ސުވާލެއް ކޮށްލާނަމެވެ! ދަތިޙާލެއްގައި ހުންޓައި އެހީތެރިވާން އެހީ ހިފައިގެން ގެއަސް އަންނަ މީހާ ގެއިން މާއަގުބޮޑު ވަގަށް ނަގައިގެން ދިއައިމަ ގެނައި އެހީއިން ކުރާނީ ފައިދާހެއްޔެވެ؟ ހަމަޔަޤީނުންވެސް ލިބޭނީ ގެއްލުންކަމާއި ލިބޭނެ ގެއްލުން މާބޮޑުވާނެކަން ވިސްނުމުގައި ބަހައްޓައިގެން އަޑުއަހާށެވެ!
ޢާންމުކޮށް ގިނަ އަންހެނުންނަކީ މީހުން ދައްކާ ވާހަކަ ފަސޭހައިން ޤަބޫލުކުރެވޭ ބައެކެވެ. ތަޢްރީފްކޮށް ޚުޝާމަދުކުރާނަމަ ވަރަށް ފަސޭހައިން މަޅީގައިޖެހެވެއެވެ. ކަންތައް ހުންނަނީ މިފަދަ ގޮތަކަށް ނަމަވެސް އަންހެނުންގެވެސް ހޭލުންތެރިކަން އިތުރުވެ މިކަންކަމަށް ސަމާލުކަންދޭ އަންހެނުން އަންނީ އިތުރުވަމުންނެވެ. އެހެންކަމާއިއެކުގައިވެސް މިއީ އަންހެނުން ވަރަށް ބޮޑަށް އިތުރަށް ސަމާލުކަންދޭންޖެހިފައިވާ ކަމެކެވެ.
ފުރަތަމަ ކަމަކަށް މީހުން ދައްކާވާހަކަ އަޑުއަހާށެވެ! ފުންކޮށްވިސްނާށެވެ! ބުނާ ވާހަކަތަކުން ތިމާއަށް ކުރާނީ ފައިދާކަން ނުވަތަ ނޫންކަން ތަކުރާރުކޮށް ވިސްނާށެވެ. ވަޤުތުން ޖަވާބުވެސް ނުދޭށެވެ. ޚާއްޞަކޮށް އަމިއްލަ ދިރިއުޅުމާއި ގުޅުންހުރި ކަންކަމުގައި އިތުރަށް ވިސްނަންވާނެއެވެ.
މީހަކު ހެޔޮއެދިގެން ވާހަކަދައްކާނަމަ އެދައްކާވާކަ ދައްކަނީ އިޚްލާޞްތެރިކަމާއިއެކުގައިކަމާއިމެދު ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. އިޚްލާޞްތެރިކަމާއިއެކު ވާހަކަދައްކާ މީހަކު އޭނާގެ އަމިއްލައެދުން ކުރިއަކަށް ނުނެރޭނެއެވެ. ޒަވާޖީ ޙަޔާތެއްގައި އުޅެމުންދާ އަންހެނެއްގެ ދިރިއުޅުމުގެ ކަމަކަށް ވާހަކަ ދެއްކިނަމަވެސް ވަރަށް ދައްކާއިރު ވަރަށް ތެދުވެރިވެފައި އިންޞާފުވެރިވާނެއެވެ.
އެއްވެސް މީހަކީ އަނެކާއަށް ކިތަންމެ ބޮޑު ދެރައެއްވެސް ނުދޭނެ މީހެއްކަމަށް ބަލައިގެންނުވާނެއެވެ. ކިތަންމެ ރަނގަޅު މީހަކަށް ހެދިގެން އުޅެފައިވެސް ކޮންމެ ފަދަ ބޮޑު ލަނޑެއްވެސް ދީފާނެއެވެ. ވީމާ އެއްވެސް މީހަކަށް އިތުބާރުކުރުން މިހާރު މިއޮތީ ވަރަށް ބޮޑު ކަމަކަށްވެފައެވެ. ނަމަވެސް އެއިގެ މާނައަކީ އެއްވެސް މީހަކަށް އިތުބާރުނުކޮށް އުޅެވޭނެ ވާހަކައެއް ނޫނެވެ.
މިއަދުގެ ޙާލަތަށް ބަލައިފިނަމަ ގިނަ އަންހެނުންނަށް ގިނަ ފަހަރު ނިކަމެތި ޙާލުގައި ޖެހެނީ ހިތްދަތިކަމުގައި ހުންނަ ވަޤުތުތަކުގައި އޯގާތެރިވުމުގެ ނަމުގައި މަގުއޮޅުވައިލެވޭތީއެވެ. ތިމާއަށް މާބޮޑަށް ހެޔޮ އެދޭކަމަށް ނުވަތަ ތިމާދެކެ މާބޮޑަށް ލޯބިވާކަމަށް ހެދިގެން ދައްކާ ވާހަކަތަކަށް ހެއްލެވޭތީއެވެ.
މިކަމަށް އޮތް އެންމެ ރަނގަޅު ޙައްލެއްކަމަށް ބެލެވޭ އެއްގޮތަކީ ވާހަކަ ދައްކާ މީހާގެ ޢަމަލުތައް ހުންނަ ގޮތް ބެލުމެވެ. އެހެން މީހުންނާއިމެދު ޢަމަލުކޮށްފައި ހުންނަ ގޮތް ބެލުމެވެ. ކައިވެނިކޮށްގެން ހުރި މީހަކު ނަމަ އަނބިމީހާއަށް ކަންކަންކުރާގޮތް ބެލުމެވެ. ކައިވެނިރޫޅިފައިވާ މީހަކުނަމަ ރޫޅެންޖެހުނު ސަބަބު އެކަމާއި ގުޅުންހުރި މީހެއްގެ ނުވަތަ މީހުންގެ ކިބައިން ބަލައި އޮޅުންފިލުވުމެވެ.
މިފަދަ ކަންކަމަށް ރަނގަޅަށް ބަލާފައި ނޫނީ މީހުން ދައްކާ ވާހަކަ ޤަބޫލުނުކުރާށެވެ! ރީތިކޮށް އޯގާތެރިކަމާއިއެކު ވާހަކަދެއްކުމަކީ ކުރަން ވަރަށް ފަސޭހަކަމެކެވެ. ނަމަވެސް އެހެން މީހަކަށް ފައިދާކުރާނެ ގޮތަށް ކަންކަން ކުރުމާއި އެހީތެރިވެދިނުމަކީ ގިނަބައަކަށް ކުރަން އެހައި ފަސޭހަކަމެއް ނޫނެވެ. އަދި ޒިންމާ އުފުލުމަކީ މަދުބައަކަށް ނޫނީ ކުރެވޭ ކަމެއް ނޫނެވެ.
- އަލަފް / މިއަދުނޫހަށް