މިސްކިތުގަ މީހުން ކުރާ ކަންކަމަށް ކަންބޮޑުވި ދަރިފުޅަށް ބައްޕަދިން އަގުހުރި ނަޞޭޙަތް! ދަސްކޮށް ފިލާވަޅު ލިބިގަންނަން އެބަޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
މިސްކިތުގަ މީހުން ކުރާ ކަންކަމަށް ކަންބޮޑުވި ދަރިފުޅަށް ބައްޕަދިން އަގުހުރި ނަޞޭޙަތް! ދަސްކޮށް ފިލާވަޅު ލިބިގަންނަން އެބަޖެހޭ!

 

އެއްދުވަހު ދަރިފުޅު މިސްކިތުން އައިސް ބުންޏެވެ. "ބައްޕާއެވެ! ދެން އަހުރެން މިސްކިތަކަށް ނުދާނަމެވެ. އެތަނުގައި ގިނައީ މުނާފިޤުންނެވެ. އެމީހުން އަޅުކަންކުރުމުގެ ބަދަލުގައި ތިބެނީ އަމިއްލަ ވާހަކަތައް ދައްކާށެވެ. ނޫނީ ފޯނާއި ކުޅޭށެވެ."  

ބައްޕަ ބުންޏެވެ. "ދަރިފުޅާއެވެ! ތިއަ ބުނި ވާހަކަތަކުން އެނގެނީ މިސްކިތަށް ގޮސްއުޅުމުގައި ދަރިފުޅު ފޭލްވީކަމެވެ." ބައްޕަގެ ޖަވާބުން ކަންބޮޑުވެ ހުރެ އެއީ ކީއްވެގެންތޯ؟ ސުވާލުކުރުމުން ބައްޕަ ބުންޏެވެ. "ދަރިފުޅު މިސްކިތަށްދާންވީ އެހެން މީހުން ކުރާ ކަންކަމަށް ބަލާކަށް ނޫނެވެ. ﷲ ތަޢާލާއަށް އަޅުކަންކުރާށެވެ! އެމީހަކަށް ޘަވާބު ދެއްވަވާނީ އެމީހަކު ކުރި ކަމަކަށެވެ. އެހެން ބައަކު ޘަވާބު ހޯދަން މަސައްކަތްނުކުރާތީ ކަންބޮޑުވާކަށް ދަރިފުޅަކަށް ނުޖެހޭނެއެވެ. ދަރިފުޅު ބަލަންވީ ދަރިފުޅަށް ވިހާ ގިނައިން އަޅުކަންކުރެވޭތޯއެވެ. ވީހާ ގިނަ ޘަވާބު ހޯދޭތޯއެވެ."  

އެކުއްޖާއަސް އެބުނެވުނީ މިސްކިތްތަކުން ވަރަށް ގިނައިން ފެންނަ ކަމެއްގެ ވާހަކައެވެ. ބައްޕަ އެބުނެދިނީ މިސްކިތަށް ގޮސް ޢަމަލުކުރަން އޮތް ގޮތެވެ.

އެހެން މީހުން ކުރާ ކަމަކުން ތިމާއަށް އަޅުކަންކުރަން އުނދަގޫނުވާނަމަ ކަންބޮޑުވުމެއް ނެތެވެ. ތިމާއަށް އުނދަގޫވާނަމަ އެވާހަކަ އެމީހުންގެ ގާތުގައި ރިވެތި ބަހުން ބުނެލާށެވެ! އެވަރުން ފުއްދައިލާށެވެ! އިތުރަށް ޒުވާބުކޮށް ނުހަދާށެވެ!

ކޮންމެ ތަނެއްގައިވެސް ތަފާތު މިޒާޖާއި ވިސްނުމުގައި ތަފާތު މީހުންވެސް އުޅޭނެއެވެ. ވީމާ މިސްކިތުންވެސް ތަފާތު މީހުން ފެންނާނެކަން ޤަބޫލުކުރާށެވެ. އެއިރުން އެހެން މީހުން ކުރާ ކަންކަމަށް ކަންބޮދުވާކަށް ނުޖެހޭނެއެވެ.

 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން