ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވާތީ މާޔޫސްވެ ނަމާދުނުކޮށް ތިއަ ހުންނަނީ މިކަންކަން ނުއެނގޭތީ! އެނގޭނަމަ ނަމާދުކުރުން ގިނަކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވާތީ މާޔޫސްވެ ނަމާދުނުކޮށް ތިއަ ހުންނަނީ މިކަންކަން ނުއެނގޭތީ! އެނގޭނަމަ ނަމާދުކުރުން ގިނަކުރާނެ!

އެކުވެރި އަޚުންނާއި އުޚުތުންނޭވެ! ތިބާ އެދުނު ކަމެއް ނުވެއޮތް ނަމަވެސް، ނުވެ ކިތަންމެ ލަސްވިނަމަވެސް، އަދި ދުވަހަކު އެކަމެއް ނުފުދުނަސް ﷲ ތަޢާލާއަށް ޝުކުރުވެރިވާށެވެ! އެކަން އެގޮތަށް މެދުވެރިވާނީ ﷲ ތަޢާލާ އެކަން އެގޮތަށް މެދުވެރިކުރެއްވެވުމުންނެވެ.  

އަދިވެސް ދަންނާށެވެ! ތިބާއެދުނު ކަމެއް ހިންމަވައި ދެއްވެވުން ލަސްކުރައްވަވާނީވެސް އަދި އެކަމެއް ފުއްދަވައި ނުދެއްވަވާނީވެސް ސަބަބެއް އޮތުމުންނެވެ. އެ ސަބަބު އަހުރެމެންނަކަށް ނުއެނގޭނެއެވެ. ދެނެވޮޑިގެންވާނީ ހަމައެކަނި ﷲ ތަޢާލާއެވެ.  

މިކަން ފާހަގަ މިކުރަނީ ބައެއް މީހުންނަށް ވަރަށް ބޮޑު ގޯހެއް ހެދޭތީއެވެ. އެގޯހަކީ ތިމާ އެދުނު ކަންކަން ޙާޞިލް ނުކުރެވި، ނުވަތަ ހިންމަވައި ނުދެއްވަވައި ލަސްވުމުން އެއީ ބަހަނާއަކަށް ހަދައި ތިމާ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރަން ފަސްޖެހުމެވެ. ކަންނެތްވުމެވެ.  

އެއްގޮތަކަށްވެސް އެބޮޑު ގޯސް ނުހަދާށެވެ! އަހުރެމެންނަށް އޮތީ ކިޔަމަންތެރިކަން އަދާކުރުމެވެ. ވޯީހައި ގިނައިން އަޅުކަންކުރަން މަސައްކަތްކުރުމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން އަބަދުވެސް މަސައްކަތްކުރަމުން ދިއުމެވެ.  

ވިސްނައިލާށެވެ! އަޅުކަންކުރަން ކަންނެތްވެވިފައި ހުއްޓައި މަރު އައިސް ބައްދަލުކޮށްފިނަމަ ދެން ވާނީ ކިހިނަކުންހެއްޔެވެ؟ ތިބާގެ ޢަމަލުތައް މީޒާނުގައި ކިރައިލެވޭނެ ވަޤުތު ހެޔޮކަމުގެ ކޮޅަށް ބުރަ ނުވެއްޖެނަމަ ދެންވާނީ ކިހިނަކުންހެއްޔެވެ؟  

ވީމާ އަހުރެމެންނަށް އޮތީ ބޭނުންވާ ކަންކަމަށް އެދި ދުޢާކުރުންމަތީގައި ދެމިތިބުމެވެ. ދުނިޔޭގައި ހުއްޓައި ޢިޖާބަ ނުކުރައްވަވައިފިނަމަ ޤިޔާމަތް ދުވަހު ކުރާނެ ފައިދާ މާބޮޑުވާނެއެވެ. ލިބޭ އުފާވެރިކަން އެތައް ހާސް ގުނަ އަކަށް އިތުރުވެގެންދާނެއެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން