ހިތްހަމަނުޖެހޭއިރަށް ރުޅިއައިސް ބައިވެރިޔާގެ ހިތުގަ ޖައްސުވާފަ ރުޅިމަޑުވީމާ "ސޮރީ" ބުނާ މީހަކާއެކު ކެތްކުރެވޭނެ މީހުންނެއް ނުތިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ހިތްހަމަނުޖެހޭއިރަށް ރުޅިއައިސް ބައިވެރިޔާގެ ހިތުގަ ޖައްސުވާފަ ރުޅިމަޑުވީމާ "ސޮރީ" ބުނާ މީހަކާއެކު ކެތްކުރެވޭނެ މީހުންނެއް ނުތިބޭނެ!

އަހުރެން އަބަދުވެސް ބުނަމެވެ. ކޮންމެ މީހަކީވެސް ރުޅި އައުދެވޭނެ މީހެކެވެ. ރުޅިއައުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވީ ރުޅި އައުދެވުމުން ތިމާއަށް ޢަމަލުކުރެވޭ ގޮތެވެ. ތިމާއަށް ބުނެވޭ ބަސްތަކާއި އަތުންފައިން ކުރެވޭ ކަންަކމެވެ. އަޑުގެ ވޮލިޔުމެވެ. ރުޅި ގަދަވުމާއި ރުޅި ކޮންޓްރޯލް ނުކުރެވުމުގެ މައްސަލައަކީ އެންމެ ބޮޑު އެއް މައްސަލައެވެ. އިންސާނުންނަށް އެންމެ ބޮޑެތި ދެރަތައް ލިބެމުން އަންނަ އެއްކަމަކީ ރުޅި ކޮންޓްރޯލު ނުކުރެވުމެވެ. ރުޅި ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކެވެ.


ރުޅީގައިވެސް ދެބާވަތެއްވެއެވެ. ފުރަތަމަ ބާވަތަކީ ރުޅި އާދެވިދާނެ ފަދަ ކަމެއް ކުރިމަތިވުމުން ﷲ ތަޢާލާ އަންގަވާފައިވާ އިންތަކުން ބޭރު ނުވެ އަންނަ ރުޅިއެވެ. ރުޅީ އައިނަމަވެސް ދުލުން ނުބައި ބަސްތައް ނުބުނުމާއި ނުބައި ޢަމަލުތައް ނުކުރުމެވެ. ރުޅީގެ މައްޗަށް އަމިއްލައަށް ބާރުގަދަވެގަތުމެވެ. ރުޅި އައުމުން އެކަން ކޮންޓްރޯލްކުރެވޭނީ އެމިހާގެ މައްޗަށް ޝައިޠޯނާއަށް ބާރު ނުފޯރުވޭނެ މީހުންނަށެވެ.


މިބާވަތުގެ ރުޅި އައުމަކީ އެމީހަކު ދެކެ ﷲ ތަޢާލާ ކޯފާވެ ވޮޑިގަންނަވާނެ ކަމެއް ނޫނެވެ. އަދި ރުޅިއަންނަ ހިނދު މިފަދައިން އަމަލުކުރާ މީހުން ދެކެ ﷲ ތަޢާލާ ރުހިވޮޑިގެންވެއެވެ.


ރުޅީގެ ދެވަނަ ބާވަތަކީ ރުޅި އައުމުން ހުރިހާ ކޮންޓްރޯލެއް ތިމާގެ ބާރުން ނެއްޓިގެންދާގޮތަށް އާދެވޭ ރުޅިއެވެ. އެފަދަ ރުޅި އާދެވޭމީހުން ރުޅިއަންނައިރަށް ސިކުނޑި ތެޅިފޮޅެންފަށާނެއެވެ. ކުރެވޭ ނުކުރެވޭ ކަމެއް ނުއެނގޭނެއެވެ. ކިޔޭ ނުކިޔެ އެއްޗެއްވެސް ނުއެނގޭނެއެވެ. މިމިްވަރަށް ރުޅި އާދެވޭ މީހުންނަކީ އެމީހާގެ މައްޗަށް ޝައިޠޯނާ ވެރިވެގަނެ ބާރުގަދަކޮށްފައިވާ މީހުންނެވެ.


މިފަދައިން ރުޅި އަންނަ މީހުންދެކެ ﷲ ތަޢާލާ ރުހިވޮޑިގެނެއް ނުވެއެވެ.

ބައެއް މީހުން ރުޅިއަންނަހިނދު ހިތަށް އެރިހައި ކަމެއް ކޮށްފައި، ބުނާނެހައި އެއްޗެއް ބުނެފައި "އެކަންކަން ކުރެވުނީ ރުޅިއައުމުން" ކަމަށްބުނެ މާފަށް އެބައެދެއެވެ. މާފަށް އެދުމުން އޮތީ މާފުކުރުމެވެ. ނަމަވެސް އެއީ އަބަދު ތަކުރާރުކުރަންޖެހޭ ކަމަކަށް ވެއްޖެނަމަ ފޫހިވެވޭނެއެވެ.


ވީމާ މިކަމަކީ ޚާއްޞަކޮށް ކޮންމެ ދެމަފިރިއަކުވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. އެހެނީ ތިމާއަކީ ބައިވެރިޔާއަށް ކިތަންމެ ހެޔޮކޮށް ކަންކަންކުރާ މީހަކު ނަމަވެސް ރުޅި އަންނަހިނދު ކޮންޓްރޯލް ނުކުރެވި ހިތަށް އެރިހައި ކަންކަންކޮށް، ހިތަށް އެރިހައި އެއްޗެއް ގޮވާނަމަ އެމީހަކާއި ކައިވެނިކޮށްގެން ދިރިއުޅެން ހަމަ އެކަކުވެސް ބޭނުންނުވާނެތީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސް

މިއަދު އޮންލައިން