ނުއެނގިހުއްޓާ ކަށީގަ ހަރުލާ އެންމެ ގެއްލުން ބޮޑު ބައްޔަކީ ކޮބައިކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
ނުއެނގިހުއްޓާ ކަށީގަ ހަރުލާ އެންމެ ގެއްލުން ބޮޑު ބައްޔަކީ ކޮބައިކަން އެނގޭތަ؟

ކެންސަރުޖެހުމުން އެންމެންވެސް ކަންބޮޑުވެއެވެ. ކޮންމެ މީހަކަށްވެސް ކޮންމެ ބައްޔެއްވެސް ޖެހިދާނެއެވެ. އެހެންކަމާއިއެކުވެސް ޑޮކްޓަރުން ބުނާގޮތުގައި ކެންސަރުބަލި މިހައި ބޮޑަށް ޢާންމުވަމުން މިދާ ސަބަބުތަކުގެ ތެރޭގައި ފަސޭހައި ކައިލެވޭތީ ކައި އުޅޭ ގިނަ ބާވަތްތަކެއް ކެއުން ގިނަވުން ހިމެނެއެވެ. ހިތްހަމަޖައްސަން ވަރަށް ފަސޭހައިން ކުރެވޭ ކަންކަން ހިމެނެއެވެ. މިބުނަނީ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ވާހަކައެވެ. މިކަންކަމުން އެނގެނީ ކުރަން ފަސޭހަ ކޮންމެ ކަމަކީ ފައިދާހުރިކަމެއް ނޫންކަމެވެ. ނުހަނު ބޮޑެތި ގެއްލުންތައް ލިބޭ ކަމެއްކަމެވެ. 

ދެން މިބަލައިލަނީ ނުއެނގިހުއްޓައި ކަށިގައި ހަރުލަމުން އަންނަ އެންމެ ގެއްލުން ބޮޑު ބައްޔާއިމެދުގައެވެ. އެބައްޔަކީ ފަސޭހައިން ދަރަނި ލިބޭތީ އިމެއް ނެތި ދަރަނި ނަގައި ދަރަނިވެރިވުމެވެ. 

ފިހާރަތަކުން ސްކީމްތައް ތަޢާރަފްކޮށް ބޭނުންހައި އެއްޗެއް ދަރަންޏަށް ދޫކުރަނީއެވެ. ބޭންކްތަކުން ތަފާތު ނަންނަމުގައި ލޯނުތައް ދޫކުރަނީއެވެ. ދަރަނި ލިބުން މިހައި ފަސޭހަވުމުން ދަރަނިވެރިވުން މިއަދު މިވަނީ އެންމެންވެސް ކުރާ އެންމެ ޢާންމު އެއްކަންތައްކަމަށް ވެފައެވެ. 

އަދި އެވަރަކުން ނުފުދެއެވެ. އެކުގައި އުޅޭ އެކުވެރިންގެ އަތުންވެސް ދަރަންޏަށް ނަގަނީއެވެ. އޮފީހުންވެސް ނަގަނީއެވެ. އޮފީހުގައި އުޅޭ އެކުވެރި މުވައްޒިފުންގެ އަތުންވެސް ދަރަނި ނަގަނީއެވެ. މިކުރެވެނީ ކިހައިވަރެއްގެ ކަމެއް ކަމާއިމެދު ވިސްނައިލާ މީހަކުވެސް އުޅޭހެނެއް ހިއެއް ނުވެއެވެ. 

މީސްތަކުންނޭވެ! މިއީ އިސްލާމްދީނުގައި ކަންކަންކުރަން އޮތްގޮތެއް ނޫނެވެ. ދަރަންޏަށް އެއްޗެއް ހޯދަންވާނީ ބަނޑުފުރާނަ މުއްތިކުރެވެން ނެތުން، ބައްޔަކަށް ފަރުވާކުރެވޭނެ އެހެން ގޮތެއް ނެތުން ފަދަ ދަރަންޏަށް ނުނަގައިވާނެ އެއްވެސް ޙާލަތެއް ނެތިއްޖެނަމައެވެ. 

ޞަޙާބީންނަކީ ކޮންފަދަ މަތިވެރިކަން ލިބިވަޑައިގެންވާ ބޭކަލުންހެއްޔެވެ؟ އެފަަދ މަތިވެރި ބޭކަލުން އަވަހާރަވުމުން އެބޭކަލެއްގެ ދަރަންޏެއް އޮތްނަމަ އެބޭކަލެއްގެ މައްޗަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަށުނަމާދުކުރައްވަވައި ނުދެއްވެވީ އެކަމުގެ ހުރި ބޮޑުކަން މީސްތަކުންނަށް އަންގަވައިދެއްވެވުމަށެވެ. ހަމައެކަނި އެކަމަސް ވިސްނައިލި ނަމަވެސް ދަރަނިވެރިވުމުގެ ހުރި ނުބައިކަން އެނގިގެންދާނެއެވެ. 

ދަރްނަޏަށް ލިބެންހުރި އެންމެ ގިނަ ޢަދަދަށް ދަރަންޏަށް ނެގިނަމަވެސް އިންސާނަކަށް ބޭނުންވާނެ ހުރިހާކަމެއް ޙާޞިލެއް ނުކުރެވޭނެއެވެ. އެއްކަމެއް ޙާޞިލްކުރެވޭއިރަށް އަނެއްކަމެއް ޙާޞިލްކުރަން ބޭނުންވާނެއެވެ. އެހެނީ އިންސާނާގެ ހިތަކީ ފުރޭނެ އެއްޗެއް ނޫނެވެ. 

އެންމެ ބޮޑު ޢަބުރުވެރިއަކީ ކޮބައިކަމާއިމެދު ވިސްނައިލާށެވެ! އަހުރެންގެ ކުރިމަތީގައި އެންމެ ޢަބުރުވެރި އަދި ޤަދަރު އުފުލިގެންވާ މީހަކީ ދަރަނިވެރިނުވެ ލިބޭ މިންވަރަކުން ފުދިގެން ދިރިއުޅޭ މީހާއެވެ. މަސައްކަތްކުރަންވީ އެފަދަ މީހަކު ކަމުގައިވުމަށެވެ! 

އަދިވެސް ބުނެލާނަމެވެ! އެންމެ އަރާމުގައި ނިދައިލެވޭނީވެސް ދަރަނިވެރިނުވެ ހުންނަ މީހަކަށެވެ. އަދި އެމީހާގެ އަމިއްލަ މިނިވަންކަމުގައި ދިރިއުޅެވޭނީވެސް ދަރަނިވެރިނުވެ ދިރިއުޅޭ މީހަކަށެވެ. ދަރަނިވެރިވުމަކީ މީހާގެ މިނިވަންކަން ގެއްލި އަޅުވެތިވެސްވާކަމެކެވެ. 

ދަރަނިވެރިވުމުގެ ކުރިން މިބަޔާންކުރި ކަންކަމަށް ވިސްނައިލާށެވެ! ދަރަނިވެރިވާން ފަށައިފިނަމަ އެއީ ދެވިހިފާވެސް ކަމެކެވެ. ދެވިހިފައިފިނަމަ އެމީހަކު އަބަދުވެސް ހުންނާނީ ދަރަނިވެރިވެފައެވެ. އުޅެންޖެހޭނީ ދަރަނިތަކުން ސަލާމަތް ނުވެވިގެންނެވެ. އަދި ކީއްހެއްޔެވެ؟ ދެވިހިފައިފިނަމަ ކިތަންމެ ގިނައިން ލިބުނަސް ދަރަނިވެރިވުމުގެ ނުބައި އާދައިން މިންޖެއް ނުވެވޭނެއެވެ! 

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން