ކަމުދާ އަންހެނަކު ފެނިވަޑައިގަތުމުން ޞަޙާބީންގެ ހިތްޕުޅުގައިވެސް ލޯބީގެ ޖަޒުބާތު އުފެދުނު! ތަފާތުވެގެން މިއުޅެނީ ޢަމަލުފުޅު ކުރެއްވެވި ގޮތާ އެކަނބަލުން ދެއްވެވި ޖަވާބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ކަމުދާ އަންހެނަކު ފެނިވަޑައިގަތުމުން ޞަޙާބީންގެ ހިތްޕުޅުގައިވެސް ލޯބީގެ ޖަޒުބާތު އުފެދުނު! ތަފާތުވެގެން މިއުޅެނީ ޢަމަލުފުޅު ކުރެއްވެވި ގޮތާ އެކަނބަލުން ދެއްވެވި ޖަވާބު!

ފިރިހެނުން އަންހެނުން ދެކެ އަދި އަންހެނުން ފިރިހެނުން ދެކެ ލޯބިވުމަކީ މިޒަމާނަށް ޚާއްޞަ ކަމެއް ނޫނެވެ. އެހެން ގޮތަކަށް ބުނާނަމަ ތިމާ ރުހޭ މީހަކު ފެނުމުން އެމީހަކުދެކެ ދެކެ ލޯބިވުމަކީ މިއަދު އަލަށް ފެށިގެންއުޅޭ ކަމެއް ނޫނެވެ. ޞަޙާބީންގެ ޒަމާނުގައިވެސް އެކަންކަން ހަމައެގޮތަށް އޮތެވެ. ތަފާތަކީ އެބޭކަލުންވެސް އަދި އެކަނބަލުންވެސް ޢަމަލުފުޅު ކުރެއްވެވި ގޮތެވެ. 

އެއިރު ޞަޙާބީންނަށް އެބޭކަލުންގެ ހިތްޕުޅަށް ކަމުދާ އަންހެން ބޭކަނބަލަކާއި ބައްދަލުވެވަޑައިގެންފިނަމަ އެކަން ހާމަކުރައްވައެވެ. ޖަވާބުގައި އެކަނބަލުން ވިދާޅުވަނީ އަހުރެންނާއި ގުޅެން (ކައިވެނިކުރަން) ބޭނުންނަމަ ގޮސް އަހުރެންގެ މައިންބަފައިންގެ ހުއްދަ ނެގުމަށެވެ. ދެން އެބޭކަލަކު ވަޑައިގެން ހުއްދަ ނަންގަވައިގެން ކައިވެނިކުރައްވަނީއެވެ. 

ފާހަގަކުރަންޖެހޭ އެންމެ މުހިންމު ނުކުތާއަކީ އެބޭކަލުންނަކީވެސް އިންސާނުންކަމަށްވީތީ ދެމީހުން ބައްދަލުވި ހިސާބުން ޞަޙާބީންގެ ހިތްޕުޅުގައިވެސް ލޯބީގެ ގުޅުން އުފެދިފައިވީނަމަވެސް އަންހެން މީހާގެ ގައިގައި ބީހިލެއްވުމުގެ ގުޅުން އުފައްދަވަނީ ކައިވެނިކުރެއްވުމަށްފަހުގައެވެ. 

މިހާރު މިވަނީ އެހެންނަކުން ނޫނެވެ. ބައްދަލުވެ ލޯބިވާ ހިސާބުން، ދެމީހުން އެކަން ޤަބޫލުކުރާ ހިސާބުން ފުރަތަމަވެސް އުފައްދަނީ ގައިގައި ބީހުމުގެ ގުޅުމެވެ. ކުރާނެހައި ކަމެއް ކުރާތާ 2،3 އަހަރަށްފަހު ކައިވެނިކުރުމުގެ ވާހަކަ ބުނެވޭއިރަށް އަންހެންކުއްޖާ ގަންނަނީ ބިރެވެ. އެދެނީ މައިންބަފައިންގެ ގާތުގައި ނުބުނުމަށެވެ. އެއީ އަންހެންކުއްޖާ ކައިވެނިކުރަންޖެހޭނީ ކޮން ޢުމުރެއްގައިކަމާއި ކޮންކަންތައްތަކެއް ޙާޞިލްކުރުމަށްފަހުގައި ކަމަށް މައިންބަފައިން ކަނޑއަޅާފައިވާތީއެވެ. އެއިގެ ކުރިން ކައިވެނިކުރަން އުޅޭކަން އެނގިއްޖެނަމަ ރުޅިއައިސްގެން ކޮންމެ ކަމެއްވެސް ކޮށްފާނެތީއެވެ. 

މިނުބައި އާދަ ދޫކޮށްލަން އެބަޖެހެއެވެ. މައިންބަފައިންގެ ބަސް ޤަބޫލުކޮށް އެމީހުން ބޭނުންވާ ގޮތަށް ކައިވެނިކުރަންހުރިނަމަ ހިލޭ ފިރިހެނުންގެ ގައިގައި ނުބީހި ހުންނަން އެބަޖެހެއެވެ. ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަންކަން ނުކޮށް ހުންނަން އެބަޖެހެއެވެ. ފިރިހެނަކު ދެކެ ލޯބިވާނަމަ ލޯބިވާންވާނީ އެމީހާއަށް ތިމާގެ ގައިގައި ނުބީހި ކައިވެނިކުރެވެންދެން ކެތްކުރެވޭނެ ނަމައެވެ. 

ލޮބުވެތި ކަނބަލުންނޭވެ! ތިއަކަނބަލުންނަށް ﷲ ތަޢާލާ ވަނީ ވަރަށް މަތިވެރި ޤަދަރެއް ދެއްވަވައިފައެވެ. އެކަން ތިބާއާއިއެކު ދެމިއޮންނާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ގޮތަށް ޢަމަލުތައް ބެހެއްޓުމުންނެވެ. ޢިއްފަތްތެރިކަންމަތީގައި ހުރެގެންނެވެ. ވީމާ އަމިއްލައަށް ތިމާގެ ޢަބުރާއި ޤަދަރު އެއްލައިނުލާށެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ދޫކޮށްނުލާށެވެ! 

ތިއަ ލޮބުވެތި ކަނބަލުންނަށް ހެޔޮލަފާ، އުފާވެރިކަން ހޯދައިދޭނެ ބައިވެރިއަކު ލިބޭނީ އެއިރުންނެވެ. ޔަޤީންކުރަންޖެހޭނެ ކަމަކީ އެފަދަ ބައިވެރިއަކު ލިބޭނީ ﷲ ތަޢާލާ ދެއްވެވުމުން ކަމެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން