ދިރިއުޅުމުގަ ބައްދަލުވާ ކޮްނމެ މީހަކީ ތިބާއާއިއެކު ޢުމުރަށް ދެމިހުންނާނެ މީހެއް ކަމަށް ޤަބޫލުކޮސްގެން ނުވާނެއެވެ. އެެހންނަމަ ކައިވެނީގެ ބައިވެރިޔާ ޢުމުރަށް ދެމިހުރީއެވެ. ވިސްނާށެވެ! ޢުމުރަށް އެކުގައި ތިބޭ ބައިވެރިންގެ ޢަދަދާއި ނިޞްބަތް ދުވަހުން ދުވަހަށް ބޮޑުތަނުން މިދަނީ މަދުވަމުންނެވެ.
މިހެން މިވަނީ އަނެކާއަށް ހެޔޮއެދިގެން އޭނާގެ ޙަޔާތަށް ވަންނަ މީހުންގެ ޢަދަދު މަދުވާތީއެވެ. ގިނައީ އެމީހަކު ބޭނުންވާ ކަމެއް ޙާޞިލުކުރުމަށް އަނެކާއާއި ގުޅޭ މީހުންނެވެ. ވީމާ ބައެއް މީހުންގެ ކިބައިން ޙާޞިލުކުރަންޖެހޭނީ ޢިބްރަތެވެ.
އެކުވެރިއަކަސް އަދި ޙަޔާތުގެ ބައިވެރިޔާކަމަސްވީނަމަވެސް ތިބާއާއި ވަކިވާން ބޭނުންވެއްޖެނަމަ އެމީހަކަށް އެފުރުޞަތު އަވަހަށްދޭށެވެ! ވަކިވާން ބޭނުންވާނެ އޮންނާނީ މައިގަނޑު ދެސަބަބެކެވެ. ފުރަތަމަ ސަބަބަކީ އެމީހަކު ތިބާގެކިބައިން ބޭނުންވި މަޤްޞަދު ޙާޞިލްކުރެވުމެވެ. ދެވަނަ ސަބަބަކީ ތިބާގެ ހުރި ހުޝިޔާރުކަން ބޮޑުކަމުން އޭނާ ތިބާގެ ކިބައިން ޙާޞިލުކުރަން ބޭނުންވި ކަންކަން ޙާޞިލުނުކުރެވޭނެކަން ޔަޤީންވުމެވެ.
ތިންވަނަ ގޮތެއްވެސް މެދުވެރިވެއެވެ. އެއީ ތިބާއާއި ވަކިވުމުން އެމީހަކަށް މާމޮޅު ގޮތެއް މެދުވެރިވެދާނެ ކަމަށް ނުވަތަ މާއުފަލުގައި އުޅެވިދާނެކަމަށް ޤަބޫލުކުރެވުމެވެ. ނަމަވެސް އެއީ ޚިޔާލީ ވިސްނުމެކެވެ. ގިނަވާނީ ހިތިތަޖުރިބާކުރަންޖެހޭ މީހުންނެވެ.
ސަބަބުތައް ހުރި ތަނުގައި ހުރި ގޮތަކަށް ބަހައްޓާށެވެ. ތިބާއާއިއެކު އުޅެން ބޭނުންނުވާ މީހަކާއިއެކު އުޅެން ނުވަތަ ހިފަހައްޓަން އުޅެގެން އިތުރު އަނިޔާއާއި ހިތްދަތިކަން ލިބުން ނޫން ކަމެއް މެދުވެރިއެއް ނުވާނެއެވެ. އެމީހަކު ވަކިވުމުން ދުވަސްކޮޅަކު ހިތާމަކުރަންވެސް ޖެހިދާނެއެވެ. ނަމަވެސް އެއީ ވަޤުތީ ކަމެކެވެ. ހިތްވަރުކޮށްލީމާ ދާދިއަވަހަށް އެހަނދާންތައް ފިލައިގެން ހިނގައިދާނެއެވެ. އެއިރުން ހިތަށް ލިބޭ އުފާވެރިކަމާއި ހިތްހަމަޖެހުން މާބޮޑުވާނެއެވެ. އިން ޝާ ﷲ
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން