެއްޔެވެ؟  

މިސުވާލު މިގޮތަށް ކުރަން މިޖެހެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެސަބަބުތަކާއި ޙައްލުވެސް މިކިޔައިދެނީއެވެ. އިން ޝާ ﷲ 

ދިރިއުޅެމުން އަންނައިރު އަބަދު ކުރިމަތިވާނީ ކުރަން ފަސޭހަ، އަދި ކުރާހިތްވާ ކަންކަމެއް ނޫނެވެ. އެހެން ނަމަވެސް ގިނަބައެއްގެ ވިސްނުމުގައި ހުންނަ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކަށް ކުރިމަތިލާން ބޭނުމެއް ނުވެއެވެ. އެއީ ކުރާ ހިތްވާ ކަމެއް ނޫނެވެ. ބޭނުންވެވެނީ ދަތިއުނދަގޫ ކަންތައްތަކާއި ވީހައި ބޮޑަށް ދުރުހެލިވާށެވެ. ބުރައާއި ތަކްލީފް އުފުލަންޖެހޭނެ ކަންކަމާއި ވީހައި ދުރުގައި ހުންނާށެވެ.  

ނަމަވެސް މިއީ މިކަމުގައި ދެކޮޅު ޖެއްސޭނެ ގޮތެއް ނޫނެވެ. ކިތަންމެ ނުރުހުނަސް، ކުރަން ބޭނުން ނުވި ނަމަވެސް ދަތި އުނދަގޫ ކަންކަމަށްވެސް ކުރިމަތިލައި ކުރަން މަސައްކަތްކޮށްގެން ނޫނީ ދިރިއުޅުން ކާމިޔާބެއް ނުކުރެވޭނެއެވެ.  

ހަމައެކަނި ކުރަން ފަސޭހަ ކަންކަން ކުރަން ބޭނުންވާ މީހުންނަށް ކުރިމަތިވާ އެހެން މައްސލައެއްވެސް އެބައޮތެވެ. އެއީ ސިކުނޑީ އެގޮތަށް ބަދަލުވެގެން ދިއުމެވެ. އެއިރުން ކުރިމަތިވާނެ މައްސަލައަކީ ކިރިޔާވެސް ކުރަން އުނދަގޫވާނެކަމެއް ކުރިމަތިވާއިރަށް ސިކުނޑި ނުރުހެން ފަށާނީއެވެ. އެގޮތުން އެއީ ކުރަން ވަރަށް ބުރަވާނެ ކަމެއްކަން ވިސްނައިދީ ކުރިމަތިލަންވެސް މީހާ ކަންނެތް ކުރުވާނެއެވެ.  

މީސްތަކުންނޭވެ! ދަތި އުނދަގޫ ކަންކަމަށް ކުރިމަތިނުލައި ދުނިޔޭގައި އުޅެވޭނީ ކިހިނަކުން ހެއްޔެވެ؟ ނިކަން ވިސްނައިލަބަލާށެވެ!  

ދަތި އުނދަގޫ ޙާލަތުގައި ދިރިއުޅެންޖެހުމުން ދެމަފިރިން އެބަ ވަކިވެއެވެ. ދަރިންކޮޅު އެބަ އުކައިލެވެއެވެ. މައިން ދަރިންކޮޅު ދޫކޮށްލާފައި ތަނަވަސްކަން ލިބޭނެ ކަމަށް އުންމީދުކުރެވޭ ދިމާއަށް އެބަދެއެވެ. ބައްޕައިން ދަރިންކޮޅު އުކާލާފައި އެބަ ފިލައެވެ.  

އެފަދަ ކަންކަން އެކުރެވެނީ މިބަޔާންކުރި ފަދައިން ތިމާއަށް ކަންކަން ވިސްނޭތީއެވެ. ދަތި އުނދަގޫ ޙާލަތު ކުރިމަތިވުމުން ބަލައިގަންނަން ފަސްޖެހެވޭތީއެވެ. ކެތްތެރިވެލައި ﷲ ތަޢާލާ އާއި ކުއްތަންވެލަން ހިތްވަރުކުރުމާއިމެދު ވިސްނައިވެސް ނުލެވޭތީއެވެ. އެކަމުން ދެއްވަވާނެ ގިނަ ގުނަ ޘަވާބާއިމެދުގައިވެސް ވިސްނައި ނުލެވޭތީއެވެ. އަދި ކީއްހެއްޔެވެ؟ އެގޮތަށް ކަންކަން ކުރުމުން ﷲ ތަޢާލާ ތިމާއަށް ކުރިމަތިކުރައްވަވައިފާނެ މުޞީބާތްތަކަށް ބިރުވެތިވެސް ނުވެވޭތީއެވެ.  

ވީމާ ކޮންމެ މީހަކުވެސް މިކަންކަމަށް ވިސްނައި ހެޔޮ ގޮތުގައި ޢަމަލުކުރާށެވެ! ﷲ ތަޢާލާ ކުރިމަތިކުރައްވަވާ އިމްތިޙާންތަކުން ފާސްވާން މަސައްކަތްކުރާށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން