ޢުޒުރު ދައްކާނެ ކަމެއް ނެތް! ފަރުޟް ނަމާދުތަކަށް ރައްކައުތެރިނުވެވޭނަމަ އެކަމުން އަންގައިދެނީ އެމީހެއްގެ ހިތުން ތިމާއަކީ މުސްލިމެއްކަމަށް ޤަބޫލުނުކުރެވޭކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
ޢުޒުރު ދައްކާނެ ކަމެއް ނެތް! ފަރުޟް ނަމާދުތަކަށް ރައްކައުތެރިނުވެވޭނަމަ އެކަމުން އަންގައިދެނީ އެމީހެއްގެ ހިތުން ތިމާއަކީ މުސްލިމެއްކަމަށް ޤަބޫލުނުކުރެވޭކަން!

ފަރުޟް ނަމާދުތަކަށް ރައްކައުތެރިނުވެވޭ މީހުންގެ ވާހަކަ ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވާފައިއ އެވަނީ އެކަމަށް ވިސްނައި ފިކުރުކުރުމަށެވެ. ތިމާގެ ސަލާމަތާއި ރައްކައުތެރިކަން ލިބިގަންނަން މަސައްކަތްކުރަން އޮތް އިންޒާރެއްގެ ގޮތުގައެވެ. ހިތާމައަކީ އަހުރެމެންނަށް އެކަމަށް ވިސްނައި ބަލައި ނުގަނެވޭ ކަމެވެ.  

ބައެއް މުސްލިމުން ނަމާދު ނުކުރަނީ ކީއްވެގެންކަމާއިމެދު ސުވާލުކުރެވެއެވެ. އެސުވާލަށް ތަފާތު ޖަވާބުތައްވެސް ދެވިދާނެއެވެ. އެކަމަށް ﷲ ތަޢާލާގެ ޙަޟްރަތުން އައިސްފައިވާ ވަޙީ ބަސްފުޅުތަކަށް ބެލުމުން އަހުރެންނަށް ވިސްނޭ ގޮތް ބުނެފާނަމެވެ.  

ސަބަބަކީ އޭނާއަށް ފުރިހަމަ ގޮތުގައި އީމާން ނުވެވެނީއެވެ. ކޮންމެ ވަޤުތަކުވެސް މަރުވެދާނެ ކަމަށާއި އާޚިރަތް ދުވަހަށް ބިރުވެތިނުވެވެނީއެވެ. ތިމާ މިހުރީ އީމާންވެގެންކަމަށް ބުނި ނަމަވެސް ހިތުން އެކަން ޤަބޫލުނުކުރެވެނީއެވެ.  

ދުލުން ކިތަންމެ ގިނަ ބަސްތަކެއް ބުނިނަމަވެސް އެބަސްތަކަށް ޢަމަލެއް ނުކުރެވޭނެއެވެ. ޢަމަލުކުރެވޭނީ ޢަމަލުކުރަން ހިތް ބުނީމައެވެ. ހިތް އެކަމަކަށް ބޭނުންވުމުންނެވެ. ޔަޤީންކުރާށެވެ. އަޅުކަން ކުރުން އެކަންޏެއް ނޫނެވެ. އެއްވެސް ކަމެއްކުރަން ހިތް ބޭނުންވެއްޖެނަމަ އެކަމެއް ކުރަން މަސައްކަތްކުރެވޭނެއެވެ. އެކަމެއް ނުކުރެވެނީސް ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. 

ފުރިހަމަ މުސްލިމަކަށް ވެވޭނީ ހިތުގެ އެންމެ އަޑިން ތިމާއަކީ މުސްލިމެއްކަން ޤަބޫލުކުރެވިގެންނެވެ. އިސްލާމް ދީނުގައިވާ ކަންކަމަށް ޢަމަލުކުރަން ޢަޒުމް ކަނޑައެޅީގެންނެވެ. އެކަންކަން ކުރާހިތްވެގެންނެވެ.  

ވީމާ ނަމާދުތައް ޤަވާއިދުން ނުކުރެވޭނަމަ އެކަމުން އަންގައިދެނީ އެމީހެއްގެ ހިތުން ތިމާއަކީ މުސްލިމެއްކަމަށް ޤަބޫލުނުކުރޭ ކަމެވެ. ވީމާ ނަމާދު ޤާއިމުނުކުރެވޭ މީހުން، ތިމާމެންނަކީ މުސްލިމުން ކަމަށް ބުނާނަމަ އެބުނާ ބަހަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެއްވެސް ބުރަދަނެއް ހުރި ބަހަކަށް ނުވާނެއެވެ. 

އެކަންކަން ބަޔާން ކުރައްވަވައި އަލް ޤިޔާމަ ސޫރަތުގެ 31 އަދި 32 ވަނަ އާޔަތުގައި ވަޙީ ކުރައްވަވާފައިވަނީ މިފަދައިންނެވެ.  

فَلَا صَدَّقَ وَلَا صَلَّىٰ 

"ފަހެ، އޭނާ (ﷲގެ ފޮތް) ތެދެއްވެސް ނުކުރެތެވެ. އަދި ނަމާދެއްވެސް ނުކުރެތެވެ." 

وَلَٰكِن كَذَّبَ وَتَوَلَّىٰ 

"އެހެނެއްކަމަކު އޭނާ ދޮގުކުރިއެވެ. އަދި އޭނާ ފުރަގަސްދީ އެނބުރިދިޔައެވެ." 

މީސްތަކުންނޭވެ.! ފުރަގަސްދީ އެނބުރިދާ މީހުންގެ ތެރޭގައި ނުވާށެވެ! ދެންހުރި އާޔަތްތަކަށް ވިސްނައިލާށެވެ!  

"ދެން އޭނާގެ އަހުލުވެރިންގެ ގާތަށް ބޮޑާކަންމަތީ ހިނގަމުންދިޔައެވެ."

"ކަލެޔަށް ހަލާކު ހުށްޓެވެ. ފަހެ، (ކަލެޔަށް) ހަލާކު ހުށްޓެވެ."

"ދެންވެސް ކަލެޔަށް ހަލާކު ހުށްޓެވެ. ފަހެ، (ކަލެޔަށް) ހަލާކު ހުށްޓެވެ."
"ބޭކާރުގޮތުގައި އޭނާ ދޫކޮށްލައްވާނެކަމަށް އިންސާނާ ހީކުރަނީ ހެއްޔެވެ؟"

(އަލް ޤިޔާމަ: 33.34.35.36)

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން