"އަޅުގަނޑުގެ އެކުވެރިއަކު އުޅުނީ އެހާބޮޑު ބައްޔެއްގައެއްވެސް ނޫނެވެ. މީހުންނާ ރީތިކޮށް ވާހަކަދައްކަން އޮވެ ހިނިތުންވެސް ވިއެވެ. އެކަމަކު ކުއްލިއަކަށް ތެޅި ފޮޅިގަތެވެ. މޫނުގެ ކުލަ ބަދަލުވެ މޫނު މިލައިގެން ދިއައެވެ."
މިފަދަ ޙާލަތު މެދުވެރިވާ ސަބަބާއި ބެހޭ ގޮތުން ސުވާލުކުރައްވާ ކިޔުންތެރިންނަށް މިގެނެސްދެނީ އެކަމުގެ މަޢުލޫމާތު ހިމެނޭ ލިޔުމެކެވެ. އިން ޝާ ﷲ
މަރުވުމުގެ ވަޤުތު ކަންކަން ހިނގާނެ ގޮތް ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ. އެކަންކަން އިތުރަކަށް ނުއެނގޭނެއެވެ. އެހެނީ އެވަޤު ހިނގާ ކަްނަކން އެއްވެސް މީހަކަށް ބުނެނުދެވޭނެތީއެވެ.
ބައެއް މީހުން މަރުވުމުގެ ވަގުތުގައި ހާސްވެ ތެޅި ފޮޅި މޫނު ކުނިވެ މާޔޫސްވެއެވެ. ހިނިތުންވުން މޫނުމަތިން ފިލައިގެންދެއެވެ. މިފަދަ ގޮތްތައް މެދުވެރިވަނީ ކީއްވެގެންކަން ބުނަން އެކަކަށްވެސް ނުއެނގޭނެއެވެ. އަދި މަރުވާ މީހާއަށްވެސް ބުނެއެއް ނުދެވޭނެއެވެ. އޭނާގެ ދޫ ތަޅުލެވިފައިވާތީއެވެ. މަރުގެ މަލާއިކަތާ ނުވަތަ މަލާއިކަތުން ފެންނަ ހިސާބުން ދެން ހިނގާ ކަންކަން ބުނެނުދެވޭނެތީއެވެ.
ނަމަވެސް ވިސްނައިލެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ. މިޘާލަކަށް އެމީހަކީ ނުބައި ގޮތުގައި ދުނިޔޭގައި އުޅެފައިވާ މީހަކުނަމަ ފުރާނަ ހިއްޕަވަން ވަޑައިގަންނަވާ މަލާއިކަތުން ތިއްބަވާނީ ވަރަށް ބިރުވެރި ސިފައިގައެވެ. އެއީ ޢަޛާބުގެ މަލާއިކަތުންނެވެ. އެބޭކަލުންގެ ބަސްފުޅުވެސް އެހައި ހަރުކަށިވާނެއެވެ!
ހަމަ އެއާއިއެކު އެމީހާގެ ފުރާނަ ހަށިގަނޑުން ބޭރަށް ނުކުންނަން ދެކޮޅުހަދާނެއެވެ. އެހިނދު ފުރާނަ ހަށިގަނޑުން ނެރުއްވަވާނީ ބޮޑެތި، ތޫނު ކަށިތަކެއް ފަޅާފައިވާ ވައުގަނޑެއް ފަދަ އެއްޗެއް ދަމައި ހަށިގަނޑުތެރެއިން ނެރެވޭ މިސާލުގައެވެ. އެހައި ވޭނުގައެވެ.
މީސްތަކުންނޭވެ! ވިސްނައި ބިރުވެތިވާންވީ މިކަންކަމަށެވެ. ތިމާގެ ހަށިގަނޑާއި ފުރާނަ ވަކކުރައްވަވާނެ ވަގުތަކަށެވެ. އެހާލަތަކީ އުފާވެރި ޙާލަތަކަށް ބަދަލުކުރުމުގެ ފުރުޞަތު މިއަދު އެބަ އޮތެވެ. ނަމަވެސް މަރުގެ މަލާއިކަތާ ލޮލަށް ފެންނަ ހިސާބުން އެފުރުޞަތު ގެއްލިގެންދާނެއެވެ. ތައުބާގެ ދޮރު އެމީހަކަށް ބަންްދުވެގެންދާނެތީއެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން