ޤުރްއާނާ ޙަދީޘްފުޅުތައް އެނގުނީމަ ކައިވެނިނުކޮށް ލޯބިވެގެން އިތުރަށް އުޅެން ބޭނުންނުވި އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 47ސ
ޤުރްއާނާ ޙަދީޘްފުޅުތައް އެނގުނީމަ ކައިވެނިނުކޮށް ލޯބިވެގެން އިތުރަށް އުޅެން ބޭނުންނުވި އަންހެނެއްގެ ވާހަކަ-

ކައިވެނި ނުކޮށް ލޯބިވެގެން އެކުގައި އުޅެން ބޭނުން ނުވުމަށް އަބަދުވެސް އިލްތިމާސް ކުރަމެވެ. ސަބަބުތައް ހުރީތީއެވެ. ނަމަވެސް ގިނަ ބައަކު އެޒަމާން މިޒަމާން ކިޔައި ބަހަނާތައް ދައްކައެވެ. އެކަމުގެ ސަބަބުން އެމީހުންގެ ދުނިޔެއާއި ޢާޚިރަތްވެސް ދަނީ ގެއްލިގެންނެވެ.  

މިޙާލަތުން މީސްތަކުން ސަލާމަތްކުރެވޭތޯ މިކުރާ މަސައްކަތުގެ ތެރެއިން މިރޭވެސް ފުރަތަމަ ކަމަކަށް މިވާހަކަ އަޑުއަހާށެވެ! މިހެން މިބުނަނީ މިވާހަކަ ކުރިންވެސް އެކިފަހަރުމަތިން އެކި މަޖިލިސްތަކުގައި ކިޔައިދެވިފައިވާތީއެވެ. އެއީ ހަމަ މިވާހަކައިން ލިބޭ ޢިބްރަތް ބޮޑުކަމުންނެވެ.  

އަހުރެން އިސްލާމް ދީން ޤަބޫލުކުރުމަށް އެންމެ ބޮޑަށް އެހީތެރިވެދިނީ އަހުރެންގެ ލޯބިވެރިޔާއެވެ. އިސްލާމްވުމުން ނަމާދާއި އެހެނިހެން އަޅުކަން ކުރަން ދަސްކޮށްދޭން އޭނާ އައީ އެހީތެރިވަމުންނެވެ.  

ކަންދިމާވިގޮތުން އޭނާގެ ޢާއިލާގެ މީހަކު ބަލިވެގެން ކުއްލިއަކަށް އޭނާގެ ޤައުމަށްދާންޖެހުނެވެ. އަހުރެންހުރީ ވަރަށް ދެރަވެފައެވެ. އެއީ ހަމައެކަނި ލޯބިވެރިޔާ ފުރާތީއެއް ނޫނެވެ. ދީން ދަސްކޮށްދޭން ހުރި މުދައްރިސް އެހައި އަވަހަށް ގެއްލީތީއެވެ.  

ދެން ބިރުގަތީ އަހުރެންގެ ކަންކަމަށް ސަމާލުކަން ދޭން އޭނާ ނެތިއްޖެނަމަ އހުރެންގެ މުސްލިމް ނޫން އެކުވެރިންގެ ނުފޫޒު އަހުރެންގެ މައްޗަށް ގަދަވެގެންފާނެ ކަމަށެވެ. އެކަމަށް ގަތްބިރު މާބޮޑެވެ.  

ކޮންމެއަކަސް އޭނާ ފުރުމަކުން ދީނަށް ދެމުން އައި ސަމާލުކަން ކުޑައެއް ނުކުރަމެވެ. ކުރީ އިތުރެވެ. ކޮންމެ ދުވަހަކު ފަރުޟު 5 ނަމާދު ވަޤުތުގައި ކުރަމެވެ. ހުސްވަޤުތެއް ލިބޭއިރަށް ޤުރްއާނުގެ އިނގިރޭސި ތަރުޖަމާ ކިޔަން ފަށަމެވެ.  

ލޯބިވެރިޔާ އެނބުރި އައީ ދޮޅުމަސް ފަހުންނެވެ. އައުމުން ބުނީމެވެ. "ދެން ކައިވެނިނުކޮށް އެއް އެޕާޓްމަންޓެއްގައި އުޅެވޭކަށް ނެތެވެ. ބޭނުންނަމަ މިހާރުވެސް ކައިވެނިކުރަންވީއެވެ."  

އޭނާ ދިއައީ ސިއްސައިގެންނެވެ. އޭނާއަށް ފުރަތަމަ ހީކުރެވުނީ އަހުރެން އޭނާ އާއި ވަކިވާނެ ގޮތެއް ހޯދަނީ ކަމަށެވެ. އެހެންވެ އެއީ ކީއްވެގެން ނިންމި ނިންމުމެއްކަމާއިމެދު ސުވާލުކުރުމުން ބުނީމެވެ. "އަހުރެން ޤުރްއާނުގެ ތަރުޖަމާ 3 ފަހަރު ކިޔައިފީމެވެ. ކައިވެންޏާއި ބެހޭ ގޮތުން ހުރި ޙަދީޘްފުޅުތައްވެސް ކިޔައިފީމެވެ. ކައިވެނިނުކޮށް އެއްތަނެއްގައި އުޅޭނަމަ ސުވަރުގެ ލިބޭކަށް ނެތެވެ. އަހުރެން މިހާރު އެންމެ ބޮޑަށް ކުރަން ބޭނުންވާ ކަމަކީ ސުވަރުގެ ދިއުމެވެ."  

އޭނާއަށް ވިސްނުނެވެ. އޭނާ ދަތުރުވަރުބަލި ފިލުވާލައި ފެންވަރާ ހަދައިގެން އަހުރެން ގޮވައިގެން ދިއައީ އަހުރެން އިސްލާމްވި މިސްކިތަށެވެ. މިސްކިތަށް ގޮސް ދެމީހުން ކައިވެނިކުރީއެވެ.  

އަހުރެންގެ ޙަޔާތުގެ މިވާހަކައިން އެއްވެސް މީހަކަށް ކިތަންމެ ކުޑަ ނަމަވެސް ފައިދާއެއް ކޮށްފިނަމަ އަހުރެންގެ ބޭނުން ނިމުނީއެވެ.  

އޭނާގެ ވާހަކަ ނިމުނީއެވެ. ދެން މިކުރަނީ އަހުރެން ކުރަން ބޭނުންވާ ސުވާލެވެ. އޭނާއަކީ އަލަށް އިސްލާމްވި އަންހެނެކެވެ. ޤުރްއާނުގެ މާނަ އެނގުމުން ކައިވެނިނުކޮށް ދެލޯބިވެރިންގެ ގޮތުގައި އުޅެގެން ނުވާނެކަން އަދި ބައްދަލުވެ އުޅެގެން ނުވާނެކަންވެސް އޭނާއަށް ވިސްނިއްޖެއެވެ. އަދި ޢަމަލުވެސް ކޮށްފިއެވެ.  

އެހެންކަމަށްވާއިރު މުސްލިމުންގެ ގޮތުގައި ބޮޑުވެފައި ތިބި އަހުރެމެންނަށް މިކަންކަން ނުވިސްނިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ ޤުރްއާނުގެ މާނައެނގުމުން އަސަރުނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ޢަމަލު ނުކުރެވިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިކަންކަމަށް ވިސްނައިލާށެވެ! ޙަޤީޤަތުގައި އަސަރު ނުކުރަނީ އަހުރެމެންގެ ހިތްތަކަށް ޝައިޠޯނާ ވެރިވެގެންފައިވާތީއެވެ. ސުވަރުގެ އެދޭނަމަ ޝައިޠޯނާގެ ކިބައިން ސަލާމަތްވެ އަވަހަށް ހިތް ޠޯހިރުކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން